ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ އެކު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހުރިހާ ކަމެއް އޭނައާ ހިއްސާކުރެއްވިކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ އެޕްސްޓީންގެ އީމެއިލް އަދި އެސްއެމްއެސް މުއާމަލާތްތަކުންނެވެ.

އެ މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދާއި އެޕްސްޓެއިންގެ ގުޅުން 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އެހެންވެ، މިއީ އެޕްސްޓީންގެ މައްޗަށް 2008 ވަނަ އަހަރު ޖިންސީ ކުށުގެ ތުހުމަތުކޮށް، ޖަލަށް ލައި އެތައް މަހެއް ވަންދެން ބަންދުގައި ހުރުމަށް ފަހު ދޫކޮށްލި ފަހުން ބޭއްވި ގުޅުމެއްކަން ކަށަވަރުވެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ވަހީދު ވަނީ ގިނަ މެއިލްތަކެއް އޭނާ އަށް ފޮނުއްވާފަ އެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އެފްޓިން ވަހީދަށް މެއިލްއެއް ފޮނުވި އެވެ.

"އިންތިހާބު މިވީ ކުރިން ލަފާކުރި ވަރަށް ވުރެ މާ އުނދަގޫ ކަމަކަށް. އިންޑިއާއިން ދަނީ އިންތިހާބަށް ނުފޫޒު ފޯރުވަމުން، އަދި ނަޝީދު ފުރަތަމަ ބުރު ވަގަށް ނަގަން އެ ގައުމުން ވަނީ އެހީވެފައި،" އެ އީމެއިލްގައި ވަހީދު ވިދާޅުވެފައިވެ އެވެ.

ވަހީދު އޭނާއަށް ފޮނުވި މެއިލް އެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިންތިހާބުގައި "ރަނގަޅު ފިލާވަޅެއް" ދޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި މައުމޫން ޖެހޭނީ ރިޓަޔާ ކުރައްވައިގެން ދުރުގައި ހުންނަވަން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ވަހީދު ފޮނުއްވި މެއިލްއެއްގައި ވިދާޅުވެފައި ވަނީ 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން ސަލާމަތްވާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ހަމައެހެންމެ ނަޝީދަށް އިންސާފުވެރި ޝަރީއަތެއް ލިބިދޭންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ރާއްޖޭގެ ރަށެއް ތަރައްގީ ކުރުމުގެ މަސައްކަތް އެޕްސްޓެއިންއާ ގުޅިގެން ކުރިއަށް ގެންދަވަން ވަހީދު އުޅުއްވިކަން ވެސް މެއިލްތަކުން ހާމަވެ އެވެ. އަދި އެކަމާ ގުޅޭ ފީޒިބިލިޓީ ރިޕޯޓެއް ހަދައި ހިއްސާކުރައްވާފައިވެ އެވެ.

އެޕްސްޓީންއާ އެކު ގާތްގުޅުމެއް ބާއްވަވައި، އޭނާ އަކީ ބޮޑެތި ކަންކަމުގައި އިރުޝާދު ހޯއްދަވާ ވަރުގެ ގާތް މީހެއްކަން ލީކްވެފައިވާ މެއިލްތަކުން އެނގެ އެވެ.