ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަން ސާބިތުވެފައިވާ އެމެރިކާގެ ބިލިޔަނަރު ޖެފްރީ އެޕްސްޓީން އާ މާލީ އެއްވެސް މުއާމަލާތެއް ނުހިންގާ ކަމަށާއި އޭނާއާ ބައްދަލުކުރެއްވިއިރު، ކުރެވޭ ތުހުމަތުތައް ސާފުވެފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
ވަހީދު އިސްތިއުފާ ދެއްވީ އެޕްސްޓީން އާއި މެއިލް މެދުވެރިކޮށް އެމަނިކުފާނު ދެއްކެވި ވާހަކަތަކެއް އާންމުވެ، ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ވަހީދުގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވަނީ، އެޕްސްޓީންއާ އެ މަނިކުފާނު ބައްދަލު ކުރެއްވީ ދެ ފަހަރެއްގެ މަތީން ކަމަށެވެ. މި ގޮތުން، އެ ބައްދަލުކުރެވުންތަކަކީ، ރަސްމީ ހައިސިއްޔަތުން ބޭއްވި ބައްދަލުވުންތަކެއް ކަމަށް ބަޔާނުގައިވެ އެވެ.
އޭގެތެރެއިން ފުރަތަމަ ބައްދަލުވުމަކީ، ސެޕްޓެމްބަރު 23، 2012ގައި ރޭގަނޑުގެ ކެއުމެއްގައި ބޭއްވި ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުމުގައި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެއާއެކު، ދެވަނަ ފަހަރަށް އެޕްސްޓީންއާ ބައްދަލުކުރެއްވީ، އެ މަނިކުފާނުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދާ އެކުގައި މެއި 18، 2014ގައި ކަމަށް ވިދާޅުވި އެވެ.
ރަސްމީގޮތުންނާއި އެ ނޫންވެސް ގޮތަކުން އެޕްސްޓީންއާ އެއްވެސް މާލީ މުއާމަލާތެއް ހިންގާފައިނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ވަހީދު ވިދާޅުވިގޮތުގައި އެޕްސްޓީންއާ ބައްދަލުކުރެއްވިއިރު، އޭނާގެ މައްޗަށް 2008 ވަނަ އަހަރު ކޮށްފައިވާ ތުހުމަތުގެ މައުލޫމާތެއް އެނގިވަޑައިނުގަންނަވަ އެވެ. އަދި އެކަން އެނގިވަޑައިގެންފައި އޮތްނަމަ، ފުރަތަމަ ބައްދަލުވުމަށް ފަހުގައި އިތުރު ބައްދަލުވުމަކާއި މުއާމަލާތެއް ނުހިންގެވީސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެޕްސްޓީންއާ ބައްދަލުކުރެއްވީ އިގުތިސާދީ މަޝްވަރާއަށް ރާއްޖޭން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ދަނޑިވަޅެއްގައި އެކަމުގައި މަޝްވަރާ ހޯދުމަށް ކަމަށާއި އެކަން ކުރަން ލަފާދެއްވީ ނިއުޔޯކުގެ ނުފޫޒުގަދަ ބޭފުޅެއް ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
"ޑެވިލް ވެއާސް ޕްރާޑާ 2"ގެ ޓްރެއިލާ ނެރެފި
މިއީ މުށި ބުދުތަކެއް ނޫން، ބޭނުންހާ ގޮތެއް ނުހެދޭނެ: ޝާހިދު
އީފާސް މެދުވެރިކޮށް ތާއީދު ހޯދާ މައްސަލަ ބަލައެއް ނުގަތް
