ކޮލަމްބޯ (26 އޭޕްރީލް) - ސްރީލަންކާގައި ކޮވިޑް-19ގެ އާ ވޭރިއަންޓް އެއް ފެތުރެމުންދާ ކަމަށާއި މިއީ ކުރިން އެ ގައުމުގައި ފެނިފައިވާ ވޭރިއަންޓްތަކަށް ވުރެ ހަލުވި ކަމާއެކު ފެތުރޭ ވޭރިއަންޓެއް ކަމަށް ލަންކާގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.

ސްރީލަންކާގެ ޖަޔަވަރުދަނަޕުރަ ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް އިމިއުނޮލޮޖީ އެންޑް މޮލިކިއުލާ ސައިންސަސްގެ ވެރިޔާ ނީލިކަ މަލަވިގެ ވިދާޅުވީ ކޮވިޑް-19ގެ މިވޭރިއަންޓަކީ ހަލުވިކަމާއެކު ފެތުރުމުގެ ނުރައްކާ އޮތް ވޭރިއަންޓް އެއް ކަމަށެވެ. އަދި މި ވޭރިއަންޓްގެ ސެލްތައް ވައިގެ ތެރޭގައި އެއްގަޑިއިރު ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި އެ ގައުމުގައި ފާހަގަކުރި އާ އަހަރުގެ މުނާސަބަތާ ގުޅިގެން ޒުވާނުންގެ މެދުގައި މި ވޭރިއަންޓް ފެތުރިދާނެކަމުގެ ކަންބާޑުވުން ސިއްހީ އިދާރާތަކުން ދަނީ ފާޅު ކުރަމުންނެވެ.

ޕަބްލިކް ހެލްތު އިންސްޕެކްޓަރެއް ކަމަށްވާ އުޕުލް ރޮހާނާ ވަނީ އާ ވޭރިއަންޓްގެ ސަބަބުން އެ ގައުމުގެ ހާލަތަށް އަންނަ ބަދަލު އެނގިގެންދާނީ ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ކަމަށް ބުނެފަ އެވެ.

ސްރީލަންކާގައި ކޮވިޑްގެ އާ ވޭރިއަންޓް އެއް ފެނިފައިވާއިރު އެ ގައުމުގެ ކޮވިޑް ޕްރެވެންޝަން މިނިސްޓްރީން ވަނީ މެއި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އަމަލު ކުރާނެ އާ ގަވާއިދުތަކެއް އިއުލާންކޮށްފަ އެވެ. ސްރީލަންކާގައި މިހާތަނަށް 100،586 މީހުންނަށަ ކޮވިޑް ޖެހިފައިވާ އިރު އެ ބަލޭގައި 642 މީހަކު މަރުވެފައިވެ އެވެ. -- ވިއޯ ނިއުސް