ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށާއި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާކުރުމަށް އެޅުނު ތާރީޚީ ފިޔަވަޅެއްގެ ގޮތުން، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) މިއަދު އިފްތިތާހުކޮށްފިއެވެ.

މި ޕޯޓަލް މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުން ޑިޖިޓަލް ކޮށްފައިވާއިރު، ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ ފަހުގެ މައުލޫމާތު ލިބޭނެ އެވެ. މި ޕޯޓަލްގައި ސޮއިކުރުމާއި، ސޮއިކުރާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރާނީ 'އީ-ފާސް' މެދުވެރިކޮށެވެ.

މި ޕޯޓަލްގެ ސަބަބުން، ޕެޓިޝަނެއް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަރޯސާވުން ކުޑަކުރެވި، ދިވެހިރާއްޖޭ ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު ޕެޓިޝަން ހުށަހެޅޭނެ އެވެ. އަދި، ޕެޓިޝަނަކަށް ސޮއި ލިބޭ މިންވަރަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން އެޅުމަށް ލާޒިމުވާ ފިޔަވަޅުތައް މި ނިޒާމުގެ ތެރެއިން ވަނީ ތައާރަފުކުރެވިފަ އެވެ.

މި ނިޒާމުގެ ސަބަބުން ޕެޓިޝަން ހުށަހެޅުމުގެ މަރުހަލާގައި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށް، ޕެޓިޝަންތަކަށް ޖަވާބުދާރީވާނެ ވަކި މުއްދަތުތަކެއް ކަނޑައަޅައި، ހާއްސަ ޕެޓިޝަންތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވޭނެ މަގު ފަހިކޮށްދީ، ހެޔޮ ބަދަލުތަކެއް މީގެ ސަބަބުން ގެނެވޭނެކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

ކުރިން ޢަމަލުކުރަމުން އައި ޕެޓިޝަން ނިޒާމާ ޚިލާފަށް، އަލަށް ތަޢާރަފުކުރެވުނު މި ޑިޖިޓަލް ނިޒާމުގެ ތެރެއިން، ޕެޓިޝަން ހުށަހެޅުމުން ފެށިގެން އެ ޕެޓިޝަނަކަށް ގޮތެއް ނިންމުމާ ހަމައަށް، މަޖިލީހުގައި އެ ޕެޓިޝަން ކުރިއަށްދިޔަ ގޮތް، ޕެޓިޝަންގައި ސޮއިކުރި ހުރިހައި ފަރާތްތަކަށް އެނގޭނެ އެވެ.

މި ޕޯޓަލް އިފްތިތާހުކުރުމާއެކު، ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަކުން އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމެއް ގާއިމުކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ. މި ސަރަޙައްދުން މިފަދަ ނިޒާމެއް މިހާތަނަށް ގާއިމުކޮށްފައިވަނީ ހަމައެކަނި ޕާކިސްތާނާއި ތައިލެންޑުގައެވެ.

މި ޕޯޓަލް ފަރުމާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސްއާ ގުޅިގެން، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.