އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތް ވޭތޯ ﷲގެ ހަޟްރަތުގައި ދުއާ ކޮށްދިނުމަށް އިންޑިއާގެ ފުލުހުން އެ ގައުމުގެ މުސްލިމުންގެ ކިބައިން އެދިއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯ އެއްގައި ތަރާވީޙް ނަމާދު ކުރިއަށްދާ ސަރަހައްދެއްގައި މުމްބާއީގެ ފުލުހުން އަޑުގަދަކުރާ ބޭނުން ކޮށްގެން މުސްލިމުންނަށް ރަމަޟާން މަހުގެ ތަހުނިޔާ ފޮނުވަމުން އެދިފައި ވަނީ ކޮވިޑްގެ ވަބާއިން ސަލާމަތްކޮށް ދިނުމަށް ﷲގެ ހަޟްރަތުގައި ދަންނަވައި ދުއާ ކޮށް ދިނުމަށެވެ.

https://fb.watch/583KJIKM6W/

ވާހަކަ ދައްކަމުން ދިޔަ ފުލުހުންގެ އޮފިސަރު ވަނީ ތަރާވީޙް ނަމާދުގައި ކުރާ ދުއާ އަކީ އަވަހަށް އިޖާބަ ކޮށްދެއްވާނެ ދުއާއެއް ކަމަށާއި އެހެން ކަމުން މާތްވެގެންވާ ރަމަޟާން މަހުގައި ގައުމުގެ ސަލާމަތަށް އެދި ދުއާކުރުން ގިނަ ކުރުމަށް އެދިފަ އެވެ.

އިންޑިއާގައި ކޮވިޑްގެ ދެވަނަ ރާޅާއެކު ހާލަތު ގޯސްވެ ހޮސްޕިޓަލުތަކުން އޮކްސިޖަން ހުސްވުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މި ބަލީގައި ދުނިޔެ ދޫ ކުރަމުންނެވެ. އެ ގައުމަކީ މި ވަގުތު ދުނިޔޭގައި އޮތް ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމެވެ.

ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އެ ގައުމުގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ ތިންލައްކަ އަށްވުރެ މަތީގަ އެވެ. މިއީ މުޅި ދުނިޔޭގައި ވެސް ދުވާލެއްގެ މައްޗަށް އެއް ގައުމަކުން ފެނުނު އެންމެ ބޮޑު އަދަދެވެ.