ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ބަހަމުންދާ މަސްދަޅު ކޭސް، ކުއްޔަށް އުޅޭ ފަރާތްތަކަށް ނުލިބޭ ގޮތަށް ގޭގެ ވެރިފަރާތުން ނަގަމުންދާ މައްސަލަ ފެންމަތިވެއްޖެ އެވެ.
މިކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާއިރު، މިއީ އިންސާފެއް ނޫން ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ގޭގައި ކުލި ދައްކައިގެން އަދި ކަރަންޓާއި ފެން ބިލަށް ބޮޑު ހޭދައެއް ކޮށްގެން އުޅޭއިރުވެސް، އެ ގޭބިސީއަށް ކަނޑައަޅާފައިވާ މަސްދަޅު ކޭސް ގޭގެ ވެރިފަރާތުން ނަގަނީ އެވެ.
މި މައްސަލަ ދިމާވި މީހަކު ކިޔައިދިން ގޮތުގައި، އޭނާ ރަށުންވެސް މަސްދަޅުކޭސް ނުލިބޭއިރު، މާލޭގައި އުޅޭތީ ކުނި ފީއާއި ކަރަންޓު ބިލަށް ބޮޑު ހޭދައެއް ކުރަންޖެހެ އެވެ.
"ނަންބަރު ނަގަން އުޅޭއިރު ބުނަނީ ނަގައިފިއޭ. މިއީ އެއްވެސް އިންސާފެއް ނޫން. 2000 ނުވަތަ 3000 ރުފިޔާ ކަރަންޓް ބިލަށް އަރާއިރު، އެ ބިލް ދައްކާ މީހާއަށް ހަދިޔާ ނުލިބުމަކީ ބޮޑު ދެރައެއް،" ޝަކުވާ ކުރަމުން މީހަކު ކަންބޮޑުވުމާއެކު ބުންޏެވެ.
މީގެ އިތުރުން އެހެން މީހަކުވެސް ވަނީ އޭނާގެ މަސްދަޅުކޭސް ގޭގެ ވެރިފަރާތުން އަތުލާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި ތަންތަން ކުއްޔަށް ހިފައިގެން އުޅެނީ ބޮޑު އަގުގައި ކަމަށާއި ނަމަވެސް އެވަރު އެއްޗެއް ވެސް ގޭގެ ވެރިފަރާތުން އެބަ ނަގާކަމަށެވެ. އަދި އެއީ އެމީހުންނަށް ހައްގުވާ އެއްޗެއްތޯ ވެސް އެ ފަރާތުން ވަނީ ސުވާލު އުފައްދާފަ އެވެ.
ސަރުކާރުން ރޯދަ ހަދިޔާ ދޫކުރުމުގެ އުސޫލުތަކުގައިވާގޮތުން، ރޯދަ ހަދިޔާގެ ޓޯކަން ލިބޭނީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުންނެވެ. ޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށް އައިޑީކާޑު ބޭނުންކޮށްގެންނެވެ. އެކަކަށް ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ ދެ ގޭބިސީގެ ކަރަންޓް ބިލެވެ.
މަސްދަޅުކޭސް ބަލައިދިޔުމުން އެ ތަކެތި ދޫކުރާނީ ޓޯކަން ރަޖިސްޓްރީ ކުރި ފަރާތަށެވެ. ތަކެތި ބަލައި އަންނައިރު އައިޑީކާޑުގެ އަސްލު ގެންނަންޖެހޭއިރު، 2025 ވަނަ އަހަރުގެ ނޮވެންބަރު ނުވަތަ ޑިސެންބަރު މަހުގެ ކަރަންޓް ބިލުގެ ކޮޕީއެއް (ފޮޓޯ ނުވަތަ އީ-ކޮޕީ) ގެންދަން ޖެހެއެވެ.
މާ ގިނައިން ފެން ބުއިމަކީ މައްސަލައަކަށް ވެދާނެތަ؟
ވިލާއިން ރ. އަތޮޅުގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓް ހުޅުވަނީ
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރިނަކީ މިއީ