ޗާގޯސް ޖަޒީރާގެ ސަރަހައްދީ ރަށްތަކުގެ މިލްކުވެރިކަމާ މެދު މޮރިޝަސްއާއެކު އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ އެއްބަސްވުމަކަށް އައިސްފައިވަނިކޮށް، ދިވެހިރާއްޖޭގެ އަސްކަރީ މިސައިލް ބޯޓެއް އެ ސަރަހައްދަށް ފޮނުވައިފި ކަމަށް އިނގިރޭސިވިލާތުގެ ނޫހަކުން ރިޕޯޓު ކޮށްފި އެވެ.
މިއީ އެ ސަރަހައްދުގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމިނިންމުމާއި ދެކޮޅުކަން ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވުމާއި ގުޅިގެން ދިވެހި އަސްކަރިއްޔާއިން އެސަރަހައްދު ބަލަހައްޓާނެ ކަމަށް އިއުލާންކުރުމާ އެކު އެޅި ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.
މިސައިލާއި ދެ ބާވަތެއްގެ ބޮޑުބަޑި ހަރުކޮށްފައިވާ މި މަނަވަރު ޗާގޯސް ސަރަހައްދަށް ފޮނުވާފައި ވަނީ ހާއްސަ ސަވައިލެންސް އޮޕަރޭޝަނަކަށް ކަމަށް ރާއްޖޭގެ އަސްކަރިއްޔާއާ ހަވާލާދީ އެ ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެ މަނަވަރުގެ އިތުރުން އެމްއެންޑީއެފްގެ އެއާ ކޯޕްސްގެ ޑްރޯންތަކެއް ވެސް މި ސަރަހައްދު ބެލެހެއްޓުމުގައި ބައިވެރިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާކޮށްފައިވާ "ޑޯގަން" ކްލާސްގެ މި މަނަވަރު މިހާތަނަށް އެ ސަރަހައްދުން ބޭރުގެ ބައެއް އުޅަނދުތައް ހުއްޓުވާފައިވާ ކަމަށް ވެސް އެ ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ރައީސް މުއިއްޒު ވަނީ ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާއި، އެކަމުގެ ގާނޫނީ އޮނިގަނޑު ރަސްމީކޮށް ދެކޮޅު ހައްދަވާފަ އެވެ.
ޗާގޯސް މައްސަލައިގައި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ "ނުރައްކާތެރި" އަދި ރާއްޖޭގެ ސަރަހައްދީ ފުރިހަމަ ކަމަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި ރައީސް މުއިއްޒު ވަނީ ސިފަކުރައްވާފަ އެވެ.
މޭ 2025 ގައި އިނގިރޭސި ސަރުކާރާއި މޮރިޝަސްއާ ދެމެދު ސޮއިކުރި އެއްބަސްވުމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެއީ އިނގިރޭސިވިލާތުގެ މުހިންމު ސަރަހައްދެއް ދޫކޮށްލުމުގެ އިތުރުން، އިނގިރޭސި ރައްޔިތުންގެ ޖީބުން 35 ބިލިއަން އާއި 80 ބިލިއަން ފައުންޑާ ދެމެދުގެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ލަފާކުރެވޭތީ އެވެ.
އެކްސްޕްރެސް ނޫހުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ގާނޫނީ ވަކާލާތުގެ ސަބަބުން މި މަރުހަލާއަށް ހުރަސް އެޅިދާނެ އެވެ. އަދި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ބާރު ބޭނުންކުރުމަކީ މި މައްސަލަ އިތުރަށް ހޫނުވެގެންދާނެ ކަމެކެވެ.
ޑިފެންސް މިނިސްޓްރީ އާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން މިހާރު ކުރިއަށްދާ "ޚާއްސަ އޮޕަރޭޝަން" އަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތައް މޮނިޓާކޮށް ރައްކާތެރިކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
އެ ނޫހުން ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނާ ހަވާލާދީ ބުނެފައި ވަނީ ގައުމުގެ މިނިވަންކަމާއި ސަރަހައްދީ ފުރިހަމަކަން ހިމާޔަތްކުރުމަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އަދި ގާނޫނުއަސާސީގެ 243 ވަނަ މާއްދާ އާއި ސިފައިންގެ ގާނޫނާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނަކީ އިގްތިސާދީ ސަރަހައްދު ހިމެނޭހެން ކަނޑުގެ ސަރަހައްދުތައް މޮނިޓާކޮށް ހިމާޔަތްކުރުމުގެ ގާނޫނީ ބާރު ލިބިދޭ ގާނޫނުތައް ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.
އެމްއެންޑީއެފް އިން ކުރިއަށް ގެންދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ "ސަވައިލަންސް" މަސައްކަތްތައް ކަމަށާއި އެއީ އަސްކަރީ ހަމަލާއެއް ދިނުމުގެ މަގްސަދުގައި ކުރާ ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ކިއާ ސްޓާމާގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ޗާގޯސްގެ މައްސަލައަކީ ލަންޑަނާއި މޮރިޝަސްއާ ދެމެދު އޮތް ދޭދޭ މައްސަލައެކެވެ. ނަމަވެސް، މީގެ ކުރިން އދ. އާއި ބައިނަލްއަގުވާމީ ކޯޓުން ވަނީ އެ ރަށްތަކުގެ ހަގީގީ މިލްކުވެރިއަކީ މޮރިޝަސް ކަމަށް ބަލައިގެންފަ އެވެ.
ސުވާލާއި ޖަވާބު: ވަކި ވަގުތެއްގެ ކުރިން ކެއުން ހުއްޓާލަން ޖެހޭތަ؟
ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ ރެޑް އެލާޓުގައި!
ފުލުހުންގެ އިދާރާ ހިންގުން ފަރުހާދުއާ ހަވާލުކޮށްފި