ކޮރޯނާ ވައިރަސް ވެކްސިންގެ އެންމެ ޑޯޒެއް ވިޔަސް ޖަހާފައިވާ ނަމަ އެ މީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު 50 ޕަސެންޓް ކުޑަކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާގައި ދައްކާގޮތުން އެމެރިކާގެ ފައިޒާ ނުވަތަ އިނގިރޭސިވިލާތުގެ އެސްޓްރާޒެނެކާގެ ވެކްސިންގެ އެއް ޑޯޒު ދިނުމަށްފަހު ތިން ހަފުތާ ފަހުން ބަލި ޖެހުނު މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ މިންވަރު އުޅެނީ 38 ޕަސެންޓާއި 49 ޕަސެންޓާ ދެމެދުގަ އެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ޕަބްލިކް ހެލްތު އިންގްލެންޑު (ޕީއެޗްއީ)ގެ ހެލްތު ސެކެޓްރަރީ މެޓު ހަންކޮކް ވަނީ މިއީ އުފާވެރި ހަބަރެއްގެ ގޮތުގައި ސިފަކުރައްވާ ވެކްސިން ޖެހުމަށް ހުއްދު އޮތް ހުރިހާ އެންމެން ވެސް ވެކްސިން ޖެހުމަށް ގޮވާލައްވާފަ އެވެ.

ވެކްސިން ޖަހުމަށްފަހު 14 ދުވަސް ފަހުން ބަލީގެ ރައްކާތެރިކަން ލިބޭ ވަރު ބޮޑުކަމަށް ދިރާސާއިން ދައްކާއިރު މީގެ ތެރޭގައި ހުރިހާ އުމުރު ފުރައެއް ހިމެނެ އެވެ.

ޕީއެޗްއީގެ ހެޑު އޮފް އިމިއުނައިޒޭޝަން ޑޮކްޓަރު މޭރީ ރަމްސޭ ވިދާޅުވީ ވެކްސިން އަކީ އާއްމު ދިރިއުޅުމަށް ރުޖާއަވުމަށް މުހިންމު ކަމެއް ކަމަށެވެ. އަދި ހަމަ އެހެންމެ ބަލި ޖެހުނު ކަމުގައި ވީ ނަމަވެސް އެއިން ކުރާ އަސަރު ކުޑަކޮށްދީ އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވުމުގައި ވެކްސިންގެ މުހިންމުކަން އޭނާ ފާހަގަ ކުރި އެވެ.

މީގެ އިތުރުން މި ދިރާސާ މުރާޖައާ ކޮށްފައި ނުވާއިރު މާހިރުން ދެކޭގޮތުގައި މި ދިރާސާއަކީ ގައުމުތަކުން ހިންގާ ވެކްސިން ޕްރޮގްރާމްތަކަށް ބޮޑު ބާރެއް ލިބޭނެ ދިރާސާ އެކެވެ.

ޕީއެޗްއިން ދަނީ މި ދިރާސާ އިތުރަށް ފުޅާކޮށް އާބާދީ ބޮޑު ހިސާބު ތަކުގައި ހޯދުންތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. --ރޮއިޓާސް