ފުވައްމުލަކަކީ ޒަމާނީ ސިޓީއަކަށް ބަދަލުކުރަން މަސައްކަތްކުރުމަކީ އަލަށް އިންތިޚާބުވި ސިޓީގެ މޭޔަރު އިސްމާއިލް ރަފީގުގެ ވަރަށް ބޮޑު އަމާޒެކެވެ. އެ އަމާޒަށް ވާސިލުވުމަށް އިސްމާއިލްގެ ހުވަފެންތަކަށް ކުލަ ގެނައުމުގައި ސިޓީ ކައުންސިލަށް ހޮވިފައިވާ ޕީޕީއެމް ދެ މެމްބަރުންނާއި އެމްޑީޕީގެ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމު ގުޅިގެން ކުރެވޭ މަސައްކަތުން ނަތީޖާ ހާސިލްވާނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ކައުންސިލްގެ ހިންގުން ޓްރާންސްފޯމްކޮށް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތް ހެދުމަކީ އެންމެ ފުރަތަމަ ވެސް ކުރަން ވިސްނާކަންތައް،" ކައުންސިލުގެ ހިންގުމަށް ގެންނާނެ ބަދަލާ ގުޅޭގޮތުން "ހުރިހާ" އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.
އެ ބަދަލުތައް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނާނީ އިސްމާއީލް ވިދާޅުވާގޮތުން ނަމަ އޮންލައިންކޮށް ހުރިހާ ޚިދުމަތެއް ވެސް ލިބޭ ފަދަ ގޮތަކަށެވެ. އޮންލައިން ޚިދުމަތްތައް ފުޅާކުރެއްވުމުގައި އޭނާގެ ވިސްނުން ހުރީ ސްމާޓް ސިޓީއެއްގެ ގޮތުގައި ރަށް ތަރައްގީ ކުރާށެވެ.
ސްމާޓް ސިޓީއެއްގެ ވިސްނުމާއެކު އިސްމާއިލް ވިދާޅުވި ގޮތުގައި ސިޓީއެއް ނަމަ އިގުތިސާދީ ފުދުންތެރިކަމެއް އޮންނަން ޖެހޭނެ އެވެ. އެގޮތުން ރަށަށް ވަންނަ އާމްދަނީ އިތުރުކޮށް، ރަށުން ބޭރުވާ ފައިސާގެ މިންވަރު ދަށްކުރަން މަސައްކަތްކުރުމަކީ އެންމެ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްމާއިލްގެ ނަޒަރުގައި "ރަށުގައި ތިބެގެން ރަށުން ބޭރަށް ޚިދުމަތް ދިނުން" މިއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އެކަމަށްޓަކައި ރަށުގައި ވަސީލަތްތައް ގާއިމުކޮށްދީގެން، ކޯލް ސެންޓަރު ފަދަ ޚިދުމަތާއި އައިޓީގެ ޚިދުމަތް ވެސް ފުޅާ ދާއިރާއެއްގައި ކުރެވޭނެ ކަމުގައި އޭނާ ދެކެވަޑާއިގަންނަވަ އެވެ.
އައިޓީގައި މިހާތަނަށް ކުރައްވާފައި ހުންނެވި އަމިއްލަ ތަޖުރިބާގެ އަލީގައި މިއީ ކުރެވިދާނެ ކަމެއް ކަމަށް އިތުބާރު އިސްމާއިލަށް ބޮޑެވެ.
"ރަށުގައި ހުނަރު ވެރި ޒުވާނުން އެބަތިބި. އެފަދަ ކުދިންނަށް ބޭނުންވަނީ މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިނުން" އޭނާ ވިދާޅުވި އެވެ.
އިގުތިސާދީ ގޮތުން ފުދުންތެރި ސިޓީއަކަށް ފުވައްމުލައް ހެދުމަށް މިހާރު ވެސް ގިނަ ފުރުސަތުތަކެއް ވަނީ ހުޅުވިފަ އެވެ. ޓޫރިޒަމަކީ މީގެ އެއް ވަސީލަތެވެ.
އިސްމާއިލްގެ ޚިޔާލުގައި ރަށަށް އިތުރު ޓޫރިސްޓުން ގެނއުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަން ޖެހެ އެވެ. އެގޮތުން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރަށް މާކެޓު ކުރުމުގެ އިތުރުން ޓުއަރިސްޓުން އިތުރަށް ޝައުގުވެރިކުރުވާނެ ވަސީލަތްތަކެއް ގާއިމު ކުރަންޖެހެ އެވެ. މިވަގުތު ފުވައްމުލަކަކީ ޑައިވިން ޑެސްޓިނޭޝަނެއްގެ ގޮތުގައި މަޝްހޫރު ވަމުން އަންނަ މަންޒިލެކެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޑައިވިންގެ އިތުރުން ޓުރިސްޓުން ކުރާނެ އެހެން ކަންތައްތަކެއް ދައްކަން އެބަ ޖެހެ އެވެ.
އިގްތިސާދި ގޮތުން ރަށަށް ކުރިއެރުން ގެނައުމަށްކުރާ މަސައްކަތާ އެއްވަރަކަށް ރަށުގެ ނާޒުކު ވެށި ހިމާޔަތް ކުރުމަކީ އަލަށް ހޮވުނު މޭޔަރުގެ ކުރިމަތީގައި އޮތް ގޮންޖެހުމެކެވެ. މިވަގުތު ރަށުގެ ވެށްޓާމެދު މާބޮޑު އަޅާލުމެއް ނެތް ކަމަށް އިސްމާއިލް ވެސް ގަބޫލު ކުރައްވަ އެވެ.
ވެށިހިމާޔަތް ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާނެކަމީ އިސްމާއިލް ގަބޫލު ކުރައްވާ ގޮތެވެ. އެބައިވެރިވުން ހޯއްދެވުމަށް ވެށްޓާ މެދު އާންމު ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ހިންގެވުމަކީ މުހިންމު ކަމެކެވެ. އެކަމަށްޓަކައި ތައުލީމީ ނިޒާމުގެ ތެރެއިންނާއި އާންމު ރައްޔިތުންނާ ސީދާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަވަން އިސްމާއިލް ގަސްދު ކުރައްވަ އެވެ. އިސްމާއިލް ގަބޫލު ކުރައްވާ ގޮތުގައި ރިސައިކަލިންގެ ބޮޑު ބައެއް ހިމެނޭހެން ރަށުގެ ކުނި މެނޭޖުކުރުމާއި ރަށް ފެހިކުރުމަށް އިތުރު ސަމާލުކަމެއް ދޭން ޖެހެއެވެ. އޭގެ އިތުރުން އިއާދަ ކުރަނިވި ހަކަތަ އަކީވެސް ރަށަށް ތައާރަފު ކުރަން ޖެހޭ އެއްޗެއް ކަމަށް އިސްމާއިލް ދެކެވަޑައިގަންނަވަ އެވެ.
ފުރިހަމަ ސިޓީއަކަށް ފުވައްމުލައް ބަދަލު ކޮށްލެއްވުމުގެ އަޒުމުގައި ހުންނެވި އިސްމާއިލް ރަފީގުގެ އުންމީދުތައް ހާސިލު ވެގެންދާއިރު ރަށް އޮންނާނީ ދުނިޔޭގެ ކުރިއަރާފައިވާ ހިތްފަސޭހަ ސިޓީތަކުން ފެންނަ ފަދަ ލޭންޑް ސްކޭޕިންއަކާއެކު ފެހިކަން ގަދަ، ތިމާވެށްޓާ ރައްޓެހި ސްމާޓް ސިޓީއެކަށް ބަދަލުވެފަ އެވެ. މިއީ ކުއްލިއަކަށް ހާސިލު ކުރެވޭނެ ލަނޑުދަނޑިއެއް ނޫނެވެ. އިސްމާއިލްގެ އަމާޒަކީ ރަށުގެ ކުރިއަށް އޮތް 20 ނުވަތަ 25 އަހަރަށް ބޭނުންވާ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމެވެ. އެފަދަ ޕްލޭނަކާއެކު ރޭވުންތެރިކަމާ އެކު ކުރެވޭ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން ކުރިޔަށް އޮތް ފަސް އަހަރު ނިމޭއިރު ފުވައްމުލައް އޮންނާނީ ޒަމާނީ ސިޓީއަކަށް ބަދަލު ވުމަށް ބޭނުންވާ ގިނަ ކަންތައްތަކެއްގެ ބިންގާ އެޅިފަ އެވެ.
ދައުރު ނިމޭއިރު އެކަށީގެންވާ ބޮޑު ބަދަލުތަކެއް ފެނިގެންދާނެ ކަމަށް އިސްމާއިލް އުންމީދު ކުރައްވަ އެވެ.