ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަން ދެނެގަތުމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އަވަސް ތަހުގީގެއް ހިންގަން ނިންމައިފި އެވެ.

އެޗްއާރްސީއެމް އިން ބުނިގޮތުގައި ރޭ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައި މިގޮތަށް ނިންމީ، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި މުވައްޒަފުންގެ ސަލާމަތާ މެދު ސުވާލު އުފެދޭ ތިން ހާދިސާއެއް ހިނގާފައިވާތީ އެވެ.

މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު ތިލަފުށީގައި ކުނި ނަގަން އުޅުމުގެ ތެރޭގައި ހައިމާކެއްގެ ދަތްގަނޑުން ޖެހި، ބަންގްލަދޭޝްގެ މުވައްޒަފެއް ކަމަށްވާ އަމީން މިއާ ވަނީ މަރުވެފަ އެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކުރީ ވެސް ދެ ދުވަސް ފަހުންނެވެ.

މީގެއިތުރުން މަސައްކަތުގެ މާހައުލުގައި ހިނގި ހާދިސާއަކާ ގުޅިގެން ވެމްކޯގެ ދިވެހި މުވައްޒަފަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.

މި ތަހުގީގަކީ މަސައްކަތުގެ މާހައުލުގައި ހުރި ނުރައްކާތައް ދެނެގަނެ، މުވައްޒަފުންގެ ހައްގުތަކާއި ސަލާމަތްތެރިކަން ކަށަވަރުކުރަން ކުރަންވީ ކަންތައްތައް ދެނެގަތުމަށް ހިނގާ ތަހުގީގެކެވެ.