މެދުއިރުމަތީގެ ގައުމުތަކުގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދަތުރުވެރިންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެޑްވައިޒަރީއެއް ނެރެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު އެޑްވައިޒަރީގައި ބުނެފައި ވަނީ، މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދު ކުރުމާއި ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރު ކުރާ ހުރިހާ ފަރާތްތަކުންވެސް އެއާޕޯޓަށް އައުމުގެ ކުރިން، އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއަރއޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ފަސިންޖަރުން މިހާލަތުގައި ސަމާލުކަންދޭންވީ ކަންކަން އެމްއޭސީއެލްއިން ވަނީ ބުނެދީފަ އެވެ. އެގޮތުން:

  • ދަތުރުކުރައްވާ އެއާލައިންގެ ވެބްސައިޓު ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުން
  • ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު އަދި ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު އެފަރާތްތަކުން ފޯރުކޮށްފޭ އިރުޝާދަށް ތަބާވުން
  • ދުރާލާ ދަތުރުގެ ކަންކަން ރޭވުން

މީގެ އިތުރުން އެމްއޭސީއެލްއިން ވަނީ ވީއައިއޭއަށް އޮޕަރޭޓްކުރާ ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް fis.com.mv ބޭނުން ކުރުމަށް އެދިފަ އެވެ.

ރާއްޖެއަށް ދަތުރުކުރާ ބޮޑެތި އެއާލައިންތަކުގެ ފްލައިޓްތައް ކެންސަލްވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވަރަށް ބޮޑަށް މިއަދު ވަނީ ތޮއްޖެހިފަ އެވެ.

އީރާނުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދެމުންދާތީ، އެ ސަރަހައްދުގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް މިހާރު ވަނީ ބަންދުކޮށްފައެވެ. މިއާއެކު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އުފުލާ ގަތަރު އެއާވޭސް އާއި އެމިރޭޓްސް ފަދަ އެއާލައިންތަކުން ވަނީ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.