އިންޑިނޭޝިއާގެ ވެރިރަށް ޖަކާޓާގެ ބިޒީ ހިސާބެއްގެ މަގުމަތީގައި އެކަނިވެރި މަންމައެއް ކަމަށްވާ ޕްރްޔާނޓީ ރޮބޯޓެއްހެން މަޑުމަޑުން ހަރަކާތް ކުރަމުންދިޔައިރު އޭނާގެ ދެމައިންގެ މުޅިހަށިގަނޑު ވަނީ ރިހި ކުލައިން ފޯކޮށްފަ އެވެ. ބަލާބެލުމަށް ހީވަނީ ރޮބޯޓެއް މަޑުމަޑުން ހަރަކާތް ކުރާހެންނެވެ. ކައިރިންދާ މީހުންގެ ސަމާލުކަން އެ ދެމައިންނަށް ހުއްޓެ އެވެ. މަދު ފަހަރެއްގައި އެއިން މީހަކު އެ މީހުނަށް ފައިސާ ފޮއްޗެއް ދިއްކޮށްލަ އެވެ.

އެ މީހުންނަކީ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިގުތިސާދު ކަމަށްވާ އިންޑޮނޭޝިއާގެ އިގުތިސާދު ކޮރޯނާ ވައިރަހުގެ ސަބަބުން ރިސެޝަނަށް ދިއުމާ ގުޅިގެން ބަނޑުފުރާނަ މުއްތިކުރުމަށް މަގުމައްޗަށް ނިކުންނަން މަޖުބޫރުވި މީހުންނެވެ. އެ މީހުން އެ ހިސާބުގައި މަޝްހޫރުވެފައި ވަނީ "ރިހި މީހުން"ގެ ގޮތުގަ އެވެ. ރިހި ކުލައިގެ އޮފު ގަދަ ދަވާދު މުޅި ގައިގަ ލައިގެން ތިބުމުގެ ބޭނުމަކީ މީހުންގެ ސަމާލުކަން ހޯދުމެވެ.

"ބައެއް މީހުން އެއްޗެއް ދިއްކޮށްލާ. އަނެއްބައި މީހުން އަޅައެއްނުލާ،" 29 އަހަރުގެ ޕުރްޔާންތީ ބުންޏެވެ.

ޕުރްޔާންތީ އާއި އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ރައްފީ މި މަސައްކަތުގައި އުޅޭތާ ތިންމަސް ވެއްޖެ އެވެ. އެ މީހުން ބުނާގޮތުގައި ބައެއް ފަހަރު ވަރަށް ރަނގަޅު މީހުންނާ ވެސް ދިމާވެ އެވެ. އެފަދަ އެންމެ މީހެއްގެ ޚައިރާތުން އެމީހުންގެ ދުވަހުގެ ޚަރަދުތައް ހަމަޖެހެ އެވެ.

.އިންޑޮނޭޝިއާގެ މަގުމަތީގައި އުޅޭ ރިހި މީހުން

އެންމެ ރަނގަޅު ދުވަސްތަކުގައި އެ މީހުނަށް 70،000 ރުޕިއާ ވަރު ލިބިދާނެ އެވެ. އެއީ ގާތްގަނޑަކަށް ފަސް ޑޮލަރެވެ. އެވަރުން އުޅޭ ތަނަށް ކުލި ދައްކައި، ކެއިންބުއިމުގެ ޚަރަދު އެ މީހުނަށް ދެކޮޅު ޖެއްސޭ ކަމަށްވެ އެވެ.

ޕުރްޔާންތީމެން ގައިގައި ލާ ކުލަ އުފައްދަނީ އަމިއްލައަށެވެ. އެކަމަށްޓަކައި ސްކްރީން ޕްރިންޓްގެ ދެލީގެ ތެރެއަށް އަޅަނީ ކުކިން އޮއިލެވެ. އެގޮތަށް އުފައްދާ ކުލައިން އާދަޔާ ޚިލާފު އޮފް ގަދަ ރިހި ކުލަ ގެނެސްދެ އެވެ. އެ މީހުން ބުނާ ގޮތުގައި މިކުލަ، ގައިގައި ލުމަކުން ހަންގަނޑަށް އެއްވެސް މައްސަލައެއް ދިމާ ނުވެ އެވެ.

އަހަރެން އެއްވެސް ހާލެއްގައި މިމަސައްކަތް ކުރަން ލަދެއް ނުގަނޭ. ސަބަބަކީ އަހަރެން މިކުރާހާ ކަމެއް މިކުރަނީ އަހަރެންގެ ދަރިންގެ ހައްގުގާ ކަމަށްވާތީ،
ޖަކާޓާގެ މަގުމަތީގައި އުޅޭ ޕުރްޔަންތީ

"އަހަރެން އެއްވެސް ހާލެއްގައި މިމަސައްކަތް ކުރަން ލަދެއް ނުގަނޭ. ސަބަބަކީ އަހަރެން މިކުރާހާ ކަމެއް މިކުރަނީ އަހަރެންގެ ދަރިންގެ ހައްގުގާ ކަމަށްވާތީ،" ޕުރްޔާންތީ ބުންޏެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ވަނީ އިންޑޮނޭޝިޔާގެ އިގްތިސާދު ގާތްގަނޑަކަށް 20 އަހަރު ފަހަތަށް ޖައްސާލަފަ އެވެ. ނަތީޖާއެއްގެ ގޮތުން އެތައް މިލިއަން މީހުނަށް މަޖުބޫރު ވެފައި ވަނީ ބަނޑުފުރާނަ މުއްތިކުރަން ސަލާން މަގުމައްޗަށް ނުކުތުމަށެވެ.

އިންޑޮނޭޝިޔާގެ މަގުމަތީގައި އުޅޭ ރިހި މީހުން

އިންޑޮނޭޝިޔާގެ 270 މިލިއަން މީހުންގެ ތެރެއިން 26.42 މިލިއަން މީހުންނަކީ ފަގީރުންނެވެ. ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި 2019 ސެޕްޓެމްބަރު މަހުން ފެށިގެން 2020 މާޗް މަހާ ހަމަޔަށް 1.63 މިލިއަން މީހުން ވަނީ ފަގީރުންގެ ލިސްޓަށް އިތުރުވެފަ އެވެ.

ޕުރްޔާންތީ ވަނީ ގައުމުގެ ފުލުހުންނާ ވާހަކަ ދައްކައި "ރިހި މީހުން"ގެ ގޮތުގައި މަސައްކަތް ކުރުމުގެ މައްސަލައެއް ނެތްކަން ޔަގީން ކޮށްފަ އެވެ. މިވަގުތުގެ ހާލަތަށް ބަލާއިރު މާސްކު އެޅުން ފަދަ ކޮރޯނާ ވައިރަސްގެ އެންގުންތަކަށް ތަބާ ވާހާ ހިނދަކު އެ މީހުންގެ މަސައްކަތަކަށް ހުރަހެއް ނެތެވެ.

ޕުރްޔާންތީ ބޭނުން ވަނީ ކޮންމެ ވެސް ދުވަހަކުން އޭނާގެ އަމިއްލަ ވިޔަފާރިއެއް ފަށާށެވެ. ކުޑަފިހާރައެއް ހުޅުވުމަކީ އޭނާގެ ހުވަފެނެކެވެ. އެކަމަށް ފައިސާ ބޭނުންވެ އެވެ. އެހެންކަމުން ގައިގައި ދަވާދުލައިގެން ރޮބޯޓެއްގެ ސިފައިގައި އޭނާ ކުރާ މަސައްކަތް ކުރިޔަށް ގެންދިއުން ނޫން ގޮތެއް މިވަގުތަކަށް ނެތެވެ.