ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިގުޅައިގަނެ ރައްޔިތުންނަށް ހިޔާނާތްތެރިވަމުން ދާތީ އެކަމާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
މިގޮތަށް ފާސްކުރީ ހޯމަ ދުވަހުގެ ރޭ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ގަރާރުގަ އެވެ.
މި ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ މަނަދޫ ދާއިރާގެ ރައީސް، މުހައްމަދު ތޯރިގު އެވެ. އޭނާ ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައި ވަނީ ސަރުކާރުން ކުރާ ވައްކަމާއި ހިންގަމުން ގެންދާ ހިޔާނާތުގެ އަމަލުތައް ފޮރުވުމަށް މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް އެ ޕާޓީން ސިލްސިލާ މުޒާހަރާތަކެއް ކުރުމަށެވެ.
ގަރާރުގައި ބުނެފައި ވަނީ މި ސަރުކާރުން ކުރަމުން ގެންދާ ވައްކަންތަކާއި ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދަ އާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރަސް އެޅުމާއި އަދުލު އިންސާފަށް އަތް ބޭނުމާއި ރައްޔިތުންގެ އާންމު ހާލަތު ދަށްވުމާއި ދިވެހިރާއްޖޭގައި ދިރިއުޅުމަކީ ތަކުލީފަކަށް ވަމުން ދިޔުމާއި މި ކަންކަމުގެ މައުލޫމާތު ފަތުރަން އޮތް މިނިވަން މީޑިއާ ނެތިކޮށްލުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި މުޒާހަރާ ކުރަން ނުކުތުމަށެވެ.
"މި ޕާޓީން ސެޕްޓެމްބަރު 3، 2025 ދުވަހު މާލޭގައި މި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށާއި އެއާއެކު ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބުވުމާ ހަމައަށް މި އިހުތިޖާޖުތައް ސިލްސިލާ ގޮތުގައި ގެންދިޔުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުން އިގުރާރުވަމެވެ."
ތޯރިގު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ވެރިކަމާ މުއިއްޒު ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަލާކު ކޮށްލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން ގެންގުޅުނު އިގުތިސާދީ ސިޔާސަތުތަކަށް މި ސަރުކާރުން ގެނައި ދޯހަޅި ބަދަލުތަކުގެ ސަބަބުންނާއި އިގުތިސާދީ ކަންކަން ރާވައި ހިންގަން ތަންދޮރު ނޭނގޭ ބަޔަކު އައްޔަނު ކުރުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ދަށްވެ ތަކެތީގެ އަގުތަކާއި ދިރިއުޅުމުގެ އަގުތައް ބޮޑުވެފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އޭގެއިތުރުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބަދަލުކޮށްގެން މަޖިލިސް މެންބަރުން ގައިގައި ކަސްތޮޅު އަޅުވާފައިވާ ކަމަށާއި އެ މައްސަލަ ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށް އަދުލު އިންސާފުގެ މިނިވަންކަމަށް އަރައިގަނެ ރާއްޖޭގެ ހުރިހައި މިނިވަން މުއައްސަސާތަކެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
ލާމަރުކަޒީ ނިޒާމުން ގައުމު ހިންގުމަށް އެމްޑީޕީން އެކަށައެޅި ނިޒާމު ވެސް މި ސަރުކާރުން އެއްކޮށް ފުނޑާލާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
ތޯރިގުގެ ގަރާރުގައި ބުނެފައި ވަނީ މުޅި އާސަންދަ ނިޒާމު މި ސަރުކާރުން ހަރާބު ކޮށްލައި އެންސްޕާ މެދުވެރިކޮށް ވެސް ސިޔާސީ ކަންކަމަށް ހަރަދު ކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ކޮންމެހެން ލިބެންޖެހޭ ބޭސްތަކާއި ހޮސްޕިޓަލްތަކުން ލިބެންޖެހޭ ހިދުމަތްތަކަށް ބުރޫ އަރައި ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަހަން މަޖުބޫރު ކޮށްފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ ރަށްރަށުގައި ހިންގަމުންދިޔަ ޕްރޮޖެކްޓުތައް ހުއްޓާލައި މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ހިއްކައި ތަރައްގީ ކުރުމުގެ މަސައްކަތް ފެށި ގުޅިފަޅާއި ގިރާވަރުފަޅުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އެ މަޝްރޫއުގެ ތެރެއިން ރައްޔިތުންގެ ފައިސާއަށް ސަރުކާރުން ހިޔާނާތްތެރިވަމުންދާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.