މިއަހަރުގެ ހޫނު މޫސުން ފެށެން ވާއިރަށް ޔޫރަޕްގެ އާބާދީ ކޮރޯނާ ވައިރަހުގެ ހާޑް އިމިއުނިޓީއަކަށް ދާނެ ކަމަށް ދުނިޔޭގައި ވެކްސިންގެ ވިޔަފާރި ކުރާ އެންމެ ބޮޑު ކުންފުނި، ޖަރުމަނުގެ ބައޯންޓެކްގެ ޗީފް އެގްޒެކެޓިވް އުގުރް ސަހިން ވިދާޅުވެއްޖެ އެވެ.
ކޮވިޑަށް އެންމެ ފުރަތަމަ ވެކްސިން އުފެއްދި ކުންފުނީގެ ވެރިޔާ ވިދާޅުވީ ބައްޔަށް އިމިއުންވާ އާބާދީގެ ތެރޭގައި ކުޑަކުދިން ނުހިމެނޭނެ ކަމަށާއި ކޮވިޑް ޖެހޭ ކުޑަކުދިންގެ ތެރެއިން މަދު އަދަދެއްގެ ކުދިން ހާލު ދެރަވެ، ދިގު މުއްދަތަކަށް އޭގެ އަސަރުކުރުމަކީ ގާތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަރުމަނުގެ ބައޯންޓެކުން އުފައްދާ ފައިޒާ ވެކްސިނަކީ ޔޫރަޕާއި އުތުރު އެމެރިކާގައި އެންމެ ގިނައިން ބޭނުންކުރާ ވެކްސިން އެވެ.
އެ ވެކްސިން ޖެހި މީހުންގެ އިމިއުނިޓީ ދުވަސްވާ ވަރަކަށް ބާރުދެރަވާ ކަމަށް ދިރާސާތަކުން ދައްކާއިރު، ވެކްސިންގެ ތިންވަނަ ޑޯޒެއް ޖަހަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސަހީން ވިދާޅުވި އެވެ.
ހޯދުންތަކުން ދައްކާގޮތުގައި ފައިޒާ ވެކްސިންގެ ބާރު ތިން ހަފްތާއަށްފަހު 95 އިންސައްތަ އިން 91 އިންސައްތައަށް ދަށްވެ އެވެ.
ފައިޒާގެ ދެވަނަ ޑޯޒު ފުރަތަމަ ޑޯޒަށްފަހު ތިންހަފްތާ ފަހުން ޖަހަން ޖެހޭއިރު ތިންވަނަ ޑޯޒެއް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒަށްފަހު 12 މަސް ދުވަސް ފަހުންނެވެ.
"އެއަށްފަހު ވެސް ކޮންމެ 18 މަސް ދުވަހުން ޑޯޒެއް ޖަހަން ޖެހޭނެ ކަމަށް ލަފާ ކުރެވޭ،" ސަހީން ބުންޏެވެ.
ދުނިޔޭގެ އެކި ހިސާބުތަކުން ފެނިފައިވާ ކޮވިޑްގެ އާ ވޭރިއަންޓްތަކަށް މިވެކްސިން އިން ރައްކާތެރިކަން ލިބޭތޯ ސުވާލު އުފެދެމުން ދާއިރު އެ ކުންފުނިން ކޮވިޑްގެ 30 އަށްވުރެ ގިނަ ވޭރިއަންޓް އާ ދެކޮޅަށް ވެކްސިން ޓެސްޓު ކޮށްފައިވާ ކަމަށާއި ހުރިހާ ވޭރިއަންޓްތަކަށް ވެސް އިމިއުން ވާކަން ނަތީޖާތަކުން ދައްކާ ކަމަށް ސާހިން ވިދާޅުވި އެވެ.
ދާދިފަހުން އިންޑިއާ އިން އަލަށް ފެނުނު ވޭރިއަންޓާ ބެހޭގޮތުން ސުވާލު ކުރެވެމުން އޭނާ ބުނީ އެ ވޭރިއަންޓްގެ ތަހުލީލުތައް ކުރަމުން އަންނަ ކަމަށެވެ. އަދި ވެކްސިން ޖެހި މީހުންނަށް ހިތުގެ މައްސަލަތައް ކުރިމަތިވާކަމުގެ ރިޕޯޓުތައް އިތުރަށް ބަލަމުންދާ ކަމަށާއި މިހާތަނަށް ވެކްސިންގެ ސަބަބުން އެފަދަ ކަމަކަށް މަގުފަހި ކުރާކަމުގެ ހެއްކެއް ފެނިފައިނުވާ ވެސް ސާހިން ވިދާޅުވި އެވެ
ބައޯންޓެކް އާއި ފައިޒާ ގުޅިގެން އުފެއްދި ވެކްސިނަކީ އެމެރިކާ، އިނގިރޭސި ވިލާތް އަދި އިޒްރޭލު ފަދަ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި އެންމެ އާއްމުކޮށް ދެމުން އަންނަ ވެކްސިން އެވެ.