މުމްބާއީ (އޭޕްރިލް 29) - އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ އެބަލީގައި މަރުވާ މީހުން އިންތިހާއަށް ގިނަވެ، އެ ގައުމުގެ ސަހަރާތަކާއި ގަބުރުސްތާނުތަކުގެ މުވައްޒަފުންނަށް ބާރު ބޮޑުވެއްޖެ އެވެ.
އެގޮތުން ސައްޔިދު މުނީރު ކަމްރުއްދީން އަކީ ހާލަތު އެންމެ ގޯސްވެފައިވާ އެއް ސަރަހައްދު ކަމުގައިވާ މުމްބާއީގެ ގަބުރުސްތާނެއްގައި ކަށްވަޅު ކޮންނަން އުޅޭ މުވައްޒަފެކެވެ.
ޕާސަނަލް ޕްރޮޓެކްޓިވް ކިޓް ބޭނުންކުރުން ހުއްޓާލާފައިވާ ކަމްރުއްދީން ބުނިގޮތުގައި އޭނާ ކޮވިޑް ދެކެ ބިރެއް ނުގަނެ އެވެ. އަދި މިއީ ބިރުން އުޅެންވީ ވަގުތެއް ނޫން ކަމަށާއި ހިތްވަރާއެކު ހާލަތަށް ކުރިމަތިލާންވީ ވަގުތު ކަމަށް އޭނާ ބުންޏެވެ.
އިންޑިއާ އަށް ކޮވިޑްގެ ދެވަނަ ރާޅެއް އަރައި މަރުވާ މީހުންގެ އަދަދު އިތުރުވުމާއެކު އެ ގައުމުގެ ސަހަރާތަކާއި ގަބުރުސްތާނުތަކަށް ބާރު ބޮޑުވެ، ގިނަ އާއިލާތަކުން ވަނީ މަރުވެފައިވާ މީހުން އެންދުމަށާއި ވަޅުލުމަށް ކިއުގައި ޖެހެން ޖެހިފަ އެވެ.
މިދިޔަ 25 އަހަރު ގަބުރު ކޮނުމުގެ މަސައްކަތުގައި އުޅެފައިވާ ކަމްރުއްދީނު ބުނީ އޭނާ އާ އެކުގައި މަސައްކަތްކުރާ މީހުން 24 ގަޑިއިރު މަސައްކަތުގައި އުޅެންޖެހިފައިވާ ކަމަށާއި މައްޔިތުން އެމްބިއުލާންސް އިން ނެރެ، ވަޅުލުމަކީ އެ މީހުންގެ މަސައްކަތް ކަމަށެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި މަސައްކަތުގައި އުޅެންޖެހިފައި ވާލެއް ބުރަކަމުން ރަމަޟާން މަހުގެ ރޯދަވެސް ނުހިފޭކަމަށާއި މަސައްކަތުގައި ކުރިއަށް ދިއުމަށް އޭނާ އަށް ހިތްވަރު ލިބެނީ އީމާންތެރި ކަމުންނެވެ.
ސަރުކާރުގެ ފަރާތުން އެއްވެސް އެހީތެރިކަމަކަށް އުއްމީދު ނުކުރާކަމަށް ބުނަމުން، އޭނާ ބުނީ ސަހަރާގެ މިސްކިތުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.
އިންޑިއާގައި މިހާތަނަށް ޖުމްލަ 18 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، މި ބަލީގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު އެވްރެޖު ކޮށް އުޅެނީ 3000 އަށް ވުރެ މަތީގަ އެވެ.