ރާއްޖެއަށް ބޭސް ގެނައުމަށް ހާއްސަކޮށް މިދިޔަ އަހަރު އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ބޭސް އެތެރެކޮށް ރަށްރަށަށް ފޯރުކޮށްދޭން ފަށައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ކުންފުނީގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، ބައެއް ބާވަތުގެ ބޭސް އެތެރެކޮށް ރާއްޖޭގެ އެކި ރަށްރަށަށް ފޮނުވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުންފުނީގެ މަސައްކަތުގެ ތަފުސީލު ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭހަށް ވަކި ހާއްސަ ކުންފުންޏެއް ހެދުމުގެ އެންމެ ބޮޑު ފައިދާއަކީ ބޭސް ލިބުމުގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރަން ހަމައެކަނި އެ ކަމަށް ހުސްވެގެން ތިބޭ ބަޔަކު ތިބުމެވެ.
މިދިޔަ ސެޕްޓެމްބަރު 9 ގައި އުފެއްދި މި ކުންފުނީގެ މަސައްކަތް ނުފެށި ހަ މަސް ހޭދަވީ، ކުރިން އެސްޓީއޯއިން ކުރަމުން އައި ބޭހުގެ ހުރިހާ މަސައްކަތެއް އާ ކުންފުންޏަށް ބަދަލުކުރުމުގެ މަރުހަލާ ދިގުލައިގެން ދިޔުމުން ކަމަށް ކުންފުނީގެ އެމްޑީ ޑރ. ޝާހު މާހިރު ކުރިން ވިދާޅުވެފައިވެ އެވެ.
މީގެ ކުރިން އެސްޓީއޯއިން ރާއްޖެއަށް ބޭހާއި މެޑިކަލް ސާމާނު ގެނެސް ވިއްކަމުން ދިޔައިރު، އެ ކުންފުނީގެ ބޭސްފިހާރަތައް ވެސް އާ ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ރޯދަ މަލާފަތް: ދިވެހި ރަހަތައް އެކުލެވޭ ބަނބުކެޔޮ ބޮނގަރަ
ވެމްކޯއިން މުވައްޒަފުންނަށް މުސާރަ ދިނުން ލަސްކުރާ މައްސަލައެއް
ހަނގުރާމާގައި 140 އެމެރިކާ ސިފައިން ޒަހަމްވެއްޖެ