ނިއު ދިއްލީ (އޭޕްރިލް 30) - ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ އިންޑިއާގައި ރޭގަނޑު ވެސް މެދުކެނޑުމެއް ނެތި ޖަނާޒާތައް ކުރިއަށް އެބަދެ އެވެ.

އިންޑިއާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެއް އަރައި، ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވުމާއެކު ސަހަރާތަކާއި ގަބުރުސްތާންތަކަށް ބާރުބާޑުވެ، މައްޔިތުންގެ ހަށިތައް އަންދަން ބޭނުންކުރާ ލަކުޑިއަށް ވެސް ވަނީ ޖެހިފަ އެވެ.

ސަހަރާތަކަށް ގެންނަ ހަށިތައް ގިނަކަމުން އެތަންތަނުގެ މުވައްޒަފުންނަށް ނުކަތާފައިވުމާއެކު ގިނަ ހަށިތަކެއް އެންދުން ނުވަތަ ވަޅުލުން ލަސްވަމުން ދާކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

"ޕެންޑަމިކްގެ ކުރިން އަހަރުމެން އަންދަމުން ދިޔައީ ދުވާލަކު ގާތްގަނޑަކަށް ދިހަ ހަށިގަނޑު. މިހާރު ދުވާލަކު ސަތޭކަ އަށްވުރެ ގިނަ ހަށި އެބަ އަންދަން،" ނިއު ދިއްލީގެ ހިންދޫ ސަހަރާއެއްގެ ވެރިޔާ ޖިތެންދްރާ ސިންގް ބުންޏެވެ.

ޖަނާޒާތައް ކުރިއަށް ގެންދާނެ ޖާގަ ކުޑުވުމުގެ ސަބަބުން ސަހަރާތަކުން ދަނީ ހަށިތައް އެންދުމަށްޓަކައި ޕާކުތަކާއި ހުސް މައިޒާން ފަދަ އާއްމު ތަންތަނުގައި މީހުންގެ ހަށިގަނޑުތައް އަންދަމުންނެވެ. --ސީއެންއެން