މާލޭގައި ފުލުހުން ފާއިތުވި 48 ގަޑިއިރު ހިންގި ހައްސަ އޮޕަރޭޝަންތަކެއްގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅޭ 231،000ރ. ހޯދައި 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ފުލުހުން ބުނީ މާލެއަކީ ރައްޔިތުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ފުލުހުން މެދުނުކެނޑި ރަށުތެރެ ޕެޓްރޯލުކޮށް އާންމުންގެ ސަލާމަތް ކަށަވަރުކުރަމުން ގެންދާނެ ކަމަށެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މި މަހުގެ 9 އަދި 10 ވަނަ ދުވަހު ހެންވޭރާއި މާފަންނު ޕޮލިސް ސްޓޭޝަނަށް އެކަނި ވެސް 86،800ރ. އާ ގާތްކުރާ އަދަދެއްގެ ވައްކަމާއި ފޭރުމުގެ މައްސަލަތައް ހުށަހެޅުނެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަން ވެސް ހިމެނޭހެން ތިން ސަރަހައްދެއްގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން ޖުމްލަ 231،000ރ. އަނބުރާ ހޯދުނު ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.