މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް 7.6 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 8.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 15.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އެހެންކަމުން، ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް މިހާތަނަށް ވަނީ 7.6 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ބަޖެޓްގެ ޖުމްލަ ޑެފިސިޓަކީ 6 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި ޖީޑީޕީ ކުރިއަރާނެ ކަމަށް ކުރިން ލަފާކޮށްފައިވީ ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، މައިނަސް 13 އިންސައްތަ ނުވަތަ އެ އަށް ވުރެ ދަށް މިންވަރެއްގަ އެވެ. އަދި ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރާއްޖެ އަށް މި އަހަރު އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 50 އިންސައްތަ ނުވަތަ އެ އަށް ވުރެ ވެސް ދަށްވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މިކަމުގެ ސަބަބުން މި އަހަރުގެ ބަޖެޓް 13-16 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.
ކޮވިޑް-19 އިން އަރައިގަތުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން 290 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް މަޝްވަރާކުރެވެމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހަމަ އެއާއެކު، ދައުލަތުގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް އޮތް ތިން މަސްދުވަހުގެ މުއްދަތަށް ދިނުމަށްޓަކައި 4.2 ބިލިއަން ރުފިޔާ މިހާރުން މިހާރަށް ވެސް ބޭނުންވާ ކަމަށް ބުނެ، ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓް މެދުވެރިކޮށް އެ އަދަދަށް އޯވަޑްރޯ ކުރުމަށްޓަކައި އެކައުންޓްގެ އޯވަޑްރާފްޓް ލިމިޓް އިތުރުކޮށްދިނުމަށް އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން މަޖިލީހުން މިހާރު ވަނީ ފާސްކޮށްދީފަ އެވެ. އަދި އޭގެ ތެރެއިން ބޮޑު ބައި މިހާރު ވަނީ ނަގާފަ އެވެ.
އަދި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން ޖުމްލަ ހަރަދުން ފަސް ބިލިއަނަށް ވުރެ ބޮޑު އަދަދެއް ކުޑަކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި އަހަރުގެ ބަޖެޓްގައި ޖުމްލަ ހަރަދަކީ 37.8 ބިލިއަން ރުފިޔާ އެވެ.