އީރާނާއެކު ނިއުކްލިއާ އެއްބަސްވުމަކަށް އަތުވެއްޖެނަމަ، އެ ގައުމުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެމެރިކާގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މިއީ ކުރިމަގުގައި އީރާނާއެކު ވެވޭ އެއްބަސްވުމެއްގައި އެމެރިކާއިން ގެންގުޅޭނެ ހަރުކަށި ސިޔާސަތު ހާމަކުރުމުގެ ގޮތުން ޓްރަމްޕް ދެއްވި ބަޔާނެކެވެ.

އީރާނުގެ ޔުރޭނިއަމް އަތުލާނީ ކިހިނެއްތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ އެއީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި، އެއްބަސްވުމަކަށް އަތުވެއްޖެނަމަ އެމެރިކާގެ އޮފިޝަލުން އީރާނަށް ގޮސް އެތަކެތި އަމިއްލައަށް ގެންނާނެ ކަމަށެވެ.

ވޮޝިންޓަނުން މިހެން ބުނި ނަމަވެސް، އީރާނުން ވަނީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށް ބުނެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވި ގޮތުގައި ފާއިތުވި ދުވަސްތަކުގައި ދެ ގައުމުގެ ދެމެދުގައި "ވަރަށް ރަނގަޅު" ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. އަދި ފޯނުން ގުޅައިގެން ކުރެވޭ މަޝްވަރާތަކަށްފަހު، ވަރަށް އަވަހަށް ބައްދަލުވުންތައް ބޭއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަދެއްކެވީ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދެމުންދާ ހަމަލާތައް، ޑިޕްލޮމެޓިކް މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ފަސް ދުވަހަށް މެދުކަނޑާލާނެ ކަމަށް އިއުލާނު ކުރެއްވުމަށްފަހު އެވެ. ޓްރަމްޕް އިންޒާރު ދެއްވި ގޮތުގައި މަޝްވަރާތައް ކާމިޔާބު ނުވެއްޖެނަމަ، އަލުން ބޮން އެޅުމުގެ ހަމަލާތައް ކުރިއަށް ގެންދާނެ އެވެ.

މީގެ އިތުރުން، އީރާނުގެ އެތެރޭގެ މަޝްރަހަށް ބަލާއިރު "ވެރިކަން ބަދަލުވުމުގެ" ފުރުސަތު އޮތް ކަމަށް ވެސް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1,300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ އިޒްރޭލާއި، އުރުދުންއާއި، އިރާގުގެ އިތުރުން ގަލްފުގެ ބައެއް ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށާއި، އޭވިއޭޝަން ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.