އޮފީސް މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ބެހޭ ގޮތުން ރޭ ބޭއްވި އެއްވުން ހަރުކަށި ބާރު ބޭނުންކޮށްގެން ފުލުހުން ރޫޅާލުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުން ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ހުށަހަޅުއްވައިފި އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މީކާއިލް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންނެވީ ފަސް ސުވާލެއް އިމްރާނަށް ފޮނުއްވައި، ލިއުމުން ޖަވާބު ހޯއްދަވައިދެއްވުމަށެވެ. އެ ސުވާލުތަކަށް ޖަވާބު ހޯއްދަވައިދެއްވަން އޭނާ އެދިވަޑަައިގަތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 80 ވަނަ މާއްދާގެ ދަށުންނެވެ.

މީކާއިން އިމްރާނަށް ފޮނުވަން ބޭނުންވާ ސުވާލުތަކަކީ:

  1. މުޒާހަރާ ރޫޅައިލުމުގައި ފުލުހުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ވާއިރު، މިހައިތަނަށް މިކަމާ ގުޅިގެން އެއްވެސް ފުލުހަކަށް ފިޔަވަޅެއް އެޅިފައިވޭތޯ؟ އަދި އެޅިނަމަ އެޅީ ކޮން ފިޔަވަޅެއްތޯ؟
  2. މުޒާހަރާ ރޫޅައިލަން ދިޔަ ފުލުހުން ޔުނިފޯމް އަޅައިގެން ތިބީ ފުލުހުންގެ ގާނޫނުގެ ދަށުންް އެ މީހުންގެ ސާވިސް ނަމްބަރު ފެންނަ ގޮތަށްތޯ؟
  3. މުޒާހަރާ ރޫޅައިލަން ހަރަކާތްތެރިވީ އެކަމާ ގުޅޭ، އެކަށީގެންވާ ޓްރެއިނިން ލިބިފައިތިބި ފުލުހުންތޯ؟
  4. މުޒަހާރަތަކާއި އެކިއެކި އެއްވުންތައް ރޫޅައިިލުމުގައި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުންނުކުރަނީ ކީއްވެތޯ؟
  5. ބޮޑެތި ތުހުމަތުކުރެވިގެން އެ ތުުހުމަތުކުރެވޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރާ އިރު ހުރިހާ ފަހަރަކު އެއް އުސޫލަކުން އަމަލުނުކުރަނީ ކީއްވެތޯ؟

އޮފީސް މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރަތަކާ ދެކޮޅުަށް ޒުވާނުންކުރި އެއްވުން ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ފުލުހުންގެ މުއައްސަސާއަށް ފާޑު ކިޔުން އަމާޒުވާން ފެށުމުން އެކަން ހިިންދާލުމުގެ ބޭނުމުގައި މިނިސްޓަރު އިމްރާނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ފުލުހުން އެއްވުން ރޫޅާލުމުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރިތޯ ބަލާނެ ކަމަށެވެ.

ޒުވާނުންތަކެއް އިސްވެ ފަށާފައިވާ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ބޭއްވި އިހުތިޖާޖު ފެށީ ރަސްފަންނު ސަރަހައްދުންނެވެ. އެ ތަނުގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށްގެން ޝުއޫރު ފާޅުކުރުމަށް ފަހު މަޖީދީ މަގު ސަންފްރޮންޓް ފިހާރައާ ހަމައަށް ދިޔަތަނާހެން ފުލުހުން ވަނީ ހުރަސް އަޅަން ފަށައިފަ އެވެ.

މުޒާހަރާއަށް ފުލުހުން ހުރަސް އެޅި އިރު، ޒުވާނުންގެ ގަޔަށް ޕެޕަސްޕްރޭ ޖަހާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި ފުލުހުން ވަނީ ވަރަށް ގަދަ އަށް ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި އަނިޔާވެރިކަމާ އެކު، މީހުން ދުރުކުރަމުން ދާތަން ފެނެ އެވެ.