އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމް، 30، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕެއިނުގައި ބައިވެރިވާން ފަށައިފި އެވެ.

އަލީ ނަދީމް ނުވަތަ މައިލޯ ނަދަމާ ބަންދުން ދޫކޮށްލީ އޭނާގެ މައްޗަށް ދައުވާކުރެވޭނެ ހެކި ނެތް ކަމަށް ޕީޖީ އައްބާސް ޝަރީފް ނިންމެވުމުންނެވެ. އޭނާ ބަންދުން ދޫކޮށްލީ ވެސް އައްބާސްގެ އެންގެވުމަށެވެ.

ނަދީމް އަންނަނީ ޕީއެންސީގެ އައްޑޫ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީ އާއި ޕީއެންސީން ސ. ހިތަދޫ މާމެންދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ފާތިމަތު ރަޝީދާގެ އިތުރުން އެހެން ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

ސޯޝަލް މީޑިއާގައި ވެސް ވަނީ މައިލޯ ނަދަމާ ކެންޑިޑޭޓުންނާއެކު ނަގާފައިވާ ފޮޓޯތައް ދައުރުވަމުންނެވެ.

ހިތަދޫން ވާހަކަދެއްކި ބައެއް މީހުން ބުނީ ނަދަމާ އަންނަނީ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭންގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ނަދީމްގެ އިތުރުން އޭނާއާއެކު ޑްރަގް ވިޔަފާރީގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ބުނާ ސ. ހިތަދޫ ފަލާހް، ހާފިޒު ފައުޒީ، 31، އާއި ސ. ހިތަދޫ ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު، 43 އާއި ސ. ހިތަދޫ، ދޮރުފޮތިމާގެ، ހަސަން އަލްފާފް، 28، އާއި ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުހައްމަދު، 23، އަދި ދ. ހުޅުދެލި، އަންބަރީގެ، ޒަހްނާ އަހްމަދު ވެސް ވަނީ ކައުންސިލް އިންތިހާބާ ދިމާކޮށް ކުއްލިގޮތަކަށް ބަންދުން ދޫކޮށްލާފަ އެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑާކުރިކަން ގާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.