ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރެންޑަމް ވޯޓާ ދިމާކޮށް، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާ ފެނަކަ ކޯޕަރޭޝަންގެ ބައެއް މުވައްޒަފުން ސަސްޕެންޑް ކުރަމުންދާ ކަމުގެ ޝަކުވާތަކެއް ބޮޑުވެއްޖެ އެވެ.
މިގޮތުން ފެނަކަ މާލޭ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކު، މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ވަނީ ސަސްޕެންޑް ކޮށްފައެވެ. މީގެ އިތުރުން، ހދ. ކުރިނބީ ބްރާންޗްގެ މުވައްޒަފަކު ވެސް މާޗް 26 ވަނަ ދުވަހުން ފެށިގެން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތަކުގައި ބުނެފައި ވަނީ މި މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އަޅާފައި ވަނީ ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދު ނުކުރުމާއި އެހެން ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުންފަދަ މައްސަލަތަކުގައި ކަމަށެވެ.
މި ދުވަސްވަރަކީ އިންތިހާބުތަކާ ދިމާކޮށް ސަރުކާރުގެ އެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި، ވަކި ގޮތަކަށް ވޯޓުލުމަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ޝަކުވާތައް އާންމުންގެ މެދުގައި އިތުރުވަމުންދާ ދަނޑިވަޅެކެވެ. ނަމަވެސް، މި ތުހުމަތުތަކާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ބޭނުމަށް މުވައްޒަފުންނަށް ފިޔަވަޅު އެޅުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ކަންބޮޑުވުން އޮތް ކަމެއްކަން ފާހަގަކޮށް، ގިނަ ބަޔަކު ދަނީ މިފަދަ އަމަލުތައް ކުށްވެރިކުރަމުންނެވެ.
އައްޑުއަށް ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ތަހުގީގު ކުރަނީ
ބީއެމްއެލްގެ ކޯޕަރޭޓް ނިންމުމާއެކު ހިއްސާގެ ބާޒާރުގެ މާކެޓް މަތި!
ވޯޓުލާ ދުވަހު މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާ