އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު މަރުހަބާ ދަންނަވައިފި އެވެ.
ޝިފާއު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ އެޑްވައިޒަރުގެ މަގާމަށް ޝަހީމް އައްޔަން ކުރެއްވުމާ ގުޅިގެން މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ރާއްޖެ އަށް ވަރުގަދަ އިދިކޮޅު ފަރާތެއް ބޭނުންވާ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.
"އުންމީދު ކުރަނީ ޖަލުގައި ތިބި ކުށްވެރިން މިނިވަން ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ގައުމުގެ ލާބައަށް މަސައްކަތް ކުރާނެ ކަމަށް،" ޝަހީމްގެ ރަސްމީ ޓުވިޓާ އެކައުންޓް ޓެގް ކުރައްވައި ޝިފާއު ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓު، ޝަހީމްއާ އެކު، ތިން ބޭފުޅުން އެޑްވައިޒަރުންނަށް އެބަތިއްބެވި އެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ.
ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއާ އެކު، ޝަހީމް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވީ ސައުދީ އަރަބިއްޔާގަ އެވެ. އެއީ ޖިއްދާގައި ހުންނަވާ ހުންނަ އޯގައިނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުގެ މަގާމު ފުރުއްވުމަށެވެ.
ޕީޕީއެމް/ޕީއެންސީގެ އެޑްވައިޒަރަކަށް ޝަހީމް ހަމަޖެއްސުމާ ގުޅިގެން އޭނާ ވިދާޅުވީ 2013 އާއި 2018 ގައި ގައުމު ބޭނުންވި ވަރަށް ވުރެ އިތުރަށް މިހާރު ޔާމީންގެ ހިދުމަތް ރާއްޖެއަށް ބޭނުންވާ ކަމަށެވެ. އެއީ އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން ރާއްޖޭގެ ސިޔާދަތަށް، ދީނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ދވެހިންގެ ޒައާމަތަށް ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް މި ދުވަސްކޮޅު ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ.