ހަނގުރާމައިގެ ސަބަބުން ދިމާވެފައިވާ ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ރާއްޖެއިން އިންޑިއާގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ރޮއިޓާސްއިން ބުނެފި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނާ ހަވާލާދީ އެ ނޫހުން ބުނީ، އަވަށްޓެރި ގައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް އިންޑިއާއިން ކުރަމުންދާ ކަމަށެވެ. ދުނިޔޭގައި ހަތަރުވަނައަށް އެންމެ ގިނައިން ތެޔޮ ސާފުކުރާ ގައުމުގެ ހައިސިއްޔަތުން، އިންޑިއާއިން މިހާރުވެސް ވިޔަފާރީގެ އުސޫލުން ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި ސްރީލަންކާއަށް ތެޔޮ ފޯރުކޮށްދެމުންދާ ކަމަށް ތަރުޖަމާނު ރަންދީރު ޖައިސްވާލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
"ކުރު އަދި ދިގު މުއްދަތަކަށް ބޭނުންވާ ތެލުގެ ބާވަތްތައް ހޯދުމަށް ދިވެހި ސަރުކާރުން ވަނީ އަޅުގަނޑުމެންގެ ކިބައިން އެދިފައި. ރާއްޖޭގެ މި އެދުމަށް، އިންޑިއާއަށް ތެޔޮ ލިބެން ހުރި މިންވަރަށާއި ގައުމުގެ އަމިއްލަ ބޭނުންތަކަށް ރިއާޔަތްކޮށް އަޅުގަނޑުމެން ދަނީ ބަލަމުން،" ޖައިސްވާލް ވިދާޅުވި އެވެ.
ރާއްޖެއަށް އާންމުކޮށް ތެޔޮ އެތެރެކުރަނީ އޮމާނުންނެވެ. ނަމަވެސް، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތިން ތެޔޮ އުފުލުމަށް ބޭނުންކުރާ މައިގަނޑު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުން، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ޖައިސްވާލް އިތުރަށް ވިދާޅުވީ، ހަކަތައިގެ މިހާލަތާ ގުޅޭގޮތުން މޮރިޝަސް އަދި ސީޝެލްސްއާ އެކުވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ގައުމުތަކުން އަދި ރަސްމީކޮށް އެހީތެރިކަމަށް އެދިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
ހޮރްމޫޒް ކަނޑުއޮޅީގައި ގައި ތާށިވެފައިވާ އިންޑިއާގެ ތެޔޮ ޓޭންކަރުތައް ސަލާމަތްކުރުމަށް އިންޑިއާއިން ދަނީ އީރާނާއި އެހެނިހެން ގައުމުތަކާ މަޝްވަރާ ކުރަމުންނެވެ. މީގެ ތެރޭގައި ކައްކާ ގޭހާއި އެލްއެންޖީ އުފުލާ އުޅަނދުތައް ހިމެނެ އެވެ. މިހާތަނަށް އިންޑިއާއިން ވަނީ ހަ ގޭސް ޓޭންކަރެއް އެ ސަރަހައްދުން ބޭރުކޮށްފަ އެވެ. ނަމަވެސް އިންޑިއާގެ ދިދަ ޖަހާފައިވާ 18 އުޅަނދެއް އަދިވެސް އެ ސަރަހައްދުގައި ތާށިވެފައިވާ ކަމަށް އިންޑިއާގެ ޝިޕިންގް މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ މުކޭޝް މަންގަލް ވިދާޅުވި އެވެ.
ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ ބޭނުންކުރާ އިންޑިއާއަށް، އެމެރިކާއިން ދިން ލުއިތަކާއެކު އަލުން އީރާނުން ތެޔޮ ގަތުމަށް ދަނީ ތައްޔާރުވަމުންނެވެ. އިންޑިއާއިން އެންމެ ފަހުން އީރާނުން ތެޔޮ އިމްޕޯޓްކޮށްފައިވަނީ 2019 ވަނަ އަހަރެވެ.
ރާއްޖޭގެ %70 މީހުން ލޮނު ބޭނުންކުރާ މިންވަރު މާ ގިނަ!