ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ "މޯރަލް ލެޖިޓިމެސީ" ނުވަތަ އަހްލާގީ ސައްހަކަން ގެއްލިފައިވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އޭނާ މިފަދައިން ވިދާޅުވީ، ވޯޓެއް ނުނަގައި ވެސް ދެ އިންތިހާބު އެއްކޮށްލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް އޮތް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޑރ. އަހުމަދު ވިދާޅުވި ގޮތުގައި، ވޯޓެއް ނަގައިގެންވީ ނަމަ ވެސް ނުވަތަ ނުނަގައިވީ ނަމަ ވެސް، ގާނޫނުއަސާސީ އިސްލާހުކުރުމުގެ ނަމުގައި ގާނޫނުއަސާސީގެ "ބޭސިކް ސްޓްރަކްޗާ" ނުވަތަ އަސާސީ އޮނިގަނޑާ ހިލާފަށް، ރައީސުލްޖުމްހޫރިއްޔާ ބޭނުންވާއިރަށް ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަކަށް ލިބިގެންނުވެ އެވެ.

ޣައިރު ދުސްތޫރީ ވޯޓަކުން ދެ އިންތިޚާބު އެއްކުރަން ސަރުކާރުން އުޅުނީ އެކަމަށް ރައްޔިތުން ލެޖިޓިމޭސީ ދިނީ ކަމަށް ބުނެގެން ކަމަށް ތުހުމަތު ކުރައްވަމުން، ޑރ. އަހުމަދު ވިދާޅުވީ ދުސްތޫރީ ލެޖިޓިމެސީ ގެއްލިފައިވާ އެތައް އިސްލާހެއް ކުރިއަށް އޮތް ތަނުގައި ގާނޫނުއަސާސީއަށް ގެނައުމުގެ ނުބައި ނިޔަތް އޭގެ ފަހަތުގައި ފޮރުވިފައި އޮތް ކަމަށެވެ.

އެންމެ ފަހުން ނެގުނު އާންމު ވޯޓުގެ ނަތީޖާއިން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ "މޯރަލް ލެޖިޓިމެސީ" ގެއްލިފައިވާކަން ކަށަވަރުވާ ކަމަށް ފާހަގަކުރައްވައި، ޑރ. އަހުމަދު ވަނީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ދަށުން އަޅަންޖެހޭ "ލެޖިޓިމޭޓް" ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން އެހި ސުވާލަށް ވޯޓުލީ މީހުންގެ ބޮޑު އަޣްލަބިއްޔަތަކުން ވަނީ ނޫނެކޭ ބުނެފައެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާއަށް އެކަން ކުރުމަށް ޝަރުއީ ގޮތުން އެއްވެސް ބާރެއް ނެތް ނަމަވެސް، ސަރުކާރުގެ ބައެއް މެމްބަރުން ގެންދަވަނީ ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން ކަމަށް ޑރ. އަހުމަދު އަބްދުﷲ ދީދީގެ ވާހަކަފުޅުގައި އިޝާރާތް ކުރައްވާފައިވެ އެވެ.