ސަރުކާރުގެ ސިޔާސީ މަގާމުތަކާއި ކުންފުނިތަކުން ގަވާއިދާ ހިލާފަށް ވަޒީފާ ދީފަ ތިބި އެންމެން ވަޒީފާއިން ވަކިކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އިއުލާން ނުކޮށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ދިނުން ދެން ނިމުނީ ކަމަށެވެ. ސަބަބަކީ ކައުންސިލް އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ބުނެދިނީ އެކަން ކުރަން ބޭނުން ނުވާކަން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގަވާއިދާ ހިލާފަށް އެއްވެސް މީހަކަށް ވަޒީފާ ދީފައިވާ ނަމަ، އެ ވަޒީފާއެއް ދިން މީހަކު ވަޒީފާއިން ވަކިކުރަން ވެސް މިހާރު އިދާރާތަކަށް އަންގާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ނުވަތަ ސިޔާސީ ފަރާތަކާއި ގުޅިގެން ވަޒީފާ ދިނުން މިހާރު މި ގައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމެއް. މިއޮތީ ރައްޔިތުން ބުނެފައި. އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް. ދެންމެ މި ދެންނެވި ގޮތަށް ކުރިމަތިލައިން އެމީހާގެ ސީވީއަށް ބަލައި މެރިޓް ދެން އެއްވެސް އެސްއޯއީއަކުން ވެސް މިނިސްޓްރީއަކުން ވެސް މުވައްޒަފުން ނަގައިގެން ނުވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ނުވަތަ ސިޔާސީ ފަރާތަކާއި ގުޅިގެން ވަޒީފާ ދިނުން މިހާރު މި ގައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމެއް. މިއޮތީ ރައްޔިތުން ބުނެފައި. އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް. ދެންމެ މި ދެންނެވި ގޮތަށް ކުރިމަތިލައިން އެމީހާގެ ސީވީއަށް ބަލައި މެރިޓް ދެން އެއްވެސް އެސްއޯއީއަކުން ވެސް މިނިސްޓްރީއަކުން ވެސް މުވައްޒަފުން ނަގައިގެން ނުވާނެ،
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ދެން ވަޒީފާ ދޭނީ އިއުލާން ކޮށްގެން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކަށް މީހުން ނެގުމުގެ އިތުރުން، ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ މަސައްކަތް ވަޒަންކޮށް މަދުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ މުވައްޒަފުން ވުޒާރާތަކަށް އައްޔަން ކުރުމުގެ ބާރު އެމަނިކުފާނަށް އޮންނައިރު ކުރިއަށް އޮތްތާނގައި އެ ވަޒީފާތަކަށް ކޮންމެހެން މީހަކު ނަގާނަމަ ވެސް ތައުލީމަށް ބައްލަވަން ގަސްތުކުރައްވާ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުގެ ވިސްނުމުގައި ކުރިއަށް އޮތްތާނގައި ނެތް އެއްގޮތަކަށް ވެސް މިސާލަކަށް ސްޓޭޓް މިނިސްޓްރަކަށް މީހަކު ކޮންމެހެން ލާން ޖެހިއްޖެއިއްޔާ ލާން ޖެހޭ ފަހަރެއްގައި އެ މީހެއްގެ އަތުގައި މާސްޓާސް ޑިގްރީއެއް އޮތުން. ޑެޕިއުޓީ މިނިސްޓަރަކަށް ކޮންމެހެން ލާންޖެހޭ ހާލަތެއްގައި އެ މީހެއްގެ އަތުގައި ޑިގްރީއެއް އޮތްތޯ ބެލުން، މިކަހަލަ ރަފް މިންގަނޑެއް ގެންގުޅެން ވިސްނާފައި މިއޮތީ،" ރައީސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ 500 މުވައްޒަފުން ވަޒީފާއިން ވަކިކުރާ ވާހަކަ ދެކެވިފައި ވަނިކޮށް ސަރުކާރުގެ ތަރުޖަމާނު އެކަން ދޮގު ކޮށްފައިވާ ކަމަށާއި ނަމަވެސް ކުންފުނިތަކުގެ 33 އިންސައްތަ މުވައްޒަފުން ވަކި ކުރުމަށް ނިންމާފައި ވާތީ އެއީ ކޮން ގޮތަކަށް ނިންމި ނިންމުމެއްތޯ ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނިތަކުގެ ސައިޒު ކުޑަ ކުރުމަށް ކަމަށެވެ.

"ވަކި އަދަދެއް 500، ނޫނީ 200، ނޫނީ 1000 އެގޮތަށް އަދަދެއް ކަނޑައަޅާފައި، އެ ޓާގެޓެއް ނޫން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 33 އިންސައްތަ ކަނޑައެޅީ ސީދާ އަދަދަކުން ނޫން ކަމަށެވެ. އަދި ކުންފުންޏަކުން ގޮތް ނިންމާނީ އެތަނުގައި ތިބި މުވައްޒަފުންގެ އަދަދާއި މުވައްޒަފުން ކުރާކަން ކަމަށް ބަލާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

"މިސާލަކަށް ވަރަށް ބައިވަރު މުވައްޒަފުން އަޅުގަނޑުމެން ސަރުކާރު އައިއިރުގަ ވެސް ތިބިތަނެއް ފެނަކައަކީ. އެތަނުން ހަމަ ޔަގީނުން ވެސް ވަރަށް ފަސޭހައި 33 ޕަސެންޓް އެޗީވް ވާނެހެން އަޅުގަނޑަށް ހީވަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ވަނީ އެ ލިސްޓުގެ ސައްހަކަމާ ގުޅޭ ގޮތުން ރައީސްއާ ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލަށް ދެއްވި ކުރު ޖަވާބުގައި ރައީސް ވިދާޅުވީ "އަޅުގަނޑާ ހަމައަކަށް ތިކަހަލަ ލިސްޓެއް ވެސް ނާދޭ،" ކަމަށެވެ.

"އަޅުގަނޑުމެން އޮންނާނީ ޖުމްލަކޮށް ހުރިހާ އެސްއޯއީތަކަށް މިހާރު ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އަންގާފައި މުވައްޒަފުންގެ އަދަދު މަދުކުރަން، ތިންބައިކުޅަ އެއްބައި މަދުކުރަން ކުރެވެން ހުރި ހުރިހާ ތަނެއްގައި،" ރައީސް ވިދާޅުވި އެވެ.

ނިމިދިޔަ ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޕީއެލްއަށް އެކަނި 1000 މުވައްޒަފުން ވަނީ ނަގާފަ އެވެ. އިއުލާންކުރުމެއް ނެތި އެ ވަޒީފާތައް ދީފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ޝަރުތުކުރުމަށްފަހު އެވެ.

މީގެ އިތުރުން ފެނަކަ އާއި އާރްޑީސީ، އެމްޓީސީސީ، ވެމްކޯ، އެޗްޑީސީ އަދި އެމްސީއެލްއަށް ވެސް ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފަ އެވެ.