ތިލަމާލެ ބްރިޖްގެ މަސައްކަތް ހިތްހަމަޖެހޭ ގޮތަށް ކުރިއަށްނުދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ކޮންޓްރެކްޓަރު ބުރިޖުގެ މަސައްކަތް ނިންމަން ދިން އެތައް ތާރީޚްތައް ފަހަނައަޅާފައިވާ ކަމަށާއި ޕްރޮޖެކްޓް ވަރަށް ބޮޑަށް ލަސްވަމުންދާ ކަމަށެވެ. އަދި މަސައްކަތްތައް ނުނިމި، ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރުމަށް ކޮންޓްރެކްޓަރު ވަރަށް ބޮޑަށް އެދެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް މިކަމުގައި ކުރަމުން މިދަނީ. މިހާރު އަނެއްކާވެސް އެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ. ވަރަށް ބޮޑަށް ބަލާފައި އެ މުއްދަތު ދީފިން. ކުރިން ވެސް ތާރީޚް ދިން. އެކަމަކު ދިމަލެއް ނުވި. މިހާރު 2027 އަށް ނިންމަން ކޮންޓްރެކްޓަރު ތާރީޚު ދީފައި ވަނީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތް ނުނިމި ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ސަރުކާރުން އެ މަސައްކަތުގައި ކޮންޓްރެކްޓަރަށް ދެންޖެހޭ އެންމެހާ އެއްބާރުލުން ދެމުންދާ ކަމަށެވެ.
ތިލަމާލެ ބްރިޖް މަޝްރޫޢުގައި މިހާތަނަށް މަސައްކަތް ނިމިފައި ވަނީ 71.60 ޕަސެންޓް މަސައްކަތެވެ.
އެތަނުގައި މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރަމުންދަނީ ބްރިކް ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކްއަށް ބޭނުންވާ 1،222 ސެގްމަންޓްސްގެ ތެރެއިން މިހާތަނަށް 84 ޕަސެންޓް ސެގްމަންޓްސް ކާސްޓްކޮށް ވަނީ ނިމިފަ އެވެ. އަދި 54 ޕަސެންޓް ސެގްމަންޓްސް އިންސްޓޯލްކޮށް ވަނީ ނިމިފަ އެވެ.
ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖްގެ މަސައްކަތް ނިންމާނެ ތާރީޚެއް މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު އިއުލާންކުރެއްވި ކަމަށެވެ. ނަމަވެސް އެ ތާރީހަށް ވެސް މަސައްކަތް ނުނިމުނު ކަމަށާއި އެހެންކަމުން ދެން ރިޔާސީ ބަޔާނުގައި އެ ވާހަކަ ނުހިމަނާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ ކެމްޕޭންގެ ތެރޭގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ބްރިޖްގެ މަސައްކަތް ލަސްވަނީ އެމްޑީ ސަރުކާރާ ހެދި ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ސްޕީޑް އަވަސްކޮށް "މުއިއްޒު ސްޕީޑްގައި" ބްރިޖްގެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއަށް ޑްރަގް އެތެރެކުރި ދެ އަންހެނަކު ހައްޔަރުކޮށްފި
އަންހެނުންނަށް ނިދަން އުނދަގޫވަނީ ކީއްވެ؟
ދެވަނަ ދަރިފުޅަށް ދީޕިކާ ބަނޑުބޮޑު!
