އެރޭ ވެސް މަރީ ދައްތަ ގާތު އިނުމަށް ހޮސްޕިޓަލަށް ޔޫޝައު ދިއުމުން އަހަރެން އައީ ގެއަށެވެ. ޢާންމުކޮށް ޔޫޝައު ހޮސްޕިޓަލަށް ދާނީ ފިހާރަ ބަންދުކުރުމަށްފަހު ގެއަށް އައިސް ކައިގެން ފެންވަރާ ހަދައިގެންނެވެ.

"ޝިބާ ގެއަށް ލައިދޭން އެބަ އާދޭ ޒާކިރު. އޭނައައިމަ ގޮސް ނިދާލާ!"

ޔޫޝައުގެ އާންމު އޯގާތެރިއަޑުން އަހަރެން ކަންކުރަންވީ ގޮތް ކިޔައިދިނީ މަރީ ދައްތަ ގާތު އިށީންނަމުން ގޮނޑި އެނދާ ކައިރިކޮށްލަމުންނެވެ. އޭރު އަހަރެން ހުރީ ނިކުންނަން ގޮސް ދޮރުމަތީގައެވެ.

ކޮންމެވެސް ވަރަކަށް ވަރުބަލިވެފައި ހުރުމުން ގޭތެރޭގެ ބައެއް ކަންތައް ހަމައަކަށް އެޅުވުމަށްފަހު ނިދަން އޮށޯތީ ފޯނުގެ ރިންގް ތަންކޮޅެއް މަޑު ކޮށްގެންނެވެ. އަހަންނަށް ހޭލެވުނީ ހުވަފެނަކުން ހޭލެވޭ ފަދަ ގޮތަކަށް ފޯނު ރިންގްވާ އަޑަށެވެ. އޭރު ޔޫޝައު ފަސްފަހަރު ގުޅާފައި އޮތެވެ. އަވަހަށް ފޯނު ކަންފަތުގައި ޖެހުމުން ބުނީ މަރީދައްތަގެ ހާލު ސީރިއަސްކަމަށާ ކުދިންކޮޅު ގޮވައިގެން ވީހާ ވެސް އަވަހަކަށް ހޮސްޕިޓަލަށް އައިސް ދިނުމަށެވެ. އަހަރެން ފޯނު ނުނަގައިގެން މިހާރު މަރީ ދައްތަގެ ކޮއްކޮ ކުދިންބަލާ މިގެއަށް ދާނެ ކަމަށާ އޭނައާއެކު އަވަހަށް އައުމަށެވެ. ޔޫޝައުގެ އަޑުގައިވަނީ ހާސްކަމެވެ. އެ އަޑުން އެކަނި ވެސް މަރީދައްތަގެ ހާލު ގޮސްފައިވާ ހިސާބު އަހަންނަށް އަންދާޒާ ކުރެވުނެވެ.

އަހަރެމެނަށް ހޮސްޕިޓަލަށް ދެވުނު އިރު ފަތިހު ފަސްގަޑިބައި ވަނީއެވެ. އޭރު ދެފަރާތުގެ އާއިލާގެ ވަރަށް ގިނަ މީހުން އެ ވޯޑުތެރޭ ފެންކަޅިވެފައި ތިއްބެވެ. އަހަރެން ދިއުމުން މަރީ ދައްތަ އެދުނީ އަހަންނާ ވަކިން ވާހަކަ ދައްކާލަން ވަގުތު ކޮޅެއް ދިނުމަށެވެ. އެހެންކަމުން އެ ވަގުތުކޮޅު އަހަރެމެނަށް ދިނުމަށްފަހު އެންމެން ނިކުތީއެވެ.

ވަރަށް ބަލިކޮށް އެހާލުގައި މަރީދައްތަ ދެ ދުވަހަކު ދުނިޔޭގައި އޮތެވެ. އެންމެ ފަހުން އެ ތުއްތު ތުއްތު ކުދިންކޮޅާ ޔޫޝައު އަދި ހެޔޮއެދޭ އެތައްބަޔަކު ރޮއްވާލުމަށްފަހު މި ކެހިވެރި ވަގުތީ މަންޒިލް ދޫކޮށް ފަނާވުމެއް، ނިމުމެއްނެތް ދުނިޔެއަށް މަރީދައްތަ ދަތުރުކޮށްފިއެވެ.

އެތައް ބަޔަކަށް މަރީ ދައްތަގެ ވަކިވުމުން ފުން އަސަރުތަކެއް ކުރިއެވެ. މަރީ ދައްތަގެ ކުދިން ދެރަވެ ރޮވިފައި ތިބޭ މަންޒަރު ދެކެން އަހަރެން ދުރު ހިލޭ މީހަކަށް ވާއިރު ވެސް ކުޅަދާނަ ނުވެއެވެ. ވީއިރު އެކުދިންގެ ބައްޕައަށް އަދި ކިހާ އަސަރެއް ކުރާނެ ހެއްޔެވެ!

މަރީ ދައްތަގެ ކުދިންނަށް އަހަރެންވީ މައެއްފަދަ މީހަކަށެވެ. ސަބަބަކީ މަޔަކާ ދަރިންގެ ވަކިވުމަކީ ކިހާ ހިތްދަތި ކަމެއްކަން އެ ކުދިންނަށް ވުރެ ކުރިން ތަޙައްމަލް ކުރި މީހަކަށް އަހަރެން ވީމައެވެ. އެހެންކަމުން އެކުދިންނަށް އަޅާލާ ލޯބި ދޭން އަހަންނަށް ކޮންމެވެސް ވަރަކަށް އެނގިފައި އޮތެވެ. އެ ކުދިން ވެސް އަހަންނަކީ ދުރު ހިލޭ މީހެއް ކަމަށް ދެކޭ ހެނެއް ހިއެއް ނުވެއެވެ. އެ ކުދިންގެ އުފަލާ ހިތާމަތައް އަހަންނާ ހިއްސާ ކުރެއެވެ. ކަމެއް ބޭނުން ވިއަސް މިހާރު ބުނަނީ އަހަރެން ގާތުއެވެ. އެހެންވާން ޖެހުނީ އެ ކުދިންގެ ބައްޕަ އަކީ ވިޔަފާރި ވެރިއަކަށް ވެފައި ގޭގައި ހޭދަ ކުރާ ވަގުތަށް ވުރެ ގިނަވަގުތު ފިހާރާގައި ހޭދަ ކުރުމާއި ބައެއް ފަހަރު ރަށުން ބޭރަށް ވެސް ދާން ޖެހޭތީ އެވެ.

ޔޫޝައު ވިޔަފާރި ދަތުރުތަކުގައި ފުރަން ވުމުން ކުރީކޮޅު މަރީދައްތަގެ ތިމާގެ ކުއްޖަކު ގޭގައި ބަހައްޓައެވެ. އެހެން ނަމަވެސް އެ ކުއްޖާއަށް ވެސް އެކަމުން އުނދަގޫތަކެއް ވާތީ އެޒިންމާ އަހަރެން ބޮލުގައި އެޅީ އަމިއްލައަށެވެ. އެ ވާހަކަ އަހަރެން ދެއްކުމުން ޔޫޝައުގެ ފަރާތުން ލިބުނު ޖަވާބުން ޔޫޝައު ވެސް އެކަމަށް އެދިގެން ހުރިކަން އެނގުނެވެ. އަދި މަރީ ދައްތަގެ އެއްބަނޑު މީހުން ވެސް އަހަންނަށް އިތުބާރު ކުރެއެވެ. އެއީ މަރީދައްތަ ދުނިޔޭގައި ހުރިއިރު އަހަރެމެންގެ ދެމެދު އޮތް ގުޅުން އެގޭ މީހުންނަށް ވެސް ވަރަށް ރަނގަޅަށް އެނގި ފެނިފައި ވާތީއެވެ.

މިހާރު ބައެއް ފަހަރު ޔޫޝައު އަހަންނަށް ފޯނުކޮށް ހަދައެވެ. ގޭގެ ކޮންމެ ވެސް ކަމެއްގައެވެ. ނުވަތަ ކުދިންގެ ކޮންމެވެސް ކަމެއް ހަމަ ނުޖެހިގެންނެވެ.

މަރީދައްތަ ނިޔާވިތާ ތިންވަނައަށް ވީމަހު ފަހުކޮޅެވެ. ހުކުރު ދުވަސް ކަމުން ފިހާރާގައި ގެންގުޅޭ ބޭރުމީހާ ހުރީ ޗުއްޓީގައެވެ. ޔޫޝައު އަހަރެންގެ ފޯނަށް ގުޅާފައި އިރުކޮޅަކަށް ފިހާރައަށް އާދެވިދާނެތޯ އެހިއެވެ. ދެވިދާނެއޭ ބުނަމުން އަހަރެން ދިޔައީ މަރީދައްތަގެ ކުޑަމީހާ އައިލާން ގޮވައިގެންނެވެ.

އަހަރެން ފިހާރައަށް ދިއައިރު ޔޫޝައު ހުރީ ރައްޓެއްސަކާ ވާހަކަ ދައްކަން ފިހާރައިން ބޭރުގައެވެ. އަހަރެން ފެނުމުން ވަރަށް އަވަހަށް ބަނދަރުމައްޗަށް ގޮސްލާފަ އެބަ އަންނަމޭ ބުނެ އެމީހާ އާއެކު ސައިކަލަށް އަރައިގެން ހިނގައްޖެއެވެ. އަހަރެން ވަދެ އިށީނީ ކައުންޓަރު ކައިރީގައެވެ. އަހަރެން ގާތު ގޮނޑިއެއްގައި އައިލާން ބައިންދައިގެންނެވެ.

ފިހާރައިގެ ފޯނަށް އިރު އިރުކޮޅާ ފޯނު އާދެއެވެ. މުޅިން ވެސް ޔޫޝައުއަށް އަންނަ ކޯލްތަކެވެ. ވިޔަފާރީގެ ކަންތަކުގައެވެ. ޖަވާބުދޭން އެނގޭ ސުވާލުތަކަށް އަހަރެން ޖަވާބު ދެމެވެ. އެހެން ނޫނީ ގުޅިވާހަކަ ޔޫޝައު ގާތު ބުނާނަމޭ ބުނަމެވެ.

އެއްޗެހިތަކެއް ގަންނަން ދެތިން މީހަކު އެއް ފަހަރާ ފިހާރައަށް ދިޔަ ވަގުތެކެވެ. އެމީހުންގެ ކަންތަކުގައި އުޅެނިކޮށް ދެފަހަރަކު ފޯނު ރިންގުވި އަޑުއިވުނެވެ. ކޮންމެ ފަހަރަކު ވެސް ދެ ފަހަރަކު ރިންގް ވެ އެވެ. ދެން ކެނޑެނީއެވެ. ތިންވަނަ ފަހަރު ރިންގް ވި އިރު އަހަރެން ހުރީ ފޯނު ކައިރީގައެވެ. އެއް ރިންގާއެކު އަހަރެން އަތްގަނޑު ނަގާ ކަންފަތުގައި ޖެހީމެވެ. އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ. ސަލާން ގޮވައިލަން ހުޅުވައިލި އަނގައާއެކު އަހަރެންގެ އަޑު ކަރު ތެރޭގައި ތާށިވެއްޖެއެވެ.

އެހެން މީހަކު އެ ފޯނު ނަގައިފާނެ ކަމާ މެދު އެ ފަރާތަކުން ވިސްނައިގެން ނެތީ ކަންނޭނގެއެވެ. އަހަންނަށް އިވެނީ އަންހެނަކު ގިސްލާ އަޑެވެ. ނޯށް ދަމާ އަޑެވެ. ސިކުންތު ކޮޅަކަށްފަހު އެމީހަކު ވާހަކަ ދައްކަން ފެށިއެވެ. ''ޔޫޝައު، ޕްލީޒް! އަހަންނަށް ތިހެން ނަހަދަ ބަލަ! ކީއްވެތަ އަހަންނާ ވާހަކަ ދައްކަން ވެސް އިންކާރު ކުރަނީ! އަހަރެން ހުތުރީތަ! މުސްކުޅީތަ! އަހަރެން އަތުގައި ލާރި މަދީތަ! ބުނެބަލަ ކޮންމެވެސް އެއްޗެކޭ ބުނެބަލަ!"

އެމީހަކު އިރުކޮޅަކަށް ހުއްޓައިލިއެވެ. މިއީ ޔޫޝައުއެއް ނޫނޭ ބުނަން އަނގަ ހުޅުވައިލި ވަގުތު އަނެއްކާވެސް އިވުނީ އެ ފަރާތުގެ އަޑެވެ.

"އެންމެ ފަހަރަކުވެސް އަހަރެން ދެކެ ލޯބިވެޔޭ ބުނެބަލަ! ........ އަހަންނާ އެކު އުޅުނީމަ ޔޫޝައު ވެސް އަހަރެން ދެކެ ލޯބިވާނެ! ........ އެވަރަށް އަހަރެން ޔޫޝައުއަށް ލޯބި ދޭނަމޭ! ޕްލީޒް ޔޫޝައު!''

ދެން އިވުނީ އަނެއްކާވެސް އަންހެން ކުއްޖާ ވާހަކަ މެދުކަނޑާލުމަށްފަހު ގިސްލާ އަޑެވެ. ހީވާގޮތުން އެ ކުއްޖަކު ވާހަކަ މެދުކަނޑައިލީ ޔޫޝައުގެ ޖަވާބުގެ އިންތިޒާރުގައެވެ. އެހެންކަމުން އެކުއްޖާ އަލުން ވާހަކަ ދައްކަން ފެށުމުގެ ކުރިން ޔޫޝައު މިވަގުތު ފިހާރާގައި ނޫޅޭ ކަމަށް ބުނެ އަހަރެން ފޯނު ބޭއްވީމެވެ. އަހަންނަށް އެހެން ބުނެވުނުއިރު އަހަރެންގެ އަޑުވަނީ ކުރެހިފައެވެ. އެ ކުއްޖާއެކޭ އެއްގޮތަށް އަހަންނަށް ވެސް އަސަރު ކޮށްފައިވާހެން އަހަންނަށް ހީވިއެވެ.

އިރުކޮޅެއް ނުވެއެވެ. އަނެއްކާވެސް ފޯނު ރިންގް ވާން ފަށައިފިއެވެ. އަހަރެން އެ ފޯނު ނުނަގައި މަޑުކުރީ އެ ގުޅަނީ އަނެއްކާ ވެސް އެ ކުއްޖާ ކަމަށް ހީކޮށެވެ. މި ފަހަރު ދޭނެ ޖަވާބެއް އަހަރެންގެ ވިސްނުމަށް ނައުމުން ފޯނު ނުނަގަން ނިންމީމެވެ. ޔޫޝައުގެ، ކުރިން އަހަންނަށް ނޭނގި އޮތް ފަރާތެއް މިހާރު ހާމަވާކަށް އަހަރެން ނޭދެމެވެ. އެއީ ޔޫޝައުއަކީ އެއަށްވުރެ ބޮޑަށް އަހަރެން އިތުބާރުކުރާ އަދި ޤަދަރު ކުރާ ފަރާތަކަށްވެފައި މަރީދައްތަ ނިޔާވިތާ އަދި ތިންމަސް ވެސް ނުފުރޭތީ އިވޭ އަޑެއްގެ ސަބަބުން އަހަރެންގެ ހިތް ޔޫޝައުއަށްޓަކައި ކިލަނބުވާން އަހަރެން ބޭނުން ނުވަނީއެވެ.

އިޝާނަމާދަށްފަހު ކާން އައިސް ޔޫޝައު އިށީނީ އާދައިގެ މަތިން ކައިގެން އަވަހަށް ފިހާރައަށް ދިއުމަށެވެ. އެކަން އަހަންނަށް އެނގެއެވެ. ޔޫޝައު އިށީންއިރު ވެސް ކާތަކެތި ހުރީ މޭޒުމައްޗަށް ނަގާފައެވެ. ފެންތަށި ޔޫޝައު ގާތަށް ޖައްސާލަމުން ހަވީރު ދިމާވިކަންތައް ކިޔައިދޭން އަހަރެން ތައްޔާރުވިއިރު ހުރީ ކުޑަކޮށް ހާސްވާ ގޮތްވެފައެވެ. އެ ވާހަކަ ފަށާނެ ގޮތަކާމެދު ފުރަތަމަ ވިސްނާލެވުނެވެ. ކުޑަކޮށް އަހަރެން ކަރު ކެހިލީ ހަމައަކަށް އެޅެން ބޭނުންވެފައި ހުރިވަރުންނެވެ. އެހެން ނަމަވެސް ކަރު ކެހިލި އަޑު އިވުމުން ޔޫޝައު އަހަންނާ ދިމާއަށް ބަލައިލީ ކީއްވީހެއްޔޭ އަހަލާފަދަ ނަޒަރަކުންނެވެ. އެ ނަޒަރުން އަހަރެން ޖެހިލުންވެ ލަދު ގަތެވެ. އަހަންނަށް ވީ ގޮތް ފެނުމުން ޔޫޝައު ކެއުމާއިގެން މަޝްޣޫލުވެއްޖެއެވެ.

''ހަވީރު އަންހެންކުއްޖަކު ފިހާރައަށް ގުޅި!''

ވަރަށް މަސައްކަތުން އަހަރެން ބުނީމެވެ. އަހަރެންގެ އަޑު ނުނިކުމެދާނެތީ ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ހީކުރިވަރަށްވުރެ ބާރަށް އަހަރެންގެ އަޑު ބޭރުވުމެވެ.

ޔޫޝައުއަށް އަހަރެންގެ އަޑުއިވުމުން ކޮށިއަރާގޮތް ވިއެވެ. ފެންތަށި ނަގާ ފެންފޮދެއް ބޯލަމުން ފަރުވާކުޑަގޮތަކަށް އިސްއުފުލާ ބަލައިލިއެވެ. ދެން ސިކުންތުކޮޅަކަށްފަހު އިވުނީ ސުވާލެކެވެ.

''ކީއްކުރަންށޯ ގުޅީ!''

އަހަންނަށް އެ ސުވާލަށް ޖަވާބުދޭން ދަތިވިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. ޔޫޝައުއާ ދިމާއަށް ބަލަން ހުރެވުނީއެވެ. ޔޫޝައު އިނީ ކުރިއެކޭ އެއްގޮތަށް ކެއުމަށް ސަމާލުކަންދީގެންނެވެ. ފެނުނު ފަރުވާކުޑަކަމަކުން އެންމެ ފަހުން އެއް ވެސް ޖަވާބެއް ނުދީ އަހަރެން ނިކުމެގެން ގޮސް ކޮޓަރިއަށްވަނީއެވެ.

ހެނދުނު ތެދުވި އިރުވެސް އަހަރެން ހުރީ މޭނުބައި ކުރާގޮތްވެފައެވެ. ބޮލަށްބަރުވެ ބޯ އަނބުރާކަހަލަ ގޮތެއް ވެފައެވެ. އެއީ ދޭތެރެ ދޭތެރެއިން އަހަންނަށް ވާގޮތެކެވެ. މަންތްލީ ލީވް ގައި އަބަދު ވެސް އެމައްސަލަ ބޮޑުވެއެވެ.

ބަލިވިޔަސް އެނދުގައި ނުތެދުވެ އޮތުމަކީ އަހަންނަށް އާދަވެފައިވާ ކަމެއްނޫނެވެ. މާލޭގައި ހުރިއިރު މަދުމަދުން ނަމަވެސް އަނބުރާގަންނަ ގޮތް ދިމާވެފައި ހުރުމުން މި ރަށަށް އަހަރެން އައި ފަހުން އުޅެނީ ވަރަށް ބަލައިގެންނެވެ. މިއަދު މީ އޭގެ ދުވަހެއްހެން ހީވިޔަސް އެއްޗެއް ކާލާ ހަދާހާ ހިތްވަރެއް ނެތެވެ. ކުރީ ދުވަހު ފިހާރާގައި ހުއްޓާ ގުޅި އަންހެންކުއްޖާ ދެއްކި ވާހަކަޔާ ޔޫޝައުގެ ފަރާތުން ފެނުނު ކަންތައްތަކުން އަހަރެން ހުރީ ހިތް ނުތަނަވަސްވެ އުދަނގޫވެފައެވެ. ފާދަކަށް ރުޅި ގަދަވެފައެވެ.

ހެނދުނަށް ރޮށިފިހާ ވަޅޯ މަސްކޮޅަކުން މަސްހުނި މޮޑެ ސައި ތައްޔާރު ކުރުމަށްފަހު އަހަރެން ހުރީ ސިންކް ކައިރީގައެވެ. ކުއްލިއަކަށް ބޮލަށް އެނބުރުން އަރާހެން ހީވުމުން އަހަރެން ހިނގައިގަތީ މޭޒުކައިރީ ހުރި ގޮނޑީގައި އިށީންނާށެވެ. އެހެންނަމަވެސް އެހިސާބަށް ދެވުމުގެ ކުރިން އަހަރެންގެ ގައިން މުޅިން ވަރު ދޫވިއެވެ. ގޮނޑީގައި އަތް ޖެހުނުހެން ވެސް ހީވިއެވެ. ލޯ ހުޅުވާލެވުނުއިރު އަހަރެން އޮތީ މީހެއްގެ އަތުތެރޭގައެވެ. އެހެންނަމަވެސް އެއީކާކުކަން އެނގުމުގެ ކުރިން އަނެއްކާ ވެސް ލޯމެރުނީއެވެ. ގައިގެ އެއްވެސް ހަކަތައެއް ނެތެވެ. ދެވަނަ ފަހަރަށް ލޯހުޅުވައިލެވުނީ އެނދުގައި ބުރަކަށި ޖެހުމުންނެވެ. އަދި މީހަކު އަހަރެންގެ ނަމުން ގޮވާ އަޑުވެސް އިވެއެވެ.

''ޝިބާ! ޝިބާ! ލޯހުޅުވަބަލަ!''

އެއީ ޔޫޝައުގެ އަޑެވެ. އެ އަޑުގައި ވަނީ ކަންބޮޑުވުމާ އަޅާލުމެވެ. އޯގާތެރިކަމެވެ.

އަހަންނަށް ލޯހުޅުވާ ބަލައިލެވުނީ ފުރަތަމަ ވެސް އަހަންނާ ދިމާއަށް ގުދުވެގެން އޮތް ޔޫޝައުގެ މޫނަށެވެ. ދެ ލޮލަށެވެ. އެވަގުތު އެހެން މީހެއްގެ އެހީތެރިކަމާ ގާތްކަމަށް އަހަރެންގެ މައުސޫމުހިތް ވަނީ ފެން ބޮވައިގެންފައެވެ. އެހެންވެ ކަންނޭނގެއެވެ. އަހަރެންގެ ނިކަމެތިކަން ހިތަށް އަރާ ދެލޮލުން ކަރުނަ ހިލި ރޮވޭގޮތްވެއްޖެއެވެ. (ނުނިމޭ)