މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ފާޅުކޮށް މަސައްކަތްތެރިންގެ ޔޫނިއަންތައް ގުޅިގެން މާލޭގައި މުޒާހަރާއެެއް ބާއްވައިފި އެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ ފުރަތަމަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރީންގެ ދުަވަސް ނުވަތަ "މޭ ޑޭ" އެވެ.

މިއަދު ހަވީރު މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ "މޭ ޑޭ މުޒާހަރާ" ގައި ވަނީ މަސައްކަތުގެ މާހައުލުގެ ސަލާމަތްތެރިކަން ނެތުމުގެ ކަންބޮޑުވުމާއި ޓޫރިޒަމް ދާއިރާގެ މަސައްކަތްތައް އައުޓްސޯސްކުރުމުގެ ސަބަބުން، މުވައްޒަފުންނަށް ލިބޭ އުޖޫރަ ކުޑަވެފައިވާ ކަމުގެ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ސާވިސްޗާޖް ޑޮލަރުން ދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެ އެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ މިއަދު ބޭއްވި މުޒާހަރާގެ މަގުސަދަކީ މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރުން ކަމަށެވެ. މަސައްތެރިންގެ ފަރާތުން އޭނާ ސަރުކާރަށް ގިނަ ޑިމާންޑްތަކެއް ކުރެއްވި އެވެ.

އޭގެތެރޭގައި ރިސޯޓް މުވައްޒަފުންނަށް ހަފްތާއަކު ދެ އޮފް ދުވަސް ކަނޑައެޅުމާއި ޓޫރިޒަމް ދާއިރާގައި އައުޓްސޯސްކޮށްގެން މަސައްކަތް ކުރުން ހުއްޓާލުން ހިމެނެ އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

މުޒާހަރާގައި ބައިވެރިވި މަސްވެރިން ވަނީ ކަންނެލި މަސް ގަންނަ އަގު 80 ރުފިޔާ އާއި 100އާ ދެމެދަށް ބޮޑުކުރުމަށް ގޮވާލާފަ އެވެ.

ޓީޗަރުން މަސައްކަތްކުރާނެ ކޮމްޕިއުޓަރުތައް ސްކޫލްތަކުގައި އެކަށީގެންވާ ވަރަށް ނެތުމުން މަސައްކަތް ކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ޓީޗަރުން ބުންޏެވެ.