ދައުރު ނޫހުގައި ގައި ޝާއިއު ކުރި ލިޔުމަކާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން، އެ އާޓިކަލް ލިޔުނު ދައުރުގެ އެޑިޓަރު މޫސާ ލަތީފާއި ދައުރު ހިންގާ 'ނެކްސްޓް މީޑިއާ ގްރޫޕް'އާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފި އެވެ.

މިގެކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަޒާން އެ ދައުވާ ކުރީ މިދިޔަ މަހުގެ 28ގައި 'އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ'، މި ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ލިޔުމުގައި އަޒާންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އެވެ.

އަޒާން އެދިފައިވަނީ ދައުރު ނޫހުގައި ޝާއިއު ކުރި އެ ލިޔުމުން އޭނާގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ކަނޑައަޅާ، އެ ލިޔުން ޑިލީޓު ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރު ކުރުމަށެވެ. މީގެ އިތުރުން، އަބުރާ ބެހުމުގެ ގެއްލުމުގެ މައުނަވީ ބަދަލަކަށް 5،000ރ.، ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670ރ. އަދި މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ.

އަޒާންގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ބަލާ ނިމެންދެން، ދައުރު ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުން 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލުކޮށް، އާންމުނަށް އެ ލިޔުން ނުފެންނާނެހެން ހެދުމަށް އަމުރުކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.