އޭޕްރީލް، 2025، ގައި ރައީސް މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނައި ރައީސް އޮފީހުގެ މާލީ ބަޔާން އިއްޔެ އާންމުކޮށްފި އެވެ.
އޭޕްރީލް 1، 2025، އިން އޭޕްރީލް 5، 2025، އަށް ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ދިޔަ ހަރަދުގެ ބޮޑު ބައި ހަމަޖެއްސީ އަމިއްލަ ފަރާތަކުން ކަމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށް ވިދާޅުވެފަ އެވެ. ނަމަވެސް ހަރަދުކުރި ފަރާތުގެ އެއްވެސް މައުލޫމާތެއް އެމަނިކުފާނު ވިދާޅެއްނުވި އެވެ.
އެ އޮފީހުގެ "ލާބަ އާއި މަންފާއަށް" ތިން ވަނަ ފަރާތަކުން އެއްވެސް ހަރަދެއް ކޮށްފައިނުވާ ކަމަށް ރައީސް އޮފީހުގެ މާލީ ބަޔާނުގައިވެ އެވެ.
ރައީސްއަށް ހަރަދު ކުރި ގޮތް ނޭނގޭ އަމިއްލަ ފަރާތަކީ ކޮބައިތޯ ސާފުކުރަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފާ ނޫސްވެރިން ސުވާލުކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.
އެމަނިކުފާނަށް އަމިއްލަ ފަރާތަކުން ހަރަދު ކުރި ކަމަށް މުއިއްޒު ހާމަކުރެއްވީ އޭޕްރީލް 10، 2025، ގައި ގެނެސްދެއްވި ޕޮޑްކާސްޓެއްގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
"މި ދަތުރަށް އަޅުގަނޑުމެން ނުކުރަން މާ ބޮޑު ހަރަދެއް އިނގޭތޯ ސަރުކާރުންނެއް. ޕްރައިވެޓް ސެކްޓާ ސްޕޮންސާޝިޕްގައި ގާތްގަނޑަކަށް މުޅި ދަތުރުގެ ހުރިހާ ކަމެއް ކޮށްފައި ވަނީ. މިހާރު ތަފްސީލުތައް ވާނީ ރަސްމީކޮށް ރައީސް އޮފީހުން ހާމަކޮށްފައި. ދޮޅު ލައްކައެއްހާ ރުފިޔާ މި ދަތުރަށް ހަރަދުވީ. އެއީ އަޅުގަނޑުގެ ޓިކެޓަށް ދިޔަ އެއްޗެއް. އެހެން ހުރިހާ އެންމެންނާއި، މުޅި ހަރަދު، ހުރިހާ އެންމެންގެ ޓިކެޓާއި، ހުރުމާއި، ޖުމުލަކޮށް ކުރި ހުރިހާ ކަމެއް ޕްރައިވެޓް ސެކްޓާ ފަންޑިންގެ ތެރެއިން ސްޕޮންސާޝިޕްގެ ތެރެއިން ހަމަޖެއްސީ. އެއީ ކުރިން ވެސް ރޭވި ގޮތް އެގޮތަށް އެކަން ކުރީ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ އިސްތިހާރު ކުރަން ލިވަޕޫލް ފުޓުބޯޅަ ކްލަބާއެކު ހެދި އެއްބަސްވުން އިފުތިތާހު ކުރައްވަން ކަމަށް އިނގިރޭސިވިލާތައް ކުރެއްވި އެ ދަތުރަށް ރައީސް އޮފީހުން ހަރަދުކުރީ އެންމެ 153،689 ރުފިޔާ ކަމަށް މާލީ ބަޔާނުގައިވެ އެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނު ޓެކްސީ އެޕް ލޯންޗްކޮށްފި
ހެނދުނާއި ހަވީރުގެ ސައިން ސިއްހަތާއި ނިންޖަށް ކުރާ އަސަރު!
ކުރީގެ ހަ ރައީސުންގެ ވީއައިޕީ ވެއިޓަރު ހަލީމް ނިޔާވެއްޖެ
