ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ 3،000 މެންބަރުން ހަމަނުވުމުގެ ސަބަބުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި "ދަ ޑިމޮކްރެޓްސް" އާއި "މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ" (އެމްއެލްއެސްޑީޕީ) އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި ދެ ޕާޓީ އުވާލަން ނިންމީ ގާނޫނީ އަދަދަށް މެންބަރުން ހަމަކުރުމަށް ދެވުނު މުއްދަތު ހަމަވިއިރުވެސް، އެ އަދަދު ހަމަވެފައި ނުވާތީ އެވެ.
ދަ ޑިމޮކްރެޓްސްއަކީ ނިމިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް، އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މެންބަރުން އިސްވެ އުފެއްދެވި ޕާޓީއެކެވެ. އޭރުގެ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު، ނަޝީދު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ އެމްޑީޕީގެ ވެރިކަމުގެ ދައުރު ނިމެން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ.
ޑިމޮކްރެޓްސްއިން ވަނީ އެމްޑީޕީއާ ދެކޮޅަށް ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކޮށް ހަތް އިންސައްތަ ވޯޓު ހޯދާފަ އެވެ. ނަމަވެސް އިންތިހާބުގެ ފަހުން ޕާޓީގެ އިސް ބޭފުޅުން ކަމަށްވާ ހަސަން ލަތީފާއި، މުހައްމަދު ޝިފާޒް އަދި އަލީ އާޒިމް ފަދަ ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. ރައީސް ނަޝީދުވެސް މިދިޔަ އަހަރުގެ ޖޫން މަހު ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ.
ގާނޫނީ ވަކީލް އަބްދުﷲ ހަސީން އިސްވެ 2018 ވަނަ އަހަރު އުފެއްދެވި އެމްއެލްއެސްޑީޕީއަކީ މީގެ ކުރިންވެސް މެންބަރުން ހަމަނުވެގެން 2023 ގައި އުވާލި ޕާޓީއެކެވެ. ނަމަވެސް، މެންބަރުން ހަމަކުރަން އެކަށީގެންވާ މުއްދަތު ނުދޭ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބުވެ، ޕާޓީ އަލުން އިއާދަކުރި އެވެ. އެހެންނަމަވެސް، ފަހުން ދެވުނު މުއްދަތުގައިވެސް 3،000 މެންބަރުން ހަމަނުވުމުން، މިއަދު މިވަނީ އެ ޕާޓީ އަލުން އުވާލާފަ އެވެ.
ކުރީގެ ހަ ރައީސުންގެ ވީއައިޕީ ވެއިޓަރު ހަލީމް ނިޔާވެއްޖެ
މީކާއިލް ރައީސް ސޯލިހާއެކު ރާއްޖޭގެ ހުރިހާ ސިޓީތަކަށް