މޫސާ ޒަމީރު އިސްތިއުފާ ދެއްވުމުން ރައީސް މުހައްމަދު މުއިއްޒު، މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ މަގާމަށް، ހަސަން ޒަރީރު މިއަދު އައްޔަންކުރައްވައިފި އެވެ.

ވަޒީރަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ. ހުވައި ކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފަ އެވެ.

ޒަރީރަކީ މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ ވެސް ހަމަ މި ސަރުކާރުންނެވެ.

ޒަރީރަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ޒަރީރު މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމުންނެވެ. އެހެންކަމުން ޒަރީރަކީ މި ސަރުކާރުގެ ތިންވަނަ ފިނޭންސް މިނިސްޓަރެވެ.

މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވީއިރު ޒަމީރު އައްޔަންކުރީ ފޮރިން މިނިސްޓަރުގެ މަގާމަށެވެ. އެކަމަކު، އޭރު ފިނޭންސް މިނިސްޓަރުކަމުގެ ހުންނެވި ޑރ. މުހައްމަދު ޝަފީގު އިސްތިއުފާދެއްވުމުން ދެން އެ މަގާމަށް އައްޔަންކުރެއްވީ ޒަމީރެވެ. އޭނާއަކީ މި ސަރުކާރުގައި އެންމެ ހިންގުންތެރި އެއް ބޭފުޅާ އެވެ.