ޕެރިސް (08 މެއި) - ކޮވިޑް-19 އާ ދެކޮޅަށް ފްރާންސުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ހަތް ގައުމަކުން އެ ގައުމަށް އެތެރެވާ ނަމަ 10 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

ފްރާންސަށް ކަރަންޓީން ވެގެން ވަދެވޭ ގައުމުތަކުގެ ލިސްޓަށް މިފަހަރު ގިނައިން އިތުރުވެފައިވަނީ ދެކުނު އޭޝިއާގެ ގައުމުތަކެވެ. އޭގެ ތެރޭގައި ސްރީލަންކާ، ނޭޕާލް، ޕާކިސްތާން އަދި ބަންގްލަދޭޝް ހިމެނެ އެވެ. މީގެ އިތުރުން ޔޫއެއީ، ގަތަރު އަދި ތުރުކީ ފަދަ ގައުމުތައް ވެސް ވަނީ މި ލިސްޓަށް އިތުރުވެފަ އެވެ. މީގެ ތެރޭގައި ރާއްޖެ ނުހިމެނެ އެވެ.

ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އިންޑިއާ ފާއިތުވެދިޔަ މަހު މިލިސްޓަށް އަރާފައިވާއިރު ދުނިޔޭގައި ތިންވަނަ އަށް ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ބްރެޒިލް އިން ފްރާންސް އަށް ކުރާ ވައިގެ ދަތުރުތައް މިހާރު ވަނީ މެދުކަނޑާލާފަ އެވެ.

މި ގައުމުތަކުން ފްރާންސަށް އެތެރެވާ ފަސިންޖަރުންގެ އަތުގައި 36 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއް އޮންނަން ޖެހޭ ކަމަށް އުސޫލުތައް ބުނާއިރު އެކަމަށް މިހަފްތާ ތެރޭގައި ލުއި ދެވޭނެ ކަމަށް ފްރާންސުން ބުންޏެވެ.

މީގެ އިތުރުން ފްރާންސަށް އެތެރަވާނަމަ ކަރަންޓީންވާނެ ތަނެއް ހަމަޖައްސައި އެކަމުގެ ހެކި ހުށައަޅަން ޖެހޭނެ ކަމަށް ވެސް ފްރާންސްގެ އާ އުސޫލުތަކުގައިވެ އެވެ. --އަލް އަރަބިއްޔާ