ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު އެއްވަރުވުމުން އަލުން މިއަދު ނެގި ވޯޓުގައި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް ކާމިޔާބުކުރައްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ވާދަވެރި ކުރިމަތިލުމަކަށްފަހު ސުހާ މި އިންތިހާބު ކާމިޔާބު ކުރެއްވީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުހައްމަދު ޝާހިދާ ވާދަކުރައްވައި ވަރަށް ހަނި ތަފާތަކުންނެވެ. ޖުމްލަ 1,049 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މި އިންތިހާބުގެ ކާމިޔާބީއާއެކު، ދ. މީދޫ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތު މިވަނީ ވެރިކަންކުރާ ޕީއެންސީއަށް ލިބިފަ އެވެ.

މިދިޔަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ފުރަތަމަ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރިއިރު، ސުހާ އިންތިހާބު ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އެފަހަރު ސުހާއަށް 393 ވޯޓު ލިބިވަޑައިގަތްއިރު، ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ.

ނަމަވެސް ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލީ މައްސަލައެއް އެމްޑީއޭއިން ހުށަހެޅި އެވެ. ހަމައެއާއެކު ސުހާގެ ފަރާތުން ވެސް ވަނީ ޝާހިދުގެ ވޯޓުތަކުގެ ތެރޭގައި ބާތިލު ވޯޓެއް ހިމެނޭ ކަމަށް ބުނެ ޝަކުވާ ހުށަހަޅާފަ އެވެ. އެ ޝަކުވާތަކަށްފަހު އީސީން އަލުން ނަތީޖާ ބަދަލުކޮށް، އިންތިހާބު ކާމިޔާބުވީ އެމްޑީއޭގެ ޝާހިދަށް ކަމަށް ނިންމި އެވެ.

އީސީގެ ނިންމުމާ ހިތްހަމަނުޖެހިގެން ސުހާގެ ފަރާތުން މައްސަލަ ހައިކޯޓަށް ހުށަހެޅީ، އޭނާއަށް ލިބުނު ވޯޓެއްގެ ކަރުދާހުގައި ޖަހާފައިވާ ފާހަގަ ނޫން އެހެން ދެއްޔަކުން ރޮނގެއް އެޅިފައި އޮތުމުން އެއީ ބާތިލު ވޯޓެއްގެ ގޮތުގައި އީސީން ކަނޑައެޅުމުންނެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، އީސީން ބާތިލުކުރި އެ ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. އެ އިސްލާހާއެކު އަލުން ނަތީޖާ ގުނުމުން، ދެ ކެންޑިޑޭޓުންނަށް ވެސް ލިބުނު ވޯޓުގެ އަދަދު ވަނީ 392 އަށް އެއްވަރުވެފަ އެވެ. ދެ ބޭފުޅުންގެ ވޯޓު އެއްވަރުވުމުގެ ސަބަބުން، ކައުންސިލްގެ ރައީސް ކަނޑައެޅުމަށްޓަކައި މިއަދު އަލުން އިތުރު ބުރެއްގެ ވޯޓުލުން ބާއްވަން ޖެހުނީ އެވެ. މިއަދުގެ ވޯޓުން ސުހާ މިވަނީ ގޮނޑި ކަށަވަރު ކުރައްވާފަ އެވެ.