އޭނާ ހަނދާންވާ ގޮތުގައި އެއީ 1961 އަހަރެވެ. ފުވައްމުލަކު ރަބަރުމާގޭ، އަލި ދީދީ އޭނާގެ އެކުވެރި ދެތިން ރައްޓެހިންނާއެކު ކުޑަ ބޮއްކުރައެއްގައި މަސްވެރިކަންކުރަން ނުކުމެ އުޅެނިކޮށް ބެހުނީ އެވެ. ކަނޑުމަތީގައި ދެ ދުވަސް ފަހުން އެ މީހުންނަށް ދެވުނީ ގދ. ވާދު އަށެވެ.
އޭރު ރާއްޖޭގެ ދެކުނުގައި ސުވާދީބްގެ ނަމުން ނަން ދީފައިވާ ވަކި ސަރުކާރެއް ހިންގިކަމުގައި ވިޔަސް ހުވަދު އަތޮޅުގެ ބައެއް ރަށްރަށް އެ ސަރުކާރު ގަބޫލެއް ނުކުރެ އެވެ. ވާދޫއަކީ ވެސް އޭގެ ރަށެކެވެ. އެހެންކަމުން ވާދުއަށް ދެވުމާއެކު އަލިދީދީ އާއި އޭނާގެ އެކުވެރިން ބާޣީން ކަމަށްވި އެވެ.
އަލި ދީދީ "ހުރިހާ" އަށް ކިޔައިދިން ގޮތުގައި ބެހިގެން ވާދުއަށް ދެވުމާއެކު އެ މީހުންނަކީ ދިވެހި ސަރުކާރާ ދެކޮޅު ބައެއް ކަމަށް ކަނޑައަޅައި، ގދ. ގައްދޫ ޖަލަށް ފޮނުވި އެވެ. އެ ދުވަސްވަރު ދިވެހި ސަރުކާރާ އެއްކޮޅަށް ހުވަދު އަތޮޅުގައި އޮތް މައި ރަށަކީ ގައްދޫ އެވެ.
ގައްދޫގެ ޖަލުގައި އަލިދީދީ އާއި އޭނާގެ އެކުވެރިންނަށް ވަރަށް ބޮޑެތި އަދަބުތަކެއްދީ ދަތި ހާލުގައި ތިން މަސް ދުވަހު ބޭތިއްބުމަށްފަހު އެ މީހުން ފޮނުވީ މާލެ އެވެ.
މާލެ ދެވުމާއެކު އަމަން އާންމަށް ގެންގޮސް ސުވާލުތަކެއް ކުރުމަށްފަހު ބުނިކަމުގައި ވަނީ އެމީހުންގެ ކުށަކީ ސްވާދީބް ސަރުކާރާ ގުޅިފައިވާ ބައެއް ކަމަށް ވުމެވެ.
"އަހަރެމެން ކައިރީގައި ބުނީ އަހަރެމެންނަކީ އަފީފުދީދީ އާ ވަރަށް ގާތް ބަޔެކޭ. އެހެން ކިޔާފަ އަތުގައި ބިޑިއަޅުގައިގެން ގޮސް ޖަލަށް ލީ،" އަލި ދީދީ ބުންޏެވެ.
މިހާރު އުމުރުން 76 އަހަރުގެ އަލިދީދީ ބުނިގޮތުގައި އެ ދުވަހު އަތުގައި އެޅުވި ބިޑި ނައްޓާލީ ދެމަސް ދުވަސް ފަހުންނެވެ.
ދެމަސް ދުވަސް މާލޭ ޖަލުގައި ހޭދަ ކުރުމަށްފަހު ޝަރީއަތެއް، ހުކުމެއް ކުރުމެއް ނެތި ވަކި މުއްދަތެއް ނެތް ގޮތުގައި އަލި ދީދީމެން ފޮނުވައިލީ ބ. ގޮއިދޫ އަށެވެ.
ގޮއިދޫގައި ހޭދަކުރަން ޖެހޭނެ މުއްދަތެއް ނޭނގުމާއި އެ ރަށުގެ ދަތި ދިރިއުޅުންވީ އަލި ދީދީއަށް ބަލައި ގަނެވޭވަރުގެ ކަމަކަށް ނޫނެވެ. އަމުދުން އެއްވެސް ކުށެއް ނުކުރާހާލު ލިބެމުން ދިޔަ އަނިޔާއަށް ކެތް ކޮށްގެން ހުންނާކަށް އަލިދީދީގެ ޒަމީރު ގަބޫލެއް ނުކުރި އެވެ. އެހެންކަމުން އަލިދީދީ ނިންމެވީ އެ ރަށުން ސަލާމަތް ވެގެން ރާއްޖެއިން ބޭރަށް ދާށެވެ.
"ދެން އަހަރެންނާއެކީ ތިބި ތިން މީހުން ކައިރި ބުނިން ހިނގާށޭ މިތަނުން ސަލާމަތްވެގެން މަލިކަށް ދާން. އެ މީހުން ބުނީ ކިހިނެތްހޭ ދާނީ. ތިމަންނަމެން އަތުގައި ސަމުގާއެއް ވެސް ނެތޭ. އަހަރެމެން ބުނިން ދުވަހު ސަމުގާއެއް ނެތަސް މި ރަށު ކަނޑުން ބޭރުވެވިއްޖެ ނަމަ އަހަރެމެންނަށް މަލިކަށް ދެވޭނޭ،" އަލި ދީދީ ބުންޏެވެ.
މި މަޝްވަރާއަށް ފަހު އަލި ދީދީ އާ އޭނާގެ ބައިވެރިން ގޮއިދޫ ފަޅުން ކުޑަ ދޯންޏެއް ކަނޑާލައިގެން ރޭގަނޑު ދަންވަރު މަލިކަށް ދިއުމަށް ދަތުރު ފެށި އެވެ. މިދަތުރުގައި އަލި ދީދީ އާއެކު ބައިވެރިވީ ފުވައްމުލަކު ވަލިގެފީށި، އަހުމަދާއި ފުވައްމުލަކު އަނދުންގޭ، ހުސޭނާއި ފުވައްމުލަކު ބޭރެފީށެ، އަބްދުﷲ އެވެ. ގޮއިދޫން ފެށި ދަތުރު ދެތިން ދުވަހުގެ ތެރޭގައި އެމީހުން ނިންމައިލީ މަލިކުންނެވެ.
ގާތްގަނޑަކަށް ވިއްސަކަށް ދުވަހު މަލިކުގައި ހޭދަކުރުމަށްފަހު އިންޑިޔާ ސަރުކާރުން އަލިދީދީމެން ކޮޗިންއަށް ގެންދިޔަ އެވެ. އެއަށްފަހު ކާލީކަޓަށް (ކެލިކަޓް) ގެންގޮސް އިންޑިޔާ ސަރުކާރުގެ ބެލުމުގެ ދަށުގައި ބޭތިއްބި އެވެ.
އަލި ދީދީ ބުނި ގޮތުގައި އެތިބި ތިބުމުގައި އެމީހުނަށް ކާލީކަޓުގެ ވެރިކަމުގެ ފަރާތުން ވަރަށް އޯގާތެރިކަމާ އަޅާލުން ލިބުނެވެ. ލެކެޑީވްސްގެ ރަށްރަށަށް ދިއުމުގެ ހުއްދަ ވެސް އެ މީހުނަށް އޮވެ އެވެ.
މިހާރު ވެސް މަލިޔާޅާމް، ތަމަޅަ، ހިންދީ، ސިންގަޅަ، އަރަބި، އުރުދޫ ފަދަ ބަސްބަހުން ފަސޭހަކަމާ އެކު ވާހަކަ ދައްކަވާ އަލި ދީދީ ވިދާޅުވި ގޮތުގައި އޭނާޔަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަލިޔާޅަމް ބަސް ދަސް ވިކަމީ އެތާގައި އުޅުނު އިރު ވަރަށް ބޮޑު ފަސޭހައެއް ލިބުނު ކަމެކެވެ. ޓީމުގެ އެހެން މެމްބަރުންނަށް ބަސް ނޭނގޭތީ އެ ގްރޫޕުގެ ތަރުޖަމާނަކަށް ވެސް ހަމަޖެހުނީ އަލި ދީދީ އެވެ.
އިންޑިޔާ ސަރުކާރުގެ ބެލުމުގެ ދަށުގައި ވަރަށް މިނިވަންކަމާ އުފަލުގައި ދެއަހަރު އިންޑިޔާގައި ހޭދަވި އިރު ސަރުކާރުގެ ފަރާތުން އެމީހުންނާ ހަވާލުވެ ތިބި މީހުން ބުނަމުން ދިޔަ ކަމަށް އަލި ދީދީ ބުނީ އެ މީހުން ރާއްޖެ ފޮނުވާނީ އެމީހުންނަށް މާލޭ ސަރުކާރުން އެއްވެސް އަދަބެއް ނުލިބޭނެ ކަމުގެ ޔަގީންކަން ލިބުނު ދުވަހަކުން ކަމަށެވެ.
އެގޮތުގައި ދެއަހަރު ވުމަށްފަހު ގެންގޮސް މާލެ ދާން ތައްޔާރުވުމަށް އެންގި އެވެ. އެ ދުވަހު ވެސް އެ މީހުން ޔަގީންކަމާއެކު ބުނީ މާލެ ދިއުމަށް ފަހު އެއްވެސް އަދަބެއް ނުލިބޭނެ ކަމަށެވެ.
އަދަބެއް ނުލިބޭނެކަމުގެ ޔަގީން ކަމާއެކު މާލެއައި އަލި ދީދީގެ ޓީމު މާލޭގެ ފަސްގަނޑުގައި ފައި ޖެހުމާއެކު އަނެއްކާ ވެސް ގެންގޮސް ލީ ޖަލަށެވެ. އެއަށް ފަހު އަނެއްކާ ވެސް ގޮއިދުއަށް އަރުވާލި އެވެ.
ގޮއިދުއަށް އަރުވާލި ކަމަށް ވިއަސް ކުރީ ފަހަރާ ޚިލާފަށް މިފަހަރު އަރުވާލީ އެއް އަހަރު ދުވަހުގެ މުއްދަތެއް ކަނޑައަޅާފަ އެވެ. އަލި ދީދީ އާއި އެކުވެރިން މިނިވަންވީ އެ މުއްދަތު ހަމަ ވުމުންނެވެ. އޭރު އަފީފު ދީދީގެ ސަރުކާރު އުވި މުޅި ރާއްޖެ އޮތީ އެއް ވެރިކަމަކަށް ވެފަ އެވެ.