ޗައިނާގެ ރޮކެޓް ލޯންގް މާޗް 5ބީ ރާއްޖޭގެ ސަރަހައްދުގެ ކަނޑަށް ވެއްޓިއްޖެ އެވެ.
ރޮކެޓް ކޮންޓްރޯލެއް ނެތި ބިމާ ދިމާޔަށް އައިސް ޖައްވުގެ ތެރޭގައި ގޮވުމަށް ފަހު ކަނޑަށް ވެއްޓުނީ އޭގެ ކުޑަ މިންވަރެކެވެ.
ޗައިނާ އިން އުފައްދަން މަސައްކަތް ކުރާ ޖައްވީ އުޅަނދުގެ ބަޔަކާ އެކު މިދިޔަ ހަފުތާގައި ޖައްވައް ފޮނުވާލި މި ރޮކެޓު ބިމާ ދިމާޔަށް އަންނަން ފެށުމުން އެކަން ވަނީ ދުނިޔޭގެ ޖައްވީ އިދާރާތަކުން ވަރަށް ބޮޑު ކޮށްފަ އެވެ.
ލޯންގް މާޗް 5ބީ ދުނިޔޭގެ އޯބިޓަށް ވަނީއްސުރެ އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ގެންދިޔައީ މި ރޮކެޓުން ދުނިޔޭގެ ކޮންމެ ވެސް ހިސާބަކަށް ނުރައްކާތެރި ގެއްލުމެއްވާނެ ކަމަށް ބުނަމުންނެވެ.
ރޮކެޓުގެ ހަރަކަތް ގަވައިދުން މޮނިޓާކުރަމުން ދިޔައިރު އެމެރިކާގެ ހިސާބަކަށް ވެއްޓޭނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ. އެހެން ނަމަވެސް ޗައިނާ އިން ބުނަމުން ދިޔައީ ރޮކެޓުގެ ބޮޑުބައެއް ޖައްވުގައި އަނދައިގެން ދިއުމަށް ފަހު ވެއްޓޭނީ ދުނިޔޭގެ ކަނޑުގެ ކޮންމެ ވެސް ހިސާބަކަށް ކަމަށެވެ.
ރޮކެޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓުނުކަން ޗައިނާއިން އިއުލާން ކުރިނަމަވެސް ފާއިތުވި ހަފުތާގެ ކޮންމެ ދުވަހަކު މިކަމާ ބެހޭ އަޕްޑޭޓް ދެމުނަ ގެންދިޔަ ނާސާ އިން ރޮކެޓް ވެއްޓުނު ވަކި ލޮކޭޝަނެއް ހާމައެއް ނުކުރެ އެވެ.