އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް)ގެ މައްޗަށް ކުރާ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ދައުލަތުން މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ އައިޖީއެމްއެޗްގެ ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މައްޗަށް ވަނީ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފަ އެވެ. ދެ ފަރާތުން ވެސް ދައުވާތަކަށް އިންކާރުކުރުމާ ގުޅިގެން ދައުލަތުން ވަނީ 74 ޝަފަހީ ހެކި ހުށަހަޅާފަ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ނިންމީ މާވިންގެ މައްޗަށް ކުށުގެ މާއްދީ އަދި މައުނަވީ ރުކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
ކުށް ސާބިތުކުރުމަށް ކޯޓުން ރިއާޔަތްކުރި މުހިންމު ހެކިތައް:
- މެޑިކަލް އަދި ޕޯސްޓްމޯޓަމް ރިޕޯޓް: މޭރީ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ބުނެ މާވިން ދެއްކި ވާހަކަތައް މެޑިކަލް ރިޕޯޓްތަކުން ދޮގުކުރެ އެވެ. ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި މޭރީގެ ކަރުގެ އެތެރޭގެ ކަށިކޮޅެއް ބިންދައިގެން ގޮސްފައި ވަނީ ބޭރުން ކަރަށް ފިތުމުގެ ސަބަބުންނެވެ. އަދި އޭނާގެ ބޮލަށާއި ނިތްކުރިއަށް އަނިޔާ ލިބިފައި ވާއިރު، މާވިންގެ ހަށިގަނޑުން ވަކީގެ ނިޝާންތަކެއް ފެނިފައިވެ އެވެ.
- ޑިޖިޓަލް ފޮރެންސިކްސް: މާވިންގެ ފޯނުން ނޭވާ ހާސްކޮށްލާނެ އުކުޅެއް ކަމަށްވާ "ޗޮކްހޯލްޑް ޕޮޒިޝަން" ސާޗްކޮށްފައިވާކަން ތަހުގީގަށް ވަނީ ހޯދިފަ އެވެ.
- މާވިން އާއި ލަމްހާގެ ޗެޓްލޮގްތަކުން އެނގޭ ގޮތުގައި، ދެމީހުން ކައިވެނިކުރަން ބޭނުންވި ނަމަވެސް ފިލިޕީންސްގެ ގާނޫނުތައް ހުންނަ ގޮތުން މާވިންގެ ފުރަތަމަ ކައިވެނި ދެމިއޮތުން އެކަމަށް ހުރަހަކަށްވި އެވެ.
މާވިންގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން އަދަބާ ބެހޭ ގޮތުން ވާހަކަދެއްކުން، އޭނާގެ ދިފާއީ ވަކީލުންގެ އެދުމުގެ މަތިން އަންނަ މަހުގެ އެއް ވަނަ ދުވަހަށް ވަނީ ފަސްކޮށްފަ އެވެ. މި ކުށް ސާބިތުވެއްޖެ ނަމަ މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ސްޕެއިން ދިނީ ވަރުގަދަ ރައްދެއް، އުރުގުއޭ އަނެއްކާ ވެސް އެއްވަރު
ކައިވެނީގެ ހަފްލާގައި ކެލަމްގެ ގަމީސް ހާއްސަވީ ކީއްވެ؟
ސިނގިރޭޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ހުށަހަޅައިފި