އިންޑިއާއާއެކު ގާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ވިޔަފާރިތަކަށް ކުރާނެ އަސަރުތައް ދެނެގަތުމަށްޓަކައި، އިކޮނޮމިކް މިނިސްޓްރީން ދިވެހި ވިޔަފާރިވެރިންނާއެކު ރަސްމީކޮށް މަޝްވަރާތައް ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ދާދިފަހުން ވަނީ މި އެއްބަސްވުމާ ގުޅޭގޮތުން ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ. މި ބައްދަލުވުންތަކުގައި ވިޔަފާރިވެރިން ވަނީ އިންޑިއާ ފަދަ ބޮޑު މާކެޓެއްގައި ދިވެހި ކުންފުނިތަކަށް ވާދަވެރިކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދާނެ މިންވަރާމެދު ސުވާލު އުފައްދާފަ އެވެ.
"ދެ ގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ފުރުސަތުތަކުގައި ހަމަހަމަކަން ގާއިމުކުރެވޭނެ ގޮތްތަކާމެދު ގިނަ ކަންބޮޑުވުންތަކެއް އެ ބައްދަލުވުމުގައި ދިވެހި ވިޔަފާރިވެރިން ފާޅުކުރި،" ބައްދަލުވުމުގައި ބައިވެރިވިވި މީހަކު ކިޔައިދިނެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވި ފަރާތްތަކުން ވަނީ، މީގެ ކުރިން ޗައިނާއާއެކު ގާއިމުކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ވެސް އަމަލީ ގޮތުން ދިވެހި ވިޔަފާރިތަކަށް އެކަށީގެންވާ ފައިދާއެއް ލިބެމުން ނުދާކަން ފާހަގަކޮށްފަ އެވެ. އަދި މިހާރުވެސް އިންޑިއާގެ ކުންފުނިތަކަށް ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ފަހިވެފައި އޮތް ނަމަވެސް، އެފަދަ ފުރުސަތުތައް ދިވެހިންނަށް އިންޑިއާގައި ލިބޭނެކަމުގެ ޔަގީންކަމެއް ނެތްކަން އެ ފަރާތްތަކުން ފާހަގަކުރި އެވެ.
މީގެ އިތުރުން، އެއްބަސްވުން އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ވިސްނުމުގައި ދިވެހި ވިޔަފާރިވެރިންނަށް އިންޑިއާއިން ފުރުސަތުތައް ހޯދައިދިނުމުގެ އަމާޒު ހުރި މިންވަރާމެދު ވެސް ބައެއް ވިޔަފާރިވެރިން ވަނީ ޝައްކު އުފައްދާފަ އެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ބައްދަލުވުންތަކުގައި، ދެ ގައުމުގެ އިގުތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މި އެއްބަސްވުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފަ އެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ، އެއްބަސްވުމުގެ މަޝްވަރާތައް ނިމި ފައިނަލްވުމުގެ ކުރިން އެކަމާ ގުޅޭ އެންމެހައި މައުލޫމާތުތައް ވިޔަފާރިވެރިންނާ ހިއްސާކުރާނެކަމުގެ ޔަގީންކަން ދީފަ އެވެ.
މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭ
ބޮއިކޮޓް ކުރިޔަސް ކާންޔޭގެ ކޮންސެޓު ކުރިއަށް!
