ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ހުޅުވި ޝަންގްރިއްލާ ވިލިނގިލީ ރިސޯޓުގެ އޮޕަރޭޝަން މި ފެށޭ މަހުގެ މެދުތެރެއަށް ދާއިރު ފުޅާކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ހާމަކުރެއްވީ، ކުރިއަށް އޮތް ޖުލައި މަހުގެ މެދުތެރޭގައި އެ ރިސޯޓުގެ އޮޕަރޭޝަން ކެޕޭސިޓީ އިތުރުކޮށް، ފުޅާ ދާއިރާއެއްގައި ހިދުމަތް ދޭން ފެށުމަށް ރިސޯޓުގެ އިސްވެރިންނާއެކު މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ.
މިދިޔަ ޑިސެންބަރު މަހުގެ 30 ގައި މި ރިސޯޓު އަލުން ހުޅުވިއިރު، ޝަންގްރިއްލާ ގްރޫޕުން އޭރު ބުނެފައި ވަނީ ރިސޯޓުގެ ބައެއް މަރާމާތުތައް އަދިވެސް ކުރިއަށްދާތީ ހިދުމަތް ދެމުން އަންނަނީ މަދު ވިލާތަކަކުން ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރިލް މަހު ބަންދުކުރި މި ލަގްޒަރީ ރިސޯޓަކީ، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލޯންޗެއްގައި ފަސް މިނެޓުން ދެވޭހާ ކައިރީގައި އޮންނަ އެންމެ މަތީ ފަންތީގެ ފަތުރުވެރިންނަށް ހާއްސަ މަންޒިލެކެވެ. ދެހާސް ނުވަ ވަނަ އަހަރު ރަސްމީކޮށް ހުޅުވި މި ރިސޯޓުގެ އޮޕަރޭޝަންސްތައް ފުރިހަމައަށް ފެށުމާއެކު އައްޑޫގެ ފަތުރުވެރިކަމަށް ބޮޑު ދިރުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.
އައްޑޫ އަތޮޅުގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ހަންކެޑެ ސަރަހައްދުގައި އައު މަޝްރޫއެއް ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ ތިން ހަފުތާގެ ތެރޭގައި އެ މަޝްރޫއުގެ ފުރިހަމަ ތަފުސީލުތައް ރަސްމީކޮށް އިއުލާނުކޮށް، އަމަލީ މަސައްކަތް ފެށޭނެ ގޮތަށް ހުރިހާ ކަމެއް ރޭވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މެންބަރު ޖަނާބު އުޅެނީ ފިތުނަ އުފައްދަން: ޖަމީލް
އީރާނާއި އެމެރިކާގެ މަންދޫބުން މަޝްވަރާއަށް ދޯހާއަށް ގޮސްފި
ސްމާޓް ފޯނުން ކެންސަރަށް މަގުފަހި ވޭތަ؟