ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސްޓެލްކޯއަށް ދައްކަން ޖެހޭ ކަރަންޓް ބިލްތަކާއި އެނޫން ވެސް ގޮތްގޮތަށް ދައްކަންޖެހޭ ދަރަނީގެ އަދަދު 949 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

އޮޑިޓް ރިޕޯޓުން ހާމަވި ގޮތުގައި މިއީ 2024 ވަނަ އަހަރު ލިބެން އޮތް 774 މިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 20 ޕަސެންޓުގެ އިތުރުވުމެކެވެ. ކަރަންޓުގެ ހިދުމަތްދޭ އެންމެ ބޮޑު ކުންފުންޏަށް ފައިސާ ނުދައްކާ ސަރުކާރުގެ ބޮޑެތި ވުޒާރާތަކާއި ކުންފުނިތަކުގެ އަދަދު މިހާރު ވަނީ 19 އަށް އަރާފަ އެވެ.

މާލީ ހިސާބުތަކަށް ބަލާއިރު، ސްޓެލްކޯއަށް އެންމެ ބޮޑު ދަރަންޏެއް ދައްކަން އޮތީ ދައުލަތުގެ މާލިއްޔާތު ބަލަހައްޓާ ފިނޭންސް މިނިސްޓްރީންނެވެ. އެ މިނިސްޓްރީގެ ދަރަނި ވަނީ 40 ޕަސެންޓް އިތުރުވެ، 333 މިލިއަން ރުފިޔާއަށް އަރާފަ އެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ޕީއެސްއެމް އިންނެވެ.

އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ބޮޑެތި ދަރަނިތައް:

  • ފިނޭންސް މިނިސްޓްރީ: 333 މިލިއަން ރުފިޔާ
  • ޕީއެސްއެމް: 163 މިލިއަން ރުފިޔާ
  • މާލޭ ސިޓީ ކައުންސިލް: 53 މިލިއަން ރުފިޔާ
  • ހައުސިން މިނިސްޓްރީ: 43 މިލިއަން ރުފިޔާ
  • އެޗްޑީސީ: 33 މިލިއަން ރުފިޔާ
  • އެމްޑަބްލިއުއެސްސީ: 24 މިލިއަން ރުފިޔާ
  • އެންވަޔަރުމެންޓް މިނިސްޓްރީ: 18 މިލިއަން ރުފިޔާ
  • ފެނަކަ: 15 މިލިއަން ރުފިޔާ
  • އެމްއާރްޑީސީ: 14 މިލިއަން ރުފިޔާ
  • އެސްޓީއޯ: 8.9 މިލިއަން ރުފިޔާ
  • އެމްޓީސީސީ: 7.8 މިލިއަން ރުފިޔާ
  • އައިޖީއެމްއެޗް: 4.4 މިލިއަން ރުފިޔާ
  • އެހެނިހެން ކުދި އިދާރާތައް: (ޖީއެސްޓީ، އެމްޕީއެލް، މިފްކޯ، ބީއެމްއެލް، ކަސްޓަމްސް، އެންސްޕާ އަދި އެލްޖީއޭ ހިމެނޭހެން) ޖުމްލަ 226 މިލިއަނަށް ވުރެ ގިނަ ރުފިޔާ

ސަރުކާރުގެ މައިގަނޑު ހުރިހާ ހިދުމަތްތަކެއް ހިނގާ މި އިދާރާތަކުން ބިލްތައް ނުދައްކާ ގިނަދުވަސްވުމަކީ ސްޓެލްކޯގެ ކޭޝްފްލޯއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިދިޔަ އަހަރު ނިމުނު އިރު ސްޓެލްކޯއަށް ފައިދާގެ ގޮތުގައި ވަނީ 239 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ ގާތްގަނޑަކަށް 30 ޕަސެންޓްގެ އިތުރުވުމެކެވެ.