އަހަރެން އޮތީ އެއަރކޯނުކޮށްފައިވާ ތަނަވަސް ކޮޓަރިއެއްގައެވެ. ގަޑިން މެންދަމުން އަލިވެ ދެ ގަޑި ބައިވަނީއެވެ. އިންޑިޔާ ކަހަލަ ގައުމެއްގެ ބޮޑު ހޮސްޕިޓަލެއްގައި ވިހައިގެން، މި ކަހަލަ ވަގުތަކު، އެކަނިމައިއެކަނި އޮންނާން ޖެހުމުން، ހިތަށް ވެރިވާނެ ހުރިހައި ކަންބޮޑުވުމަކާއި ބިރުވެރިކަމެއް، އަހަރެންގެ ހިތް އަންނަނީ ތަޙައްމަލު ކުރަމުންނެވެ. އުމުރުން އެންމެ ދިހަވަރަކަށް ގަޑިއިރު ވެފައިވާ އަހަރެންގެ އަލަތު ދަރިފުޅު، އޭނާގެ ކުޑަކުޑަ ތަންމަތީގައި ނިދާފައި އޮތެވެ. ޚިޔާލެއް ފިކުރެއްނެތިއެވެ. އެ ކުޑަކުޑަ ފުކުގެ މަޢުޞޫމު މޫނަށް ބަލައިލެވުމުން، އަހަރެންގެ ހިތްފުރެއެވެ. މާޔޫސްކަން ކުޑަވެ، ހިތަށް ފިނިކަންލިބެއެވެ.

އަހަންނަށް އޮވެވުނީ، ދަރިފުޅުގެ މޫނަށް ބަލަހައްޓައިގެންނެވެ. މައިވަންތަކަމުގެ ކުލުނާއި ލޯބިން އަހަރެންގެ ހިތް ވަނީ ފުރިފައެވެ. އެހެން އޮއްވާ ސިހުނީ، ކޮޓަރިއަށް މީހަކު ވަންތަން ފެނިފައެވެ. އަހަންނަށް އަވަސް އަވަހަށް ބަލައިލެވުނެވެ. ފެނުނީ ހުދު ގަމީހަކާއި ހުދު ފަޓުލޫނެއްގައި ހުރި ފިރިހެން ޑޮކްޓަރެކެވެ. އޭނާ އައި ގޮތަށް އައިސް ހުއްޓުނީ، ދަރިފުޅުގެ ގާތުގައެވެ. އެންމެ ސިކުންތަކަށް ވެސް މަޑުކޮށްލުމެއް ނެތި، އެ ކުއްޖާ ނަގައިފިއެވެ. ރަޖާގަނޑާއެކު އޮޅާލައިގެން، ކޮޓަރިން ނިކުތުމަށް ޓަކައި ވަގުތުން ހިނގައިގެންފިއެވެ.

“ކޮންތާކަށް ތި ގެންދަނީ؟” ނޯވެވިގެން އަހަންނަށް އަހައިލެވުނެވެ. އޭނާ އަނގައަކުން ނުބުންޏެވެ. ބަލައި ވެސް ނުލިއެވެ. ޑޮކްޓަރުންގެ އަމަލުތައް ހުންނާނީ އެހެނެއް ނޫނެވެ. އަހަރެންގެ ހިތަށް ކުއްލިއަކަށް ބިރުވެރިކަން ވަދެއްޖެއެވެ. އަޑުގައި ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. މަގޭ ދަރިފުޅު ނުގެންދާށޭ ކިޔައިފައެވެ.

ފެނުނު ބިރުވެރި ހުވަފެނުން އަހަންނަށް ހޭލެވުނީ އެ ވަގުތުއެވެ. ފުރަތަމަ ވެސް އަހަންނަށް އަވަސް އަވަހަށް ބަލައިލެވުނީ ދަރިފުޅު ކޮބައިތޯއެވެ. ލިބުނު ކުއްލި ސިހުމާއެކު، އެސްފިޔަ ޖަހައިލެވުނެވެ. ދެ ލޮލުގައި ހުރި ނިދި ވަގުތުން ފިލައިފިއެވެ. ފުންމައިގެން ތެދުވެވުނެވެ. ތަދެއް ރިހުމެއްގެ އިހުސާސެއް ވެސް ނެތެވެ.

“ކޮބާ މަގޭ ދަރިފުޅު؟ ދަރިފުޅެއް ނެތް!” އަހަންނަށް ފާޑަކަށް ހަޅޭއްލަވައި ގަނެވުނެވެ. ސިހިފައި އިނދެ، ކޮޓަރީގެ އެކި ދިމަދިމާއަށް ކަޅި އުކާންފެށުނެވެ.

ގޮނޑީގައި ނިދިޖެހިފައި އިން މައިދައިތައަށް ސިހިފައި ހޭލެވުނީ، އަހަރެން ހަޅޭއްލަވައިގަތް އަޑަށެވެ. ދަރިފުޅުގެ ތަންމަތި ހުހަށް ހުއްޓާ ފެނިފައި، އޭނާއަށް ވެސް ތެޅެގަނެވުނެވެ. ދެ ލޯ ބޮޑުކޮށްފައި ކޮޓަރީގެ އެކި ދިމަދިމާއަށް އަވަސް އަވަހަށް ބަލާންފެށިތަން ފެނުނެވެ.

“ކޮބާ މަގޭ ދަރިފުޅު؟ ކާކު މަގޭ ދަރިފުޅު ގެންދިޔައީ؟” އަހަރެންގެ އަޑު މަޑެއް ނުވެއެވެ.

“ހަމަ ދެންމެ ނިންދަވާފަ މި ބޭއްވީ. އަހަންނަށް ނިދުނުތާ އަދި ނުވާނެ މާ ގިނަ އިރެއް ވެސް!”

އަހަރެން ރޯ އަޑަށް، ދުވެފައި ކަހަލަ ގޮތަކަށް ނަރުހަކު އައިސް ވަދެއްޖެއެވެ. އަހަރެންގެ ބޮޑުވެފައިވާ ދެ ލޮލާއި ހާސްވެފައިވާ މޫނު ފެނިފައި، އޭނާ ވަކިން ބޮޑަށް ސިހުނެވެ. ކިހިނެއްވީހޭ އެހުމާއެކު، އަހަންނަށް އިޝާރާތްކޮށްލެވުނީ، ދަރިފުޅު ބާއްވާފައި އޮތް ތަންމައްޗަށެވެ.

“މަގޭ ދަރިފުޅެއް ނެތް! ކޮންމެވެސް މީހަކު އެ ކުއްޖާ ވަގަށް ނަގައިފި!”

މޮޔައަކު ފަދައިން އަހަންނަށް ރޮއިހޭރެމުން ގެންދެވުނެވެ. ލިބުނު އަލަތު ދަރިފުޅު، ބޭރު ޤައުމެއްގައި ވީނުވީއެއް ނޭނގި ގެއްލުން އެއީ، ކިހައި އަސަރެއް ކުރާނޭ ކަމެއްކަން އެނގޭނީ، އެ ފަދަ ހާލަތެއް ކުރިމަތިވީމައެވެ. އަނެއްކޮޅުން މި ހިތްދަތި ޚަބަރު ލިބުމުން، ނަޖުމުއްދީނަށް ވާނޭގޮތް ހިތަށް ވެސް ގެންނާން ދައްޗެވެ. އަހަރެން ދުވަސްފުރިފައި އިންދާ، ވިޔަފާރި ދަތުރެއްގައި ކޮޗިންނަށް ފުރައިގެން އޭނާ ދިޔައީ ނުގޮސް ނުވެގެންނެވެ. އަހަރެން ވިހޭ ޚަބަރު ލިބިގެން، އޭނާ އުފަލުން މޮޔަވިއެވެ. ދަތުރު ކުރުކޮށްލާފައި ވަގުތުން ޓިކެޓް ނެގިއެވެ. މިހާރު އޭނާ އިންނާނީ ރޭލުގައެވެ. އުފަލުން ފުރި ބަންޑުންވެފައިވާ ހިތަކާއެކު އައިސް މި ތަނަށް ވަންނައިރު، ދަރިފުޅު ނެތުމުން އޭނާއަށް ވާނީ ކިހިނެއް ބާވައެވެ؟

މި ކަމާ ގުޅިގެން މުޅި ހަސްފަތާލު ސަމާލުކަމަށް އަތުވެއްޖެއެވެ. އެހެންނަމަވެސް ދަރިފުޅަށް ވީ ގޮތް އެނގޭ ހަމަ އެކަކު ވެސް އެ ހަސްފަތާލަކު ނެތެވެ. އަހަރެން ރޮއިރޮއި އިންދާ، ހެނދުނު ހަތެއް ޖަހައި ބޮޑުވިފަހުން، ނަޖުމުއްދީން އައިސް ވަނެވެ. އޭނާ އައީ މި ފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގިގެނެއް ނޫނެވެ. ދަރިފުޅު ގެއްލިގެން އުޅޭކަން އެނގުމާއެކު، އޭނާގެ ދޮން މޫނު ރަތްވިއެވެ. ދެ ލޯ ފެންކަޅިވެ، ހުރި ތަނަށް ގާވިއެވެ. ނަޒަރު ހުއްޓިފައި ހުރީ އަހަރެންގެ ކަރުނައިން ފޯވެފައިވާ ދެ ލޮލަށެވެ.

އަހަރެން ބޭނުންވީ ނަޖުމުއްދީންގެ ގައިގައި ބާރަށް ބައްދައިލާށެވެ. ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ރޮއިލާށެވެ. ހިތަށް ލިބެމުން ދާ ވޭނަށް، އޭނާގެ އެންމެ ފިރުމައިލުމަކުން ނަމަވެސް ލުޔެއް ލިބޭތޯއެވެ. އެހެންނަމަވެސް ކަން ވީ އެހެނެއް ނޫނެވެ. އަހަންނަށް ފެނުނީ، އަހަރެންގެ މޫނަށް ހުއްޓިފައިވާ އޭނާގެ ހިތާމައިން ފޯވެފައިވާ ނަޒަރުގައި، ރުޅިވެރިކަމުގެ ބިޔަ ރާޅެއް އުފެދެމުން އަންނަތަނެވެ.

ދަރިފުޅު ގެއްލުމުން އެކަމުގެ އަދަބު ލިބުނީ، އަހަންނަށެވެ. ނަޖުމުއްދީނާއި މުޅި އެ ޢާއިލާގެ ނުރުހުމުގެ އަމާޒުފަތްގަނޑަކަށްވީ އަހަންނެވެ. އެ މީހުން ގަބޫލުކުރި ގޮތުގައި، ދަރިފުޅު ގެއްލުނީ، އަހަރެން އިހުމާލުވުމުގެ ސަބަބުންނެވެ. އަހަރެން ނިދީމައެވެ. އަހަންނަށް ނުބެލުނީމައެވެ. އެހެންކަމުން އެ ރެއަށްފަހު، ހަސްފަތާލުގައި އަހަންނަށް އޮންނާން ޖެހުނީ އެކަނިމައިއެކަންޏެވެ. ނަރުހުންގެ ދީލަތި އެހީތެރިކަން ލިބުނުކަން އެއީ، އެ ވަގުތަށް ލެއްވި ނަސީބެވެ.

އަހަރެންގެ ފާރުވެފައިވާ ދެ ލޮލަށާއި، ފުނޑުފުނޑުވެފައިވާ ހިތަށް ފިނިކަމެއް ލިބެނީ، ފޯނުގައި ހުރި ދަރިފުޅުގެ ތުއްތު ފޮޓޯ އިންނެވެ. މައިދައިތަގެ ނުރުހުމުގައި ނަމަވެސް، އެ ފޮޓޯ ނެގުނުކަން ނަސީބެކޭ ހިތަށް އެރިއެވެ. އެހެންނޫން ނަމަ، އަހަރެން މޮޔަވީހެވެ.

މިއީ އަހަރެންގެ އަމިއްލަ ފަސްގަނޑެއް ނޫނެވެ. އާއިލާގެ މެންބަރަކު، ގާތް އެކުވެރިއަކު ހުރި ތަނެއް ނޫނެވެ. މަންމައާއި ބައްޕަގެ ނުގަބޫލުގައި ނަޖުމުއްދީނާ ކައިވެނިކުރުމުން، ޢާއިލާގެ މެންބަރުން ތިބީ ނުރުހިފައެވެ. ރައްޓެހިން ވަތްކަނޑައިލިއެވެ. މާސްޓާރސް ހެދިއިރު، ކޯހުގައި އެއްކޮށް އުޅުނު މުބީނާ ފިޔަވައެވެ. މި ކައިވެންޏާމެދު އޭނާ ވެސް ހުރީ ރުހިފައެއް ނޫނެވެ. އެހެންނަމަވެސް ވަރަށް ދޭތެރެ ދުރުކޮށް ގުޅައިލާނެއެވެ. އޭނާ ފިޔަވައި އިތުރު މީހަކަށް، އަހަރެން ވެސް ނުގުޅަމެވެ. ގުޅަން ނުކެރެނީއެވެ.

އަހަރެން ނަޖުމުއްދީން ދެކެ ލޯބިވެއެވެ. އެހެންނަމަވެސް އޭނާއާ ނުލައި ނޫޅެވޭވަރުގެ ލޯތްބެއް ނުވެއެވެ. މައިން ބަފައިންނާ ދެކޮޅަށް އަހަރެން އޭނާއާ ކައިވެނިކުރީ، އަހަރެންގެ އުމުރުން އަށާވީސް އަހަރު ފުރުނުއިރު ވެސް، އިންނާނެ މީހަކު ނުވީމައެވެ. އަހަންނަކީ ސިފަ ހުތުރު މީހެއްކަން ޚުދު އަހަރެން ޤަބޫލުކުރަމެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި، ކުލަ ކަޅު މީހުން ހުތުރެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އަހަރެންގެ ނަން ލިޔެވޭނެއެވެ. އަންހެނެއްގެ ހަށިގަނޑުގައި ހުންނާންޖެހޭކަމަށް މީހުން ގަބޫލުކުރާ ކަހަލަ ބައްޓަމެއްގެ އަސަރު، އަހަރެންގެ ހަށިގަނޑުގައި ހޭކިލާފައި ވެސް ނެތެވެ. މޫނު ރާޅުވެފައި ބިހި ގިނައެވެ. މޫނުމައްޗާއި ހަށިގަނޑުގައި، އަންހެނަކާ އަޅައިބަލާއިރު އިސްތަށި ގިނައެވެ.

އަހަންނާ ނަޖުމުއްދީނާ އެންމެ ފުރަތަމަ ބައްދަލުވީ ފޭސްބުކުންނެވެ. އޭނާ އެދުމުން، އަހަރެންގެ ފޮޓޯއެއް އޭނާއަށް ފޮނުވީމެވެ. އެއްވެސްކަމެއް އޮޅުވައިނުލުމަށެވެ. އަހަރެންގެ ސިފަ ފެނުމުން، އޭނާ އޯކާއެއް ނުދެމެއެވެ. އެދުނީ ކައިވެންޏަށެވެ. ނަޖުމުއްދީނުގެ އުމުރުން 42 އަހަރެވެ. އެހެނަސް އޭނާ ރީއްޗެވެ. ދޮން ބިޔަ ހަށިގަނޑެކެވެ. ދެބައިކުޅަ އެއްބައި ނުރަވެފައިވާ، ބޯ، ފަން އިސްތަށިގަނޑެކެވެ. މަ ކަހަލަ މީހަކަށް، އެކަހަލަ ރީތި މީހަކު ލިބޭނޭ ކަމަކަށް ހީ ވެސް ނުކުރަމެވެ. މުސްލިމަކަށް ވާތީއާއެކު، އަހަރެން ވަގުތުން ނަޖުމުއްދީނުގެ ހުށަހެޅުމަށް އާނބަސް ބުނީމެވެ.

ދަރިއަކު ލިބުމާ ހަމައަށް އަހަރެމެން އުޅެމުން އައީ ވަރަށް އުފަލުގައެވެ. ލޯބިލޯބި ދިރިއުޅުމެކެވެ. ކައިވެންޏަށް 3 މަސްވީތަނާ، އަހަރެން ބަލިވެ އިނެވެ. ބަލިވެއިނުމުން ނަޖުމުއްދީނުގެ ފަރާތުން ލިބުނު ލޯތްބާއި، އޭނާގެ އާއިލާއިން ދިން އެހީތެރިކަމުގެ ބަދަލު، އަހަންނަށް ދުވަހަކު ވެސް، އަދައެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ އެ ހުރިހައި ކަމެއް، ކަނޑުގައި އެޅި ރޮނގަކަށްވެ، ޚަތިމްވީ ހެއްޔެވެ؟

އަހަރެން ހޮސްޕިޓަލުން ދޫކޮށްލީ، އެއިން މީހެއްގެ އެއްވެސް ޚަބަރެއްނުވެ އޮންނަތާ، ތިން ދުވަސް ފަހުންނެވެ. އެއިން ކޮންމެ ދުވަހަކަށް ވެސް އިރު އެރީ، މިއަދު ނަޖުމުއްދީން އަންނާނޭކަމުގެ އުއްމީދުގައި އޮއްވައެވެ. އިރު އޮއްސުނީ، މި ރޭ އަންނާނޭ ކަމުގެ ޔަޤީންކަމުގައި އޮއްވައެވެ. ނިދެނީ މާދަމާ އަންނާނޭކަމުގެ އިތުބާރާއެކު އޮއްވައެވެ. އެހެންނަމަވެސް އެ އުއްމީދާއި ޔަޤީންކަމާއި އިތުބާރު، އޮޔަށް ވަޔަށް ބުރައިގެން ދިޔައީއެވެ. ހަސްފަތާލުން ނިކުންނާން ޖެހުނީ، އެކަނިމައިއެކަންޏެވެ. އަތުގައި ފައިސާ ހުރިކަން ނަސީބެވެ.

ހަސްފަތާލުން ނިކުމެ އަހަރެން ނަޖުމުއްދީނަށް ގުޅީމެވެ. ތިން ފަހަރު ގުޅުމުން ވެސް ފޯނެއް ނުނެގިއެވެ. މައިދައިތަ ވެސް ނުނެގިއެވެ. ކިތަންމެ ރުޅިއަޔަސް، މި ކަމުގައި އަހަރެންގެ ކުށެއް ނެތެވެ. ނަޖުމުއްދީނަކީ، އަހަރެންގެ ފިރިމީހާއެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ، އެ ގެއަށް ދާށެވެ. ގޮސް ވަނީމާ، ނެރޭކަށް ނުކެރޭނެއެވެ. އަހަރެން ފެނުނީމާ، ނަޖުމުއްދީނުގެ ހިތަށް ފިނިކަން ލިބޭނެއެވެ. ކުރިއެކޭ އެއްގޮތަށް، އަހަރެން ބަލައިގަންނާނެއެވެ. އަލަތު ދަރިފުޅު އެ ފަދަ ގޮތަކަށް ގެއްލުމުން، ދަރިން ދެކެ ލޯބިވާ ބަފައަކަށް އެހެން ވެދާނެއެވެ. އަހަރެންގެ ހިތަކު އޭނާގެ މައްޗަކަށް ޝަކުވާއެއް ނެތެވެ.

އެ ގޭ ކުރިމައްޗަށް އޮޓޯ މަޑުކޮށްލުމުން، ފައިސާ ދައްކާފައި، ގެނައި ކޮތަޅާއެކު އަހަރެން ފޭބީމެވެ. ދޮރޯށި ހުރީ ތަޅުލާފައެވެ. ބެލް ޖަހައިލީމެވެ. އިރުކޮޅަކުން ކޮންމެވެސް މީހަކު “އައި ހޯލް” އިން ބަލައިލިކަން އެނގުނެވެ. އެ މީހަކު އެނބުރި ދިޔަކަން ވެސް އެނގުނެވެ. ދެތިން މިނެޓު ފަހުން، މީހަކު އައިސް ދޮރު ހުޅުވާލައިފިއެވެ. ނަސީބު ރަނގަޅުކަމުން، ފުރަތަމަ ވެސް މި ދިމާވީ ނަޖުމުއްދީނާއެވެ. އަހަރެން ހިނިތުންވެލީމެވެ. އެއްވެސް ޝަކުވާއެއް ނެތްކަން އަންގާށެވެ. ނުރުހުމެއް ނެތްކަމުގެ ޔަޤީންކަން ދޭށެވެ. އޭނާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، އަހަރެންގެ ހިތް އޭނާގެ މައްޗަށް ސާފުކަން ދައްކާށެވެ.

“މި ވަރުގެ ބޮޑު ހިތާމައެއް މަށަށް ލިބުނީމަ ވެސް، ކަލޭގެ ގާތަށް އަންނަނީ ހިނިތަ؟” ރުޅިވެރިކަމާއެކު “އިންޑިއަން އިންގްލިޝް” އިން އޭނާ ހަޅޭއްލަވައިގަތެވެ. “ކަލޭ ތީ މަންމައަކަށް ކުފޫހަމަނުވާތާނގައި އިންސާނަކަށް ވެސް ކުފޫހަމާ މީހެއް ނޫނެއްނު! ތި ކަހަލަ ރަހުމުކުޑަ މީހަކަށް، މި ގެއަކުން ޖާގައެއް ނުލިބޭނެ. ތިހިރީ ވަރިކޮށްފަ. ދާން އުޅޭ!”

އަހަންނަށް ވަގުތުތުން ރޮއިގަނެވުނެވެ. ހީވެސް ކުރެވިފައިނުވާ ފަދަ ގޮތަކަށް ނަޖުމުއްދީން ކަންތައްކުރުމުންނެވެ. އަހަރެންގެ ރުއިމަށް ބީރު ކަންފަތެއް ދެމުން، އޭނާ އަހަރެންގެ ފޮށި ނެރެ، މަގުމަތީގައި ބެހެއްޓިއެވެ.

“ޕާސްޕޯޓާއި ތިން މަސްދުވަހުގެ ޚަރަދަށްވާ ވަރަށްވުރެ ވެސް، އިތުރަށް ފޮށީގައި ފައިސާ ހުންނާނެ!” ވިހޭތާ އެންމެ ހަތަރު ދުވަސްވީ އަންހެނަކު، ބޭރު ގައުމެއްގެ މަގުމަށްޗަށް ނެރި ބިކަކޮށްލާފައި، މޫނުމައްޗަށް ދޮރާށި ޖަހައި ތަޅުލީ، އޭނާގެ ހިތުގައި ރަޙުމުގެ ކުނޑިފުކެއް ވެސް ނެތްކަން ހާމަކޮށްދެމުންނެވެ.

ފޮށީގެ އަތްގަނޑުގައި ހިފަހައްޓާލައިގެން، އެ ހުރި ފިޔަވަޅުމަތީގައި، އެތައް އިރަކު އަހަންނަށް ރޯން ހުރެވުނެވެ. އެހެންނަމަވެސް ދެވަނަ ފަހަރަކު ބެލްއެއް ނުޖަހަމެވެ. އާދޭސްކުރުމުގެ ނިޔަތުގައި އެންމެ ފިޔަވަޅެއް ވެސް ނާޅަމެވެ. ބޭނުންވީ ލިބުނު މޮޅައިގެން، އެނބުރި އަމިއްލަ ޤައުމަށްދާށެވެ. މައިންބަފައިންގެ ބަސް މުގުރާ ދަރީންނަށް އަނިޔާލިބޭ ވާހަކަ އަޑުއަހަމެވެ. މިއަދު މި އޮތީ އެ ކަން ތަޖުރިބާ ވެސް ކުރެވިފައެވެ.

ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލަމުން، އަހަރެން ފޯނު ނަގައި، ދަރިފުޅުގެ ފޮޓޯއަށް ބަލައިލީމެވެ. ފިރިމީހާ ބީވީއެވެ. ލިބުނު ދަރިފުޅު ގެއްލުނީއެވެ. ދެ ލޮލުން ކަރުނަ އޮހިގަތީ އިޚުތިޔާރަކާ ނުލައެވެ. މި އޮތް ބޮޑު ގައުމުން ދަރިފުޅު ހޯދާނީ ވެސް ކިހިނެއް ހެއްޔެވެ؟ އަހަރެން ނިންމީ މަންމައަށް ގުޅާށެވެ! ކަމެއްދަމެއް ބޮޑުވާ ދުވަހު އެންމެ ގާތުގައި އަބަދުވެސް ތިބޭނީ، މައިން ބަފައިންނެވެ. ޢާއިލާއެވެ.

ގުޅަން އުޅެއުޅެ ހުއްޓާ ހިތަށް ވެރިވި އެއްޗަކުން، މަންމައަށް ގުޅާކަށް ނުކެރުނެވެ. މަންމަމެން ހާސްވެ ކަންބޮޑުވާނެވަރު ހިތަށް އަރާފައެވެ. ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފައި، އެންމެ ފަހުން އަހަރެން ގުޅީ މުބީނާއަށެވެ.

އެއްވެސް މީހެއްގެ ގާތު ނުބުނަން ޝަރުތުކޮށްފައި، އަހަރެންގެ މިއަދުގެ ހާލަތު މުބީނާއަށް ކިޔައިދިނީމެވެ. އަހަރެން މިހާރު ބޭނުންވަނީ، ވީ އެންމެ އަވަހަކަށް ރާއްޖެއަށް ދާށެވެ. އެހެންނަމަވެސް ދެވޭނެ ގޮތެއް ނެތެވެ. އެހީތެރިވާނެ މީހަކު ނެތީމައެވެ. މި ވާހަކަތައް ކިޔައިދިނުމުން، މުބީނާ އަހަންނަށް އިގުބާލު ނަމަކަށް ކިޔާ ދިވެއްސެއްގެ ނަންބަރު ފޮނުވިއެވެ. އެއީ އިންޑިޔާގައި ދިރިއުޅޭ ދިވެއްސެކެވެ. މުބީނާގެ ތިމާގެ މީހެކެވެ.

އިގުބާލަށް ގުޅިތާ ބައިގަޑިއެއްހައި އިރުގެ ތެރޭގައި، އޭނާ އަހަރެން ހުރި ތަނަށް އަތުވެއްޖެއެވެ. އެއީ މެދުއުމުރުން މައްޗަށް ގޮސްފައި ހުރި، ދުޅެހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. ފުރަތަމަ ފެނުމުން ވެސް، ހިތްހެޔޮ މީހެއްކަން އެނގުނެވެ. އޭނާ އެދުނީ އޭނާއާއެކު އެ ގެއަށް ދިޔުމަށެވެ. މުބީނާގެ ތިމާގެ މީހަކަށްވެފައި، ދިވެއްސެއްކަމުން، އެއްވެސް ޖެހިލުމެއް ނެތި އޭނާ އައި އޮޓޯއަށް އަހަރެން އެރީމެވެ.

އަހަންނަށް ކަންތައް ދިމާވި ގޮތް ކިޔައިދިނުމުން، އިޤުބާލު ބޭނުންވީ، ދަރިފުޅު ގެއްލުނު މައްސަލަ ފުލުހުންނަށް ހުށަހަޅާށެވެ. އެ ކަން އެހައި ފަސޭހަކަމަކަށް އަހަންނަކަށް ނުވިއެވެ. އެހެންނަމަވެސް އިގުބާލު ކުރުނުކުރުމުން، އެ ދެމަފިރިންނާއެކު އެ ދުވަހު ފުލުހުންގެ އިދާރާއަށް ދިޔައީމެވެ. ނަޖުމުއްދީނާ ފުރަތަމަ ދިމާވި ދުވަހުން ފެށިގެން، މިއަދާ ހަމައަށް ކަންތައްތައް ހިނގައިދިޔަގޮތް، ތަފުސީލުކޮށް ފުލުހުންނަށް ކިޔައިދިނީމެވެ. ދަރިފުޅުގެ ފޮޓޯއާއި ނަޖުމުއްދީނުގެ ފޮޓޯ ފުލުހުން އެދުމުން ދިނީމެވެ. ވިހޭ ހަސްފަތާލުގެ ނަން ބުނީމެވެ. ނަޖުމުއްދީންގެ ގެ ހުންނަތަން ވެސް ކިޔައިދިނީމެވެ.

އަހަރެންގެ ބަޔާން ނެގުމަށްފަހު ފުލުހުން އެންގީ، އެ މީހުންނަށް ނޭނގި، އެ އަވަށުން ބޭރު ނުވުމަށެވެ. އެހެންކަމުން ހިތާ ދެކޮޅަށް ނަމަވެސް، މަޖުބޫރުވީ، އިންޑިޔާގައި މަޑުކުރާށެވެ. އަހަރެން އިނީ، އިގުބާލުމެން ހިފައިގެން އުޅޭ ގޭގައެވެ. ދެ ލައްކަ ރުޕީސް ނަޖުމުއްދީން ދީފައި އޮތުމުން، ފައިސާގެ ގޮތުން އަހަރެން ކަންބޮޑުވާކަށް ނުޖެހެއެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅިތާ ފަސްވަނައަށް ވީ ދުވަހު، އަހަންނަށް ފޯނުކޯލެއް އައެވެ. ފުލުހުންގެ އިދާރާއިން އައި ކޯލެކެވެ. އެދުނީ އެ ތަނަށް ދިޔުމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނެތި، ފޯނު ކަނޑައިލީއެވެ. އަހަރެން އަވަސް އަވަހަށް ތައްޔާރުވެލައިގެން، ފުލުހުގެ އިދާރާއަށް ދިޔައީމެވެ. އިގުބާލުގެ ދެމަފިރިންނާ އެކުގައެވެ.

ފުލުހުންގެ ފަރާތުން އަހަންނަށް ލިބުނީ، ވަރަށް ވަރުގަދަ ސަޕްރައިޒްއެކެވެ. ގަބޫލުކުރާން ވެސް ދަތިވިއެވެ. ދުނިޔެމަތީގެ ހުރިހައި ކަމެއް އަހަރެންގެ ލޯމަތީން، އެ ވަގުތަށް ގެއްލުނު ކަހަލައެވެ. ފުލުހުންގެ އަންހެނަކު އައިސް، އަހަރެންގެ ލޯބިލޯބި ފުށްގަނޑެއް ފަދަ ދަރިފުޅު ދިއްކޮށްލުމުން، ވީ ގޮތްވެސް ނޭނގުނެވެ. ދަރިފުޅުގެ ގައިގައި ބައްދައިލެވުމާއެކު ވަގުތުން ރޮވިއްޖެއެވެ. ދެ ލޮލުން ކަރުނަ އޮހިގަތީ، މާ ކުރިން އެކަމަށް ތައްޔާރުވެފައި ހުރި ކަރުނަތަކެއް ފަދައިންނެވެ. އަހަންނަށް ހޭވެރިކަންވީ، ކިހައި އިރެއްފަހުންކަމެއް ވެސް ނޭނގެއެވެ.

ދަރިފުޅު ލިބުމުން ލިބުނު އުފަލަށްވުރެ، ފުލުހުންގެ ފަރާތުން ލިބުނު މަޢުލޫމާތުން ލިބުނު ހައިރާންކަން މާ ބޮޑުވިއެވެ. އަހަންނާ ކުރިމަތިވި މި ކަންތައްގަނޑަކީ، ދުރާލައި ބަޔަކު ރާވައިގެން ހިންގި ބޮޑު ޖަރީމާއެކެވެ. ކޮން ބަޔެއްކަމަށް ހެއްޔެވެ؟ ނަޖުމުއްދީނާއި އޭނާގެ އާއިލާއެވެ. ނަޖުމުއްދީނުގެ އެހެން އަނތްބަކު ހުރެއެވެ. އެ މީހާއަށް ދުވަހަކު ވެސް ދަރިއަކު ނުލިބޭނޭކަން ޑޮކްޓަރުންގެ ފަރާތުން ވަނީ ކަށަވަރުވެފައެވެ. އެހެންކަމުން އަހަންނަށް އޮޅުވާލައިގެން، ނަޖުމުއްދީން އަހަންނާ ކައިވެނިކުރީ، ދަރިއަކު ހޯދުމުގެ އެދުމުގައެވެ. އެ ރޭ ދަންވަރު ދަރިފުޅު ވަގަށް ނެގީ، ނަޖުމުއްދީނެވެ. އެހީތެރިވީ މައިދައިތައާއި، އެ ވޯޑުގައި އެ ރޭ ތިބި ނަރުހުންނެވެ. އެ މީހުން ފައިސާގެ ދަޅައަށް ހެއްލުނީއެވެ.

ކެޔޮގަނޑު ކަނޑާލީމާ، ގަހުގެ ބޭނުމެއް ނޯންނާނެއެވެ. އެހައި ހިސާބުން އެ އިލްޒާމު އަހަރެންގެ ބޮލުގައި އަޅުވާފައި، ވަރިކޮށްލީއެވެ. ފުލުހަށް މައްސަލަ ޖައްސައި، އެ ކަމާ އަހަރެން އުޅެފާނޭ ކަމަކަށް އެ މީހުން ހިޔެއް ނުކުރެއެވެ. އެހެންކަމުން ދަރިފުޅު ގޮވައިގެން، އެ މީހުން އުޅެމުން ގެންދިޔައީ ނަޖުމުއްދީންގެ ގޭގައެވެ. ފުލުހުން ފާރަލައިގެން ބެލި ބެލުމުން، އެ ގެއިން ތުއްތު ކުއްޖަކު ގޮވައިގެން، ނަޖުމުއްދީނުގެ ދެމަފިރިން ވަދެ ނިކުމެހަދާ މަންޒަރު ވަނީ ފެނިފައެވެ. އެ މީހުން ފުލުހަށް ހާޒިރުކުރުމުން، ފުރަތަމަ ބުނިކަމަށް ވަނީ، އެ ކުއްޖާގެ މަންމައަކީ ނަޖުމުއްދީނުގެ އަންހެނުން ކަމަށެވެ. މެޑިކަލް ޓެސްޓުގެ ނަތީޖާ ލިބުމުން، އެ ދޮގު ބޭޒާރުވީއެވެ. ކުރި ކުށަށް އިޢުތިރާފުވާން މަޖުބޫރުވީއެވެ. އެހައި ހިސާބުން އެ ދެ މަފިރިންނާއި، އެ ޖަރީމާގައި ޝާމިލުވާ އެންމެން ހައްޔަރުކުރީއެވެ.

އިންޑިޔާއިން އަހަންނަށް އިންސާފު ލިބުނެވެ. ކުށްކުރި މީހުންނަށް އަދަބު ލިބުނެވެ. އަހަރެން އިންޑިޔާއިން ފުރީ އުފަލުން ހުރެއެވެ. ދެން ދުވަހަކު ވެސް މީހަކާ އިންނާކަށް ހިތަކު ނެތެވެ. ގައުމަށް ފައިދާހުރި ކުއްޖަކަށް ދަރިފުޅު ހެދޭތޯ މަސައްކަތްކުރާނީއެވެ. އެ އަޒުމުގައި ހުރެ، ފުރާ ގިމަތައަށް އަހަރެން ވަދެގެން ދިޔައީ، އިގުބާލުގެ ދެމަފިރިންނާ ސަލާންކުރުމަށްފަހު، ހިތުގެ އެންމެ ފުންމިނުން އެ ދެމީހުންނަށް ޝުކުރު އަދާކުރަމުންނެވެ.

ނިމުނީ