އިންޑިއާ ސަރުކާރުގެ އެހީގައި ބޮޑު ކުރަން ނިންމާފައިވާ ހދ. ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓުގެ ކޮންޓެރެކްޓު އަންނަ ޖުލައި މަހުު ހަވާލުކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފި އެވެ.
ހަނިމާދޫ އެއާޕޯޓު އަލުން ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުންނެވެ.
އެ މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް ކުރާނީ އިންޑިއާގެ ކުންފުނިތަކުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މި މަޝްރޫއުގެ ކޮންސަލްޓެންޓް، އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން ވަނީ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓް (ޑީޕީއާރް) ގެ މަސައްކަތް ފުރިހަމަކޮށް ހުށައަޅާފަ އެވެ.
އިންޑިއާ ސަރުކާރުން ވަނީ ޑީޕީއާރް މަސައްކަތްތަކަށް ހަރަދުކޮށްފަ އެވެ. އެ ޑީޕީއާރް ދިވެހި ސަރުކާރުން ވަނީ ގަބޫލުކޮށްފަ އެވެ.
އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އިންޑިއާ ހައިކޮމިޝަނުން ބުނީ ހަނިމާދޫ އެއާޕޯޓު އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގައި މިހާރު ކުރަމުން ގެންދަނީ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް ކަމަށެވެ. އެ މަޝްރޫއުގެ ކޮންޓްރެކްޓް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހަވާލު ކުރާނެ ކަމަށް ކަމަށާއި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމަން ނަގާނީ ދެ އަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ މަޝްރޫއަށް ލަފާ ކުރެވޭ އަގަކީ 85 މިލިއަން ޑޮލަރު ކަމަށާއި އަގު ފައިނަލް ކުރެވޭނީ ދިވެހި ސަރުކާރުގެ ފަރާތުން މަޝްރޫއަށް ހުށަހަޅާ ޓެންޑަރުތައް އިވޭލުއޭޓް ކުރުމަށް ފަހު ކަމަށެވެ.
އުތުރުގެ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މަސައްކަތް ނިމުމުން ބަދަލުތަކެއް އަންނާނެ އެވެ. އެގޮތުން އެއާޕޯޓުގެ ރަންވޭ 1350 މީޓަރުން 2640 މީޓަރަށް ފުޅާކުރެވޭނެ އެވެ. އަދި ފުޅާމިނުގައި 34 މީޓަރު ހުންނަ، ދެ ފަރާތުގައި 5.5 މީޓަރުގެ ދެ ޓެކްސީވޭ ލޭންޑް ހުންނައިރު ސީސައިޑް ކަނެކްޓިވިޓީ އާއި ޕެސެންޖާ ފެސިލިޓޭޝަން ހިމެނޭހެން 10،230 އަކަމީޓަރުގެ އިމާރާތެއް އޮޕަރޭޝަނަށް އެކަށީގެންވާހެން ގާތްގަނޑަކަށް 58،000 އަކަމީޓަރުގެ އޭޕްރަންއެއް ވަނީ ފަރުމާކުރުމާއި ކޯޑްއެފް އެއާ ކްރާފްޓްތަކުގެ އޮޕަރޭޝަންތަކަށް އެކަށީގެންވާ ޕެސެންޖާ ޓާމިނަލެއް ގާއިމުކުރާނެ އެވެ.
އެއާޕޯޓްގެ އިންފްރާސްޓްރަކްޗާ ގާއިމްކޮށް ނިމުމުން، ހަނިމާދޫ އާއި ރާއްޖޭގެ އުތުރުގެ ރަށްތަކުގެ ފަތުރުވެރިކަމަށް ބޭނުންވާ އެތައް ކަމަކަށް ހައްލުތަކެއް ލިބި، ރަށްތަކުގެ އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް އެހީތެރިވާ ބައިވެރިއަކަށް ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ވެގެންދާނެ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގެ އުތުރުގެ އަތޮޅުތަށް ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުން ތަރައްގީއާއި ކުރިއެރުމަށް ހުޅުވާލުމަށް ބޭނުން ކުރެވޭ މުހިއްމު ވަސީލަތަކަށް ހަނިމާދޫ އެއާޕޯޓު ވެގެންދާނެ އެވެ.