ރާއްޖޭގައި އޮޕަރޭޓްކުރާ ސަރަހައްދީ ބޭންކުތަކުން ކޮންމެ އަހަރަކު 500 މިލިއަން ޑޮލަރު ރާއްޖެ ގެންނަންޖެހޭ ގޮތަށް މާލީ އުސޫލުތައް ބަދަލުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ރާއްޖޭގެ އިގުތިސާދަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި މައްސަލައިގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްއިން ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ބޭންކުތަކުންވެސް މިކަމުގައި ޒިންމާދާރު ދައުރެއް އަދާކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިހާރު އަމަލުކުރަމުންދާ އުސޫލަކީ ރާއްޖެއަށް ލިބޭ ޑޮލަރު ސަރަހައްދީ ބޭންކުތަކުން އެ ބޭންކުތައް ނިސްބަތްވާ ގައުމުތަކަށް ފޮނުވުން ކަމަށާއި، މިއީ ރާއްޖޭގެ މާލީ ނިޒާމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ދައުލަތުގެ މާލީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި އޮޕަރޭޓްކުރާ ސަރަހައްދީ ކޮންމެ ބޭންކަކުންވެސް އަހަރެއްގެ މައްޗަށް 500 މިލިއަން ޑޮލަރު ރާއްޖެއަށް ގެންނަންޖެހޭ ގޮތަށް ގަވާއިދުތައް އެކުލަވާލަންޖެހޭ ކަމަށް ވިދާޅުވި އެވެ. މިފަދަ އުސޫލެއް ގާއިމުކުރެވިއްޖެނަމަ، ރާއްޖޭގެ ބާޒާރުގައި ޑޮލަރު ލިބެންހުންނަ މިންވަރު އިތުރުވެ، ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 21 ރުފިޔާގަ އެވެ. އަދި މިކަމަށް އަވަސް ހައްލެއް ނުހޯދިއްޖެނަމަ، ކުރިއަށް އޮތް ތަނުގައި މި އަދަދު މަތިވެގެންދާނެ ވަރެއް އަންދާޒާކުރަންވެސް ނޭނގޭ ކަމަށް ވިދާޅުވެ، މާލީ ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރު ދެއްވި އެވެ.