ލ. ހިތަދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެންދާތީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު ޝާކިރު ވަނީ، ސަރުކާރުން ކުރަމުންދާ ބޭކާރު ހަރަދުތައް ހުއްޓާލައި، ގާނޫނުއަސާސީން ރައްޔިތުންނަށް ލާޒިމުކޮށްފައިވާ އަސާސީ ހައްގުތައް އެއްވެސް ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މި މައްސަލައަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ކަމަކަށްވާތީ، ކަމާބެހޭ ކޮމިޓީގެ ބައްދަލުވުމެއް ވީ އެންމެ އަވަހަކަށް ތާވަލުކޮށްދެއްވުމަށް އޭނާ ވަނީ އެދިފަ އެވެ.

ހިތަދޫގެ ކަރަންޓުގެ ހިދުމަތަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް މި އަހަރު ފެށުނީއްސުރެ ރަށުގެ ރައްޔިތުން މަސައްކަތް ކުރަމުންދާކަން ޝާކިރު ފާހަގަކުރެއްވި އެވެ. ހިތަދޫގައި ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ހަލާކުވެފައިވުމުގެ ސަބަބުން، ކޮންމެ ބައިގަޑިއިރަކުން ކަރަންޓު ކެނޑެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން ގޭގޭގައި ބޭނުންކުރާ އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބެމުންދާކަންވެސް ވަނީ ފާހަގަކޮށްފަ އެވެ. ކަރަންޓު މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރު ނުކުޅެދިފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ހިތަދޫ ފެނަކަ ބްރާންޗުން މީގެ ކުރިން ބުނެފައިވަނީ، ރަށުން ކަރަންޓު ކެނޑެނީ އެންމެ ބޮޑު ޖަނަރޭޓަރު ހަލާކުވުމުން ކަމަށެވެ. ބާކީ ހުރި ދެ ޖަނަރޭޓަރުން މުޅި ރަށަށް އެއްފަހަރާ ކަރަންޓު ނުދެވޭތީ، ދެ ސަރަހައްދަކަށް ބަހާލައިގެން ކޮންމެ އެއްގަޑިއިރަކުން ބަދަލުކުރާ ގޮތަށް ކަރަންޓު ދެމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.