މި މަހުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 3.5 ޕަސެންޓް ދަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 79،000 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި 82،000 ޓޫރިސްޓުންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ދަށްވުމެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް މި ހީނަރުކަން ކުރިމަތިވާން ފެށީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރަށް އައި ބަދަލުތަކާ ގުޅިގެން، މި އަހަރުގެ މާޗް މަހުން ފެށިގެންނެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.1 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފަސް ޕަސެންޓުގެ ދަށްވުމެކެވެ.
މީގެ ތެރެއިން އެންމެ ބޮޑު ހީނަރުކަމެއް ފެނުނީ މިދިޔަ އޭޕްރީލް މަހުގަ އެވެ. އެ މަހު ރާއްޖެއަށް އައި މީހުންގެ އަދަދު 24 ޕަސެންޓް ދަށްވިިއިރު، އާންމުކޮށް ޔޫރަޕުން އެންމެ ގިނައިން މީހުން އަންނަ މާޗް މަހު ވެސް ވަނީ 19 ޕަސެންޓުގެ ދަށްވުމެއް ރެކޯޑުކުރެވިފަ އެވެ.
ޓޫރިސްޓުން އަންނަ އަދަދު މި ދުވަސްވަރު މަދުވި ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި މަސްރަހު އަނެއްކާވެސް ވަނީ މަޑުމަޑުން ރަނގަޅުވާން ފަށާފަ އެވެ. ބައެއް ރިސޯޓުތަކުން ލަފާކުރާ ގޮތުގައި މި އަންނަ ހެޔޮ ބަދަލުތައް މާކެޓުން ބޮޑަށް ފެންނަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން މީހުން ޒިޔާރަތްކުރި މާކެޓަކީ ޗައިނާ އެވެ. ދެވަނައަށް އެންމެ ގިނަ މީހުން ރަޝިއާއިން އައިއިރު، ތިންވަނައިގައި އުޅެނީ އިނގިރޭސިވިލާތެވެ. މީގެ އިތުރުން އިޓަލީ، ޖަރުމަނު، ފްރާންސް އަދި ސްވިޒަލެންޑް ހިމެނޭހެން ޔޫރަޕްގެ ގައުމުތަކަކީ އަދިވެސް ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ މަންޒިލްތަކެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. އެގޮތުން ރާއްޖެ އަންނަ މީހުންގެ 73 ޕަސެންޓް ހިއްސާކުރާ ރިސޯޓުތަކުގައި މި އަހަރުގެ މިހާތަނަށް 8 ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ވަގުތު ހޭދަކޮށްފަ އެވެ. އަދި ބާކީ ހުރި މީހުންގެ ތެރެއިން 23 ޕަސެންޓް، އެއީ ގާތްގަނޑަކަށް 250،000 ޓޫރިސްޓުން، ޗުއްޓީ ހޭދަކުރުމަށް އިހްތިޔާރުކޮށްފައި ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކެވެ.
އެނާޖީ ބުއިންތަކުން ހިތަށް ބޮޑެތި ގެއްލުންތަކެއް!
ޕާކިސްތާނުގައި 100 އަށްވުރެ ގިނަ ކުޑަކުދިންނަށް އެއިޑްސް ޖެހިއްޖެ
ދަތުރުފަތުރުގެ އަގު 9 ޕަސެންޓަށް އުފުލިއްޖެ