ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިޔަވާ ލޯނު އަދި އެޑިއުކޭޝަން ފައިނޭންސިން އަށް ހެޔޮ ބަދަލުތަކެއް ގެނެސް، ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި އެފަދަ ކޯސްތަކާ ގުޅުންހުރި ސާޓިފިކޭޝަން ފީ ދެއްކުމަށް ޑޮލަރުން ފައިނޭންސިން ލިބޭ ގޮތް ހަމަޖައްސައިފި އެވެ.

މިއީ އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިން އެކެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޕްރޮފެޝަނަލް ތަމްރީނުތަކާއި ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް، މި ފައިނޭންސްގެ ދަށުން ޑޮލަރުން ލިބުމަކީ ބޭރު ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ މަގުފަހިވެގެންދާނެ ކަމެކެވެ.

މި ފައިނޭންސިން ދަށުން، ކޯސް ފީތައް ބޭންކުން ސީދާ ތައުލީމީ މަރުކަޒަކަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެ އެވެ. އަދި ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް (އެލަވަންސް) ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކިޔަވާ ލޯނަށް މި ގެނައި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނައި ބަދަލެއް ކަމަށެވެ.

"އަދި ރަހުނަކާ ނުލައި ޑޮލަރުން ލިބޭ މި ފުރުސަތަކީ މަތީ ތައުލީމާއި ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް." ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އީޖާދީ އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރިވަރުންގެ ތައުލީމީ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށެވެ.