ސިވިލް ސާވިސް ކޮމިޝަނުން ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ ކުޑަކުރަން ނިންމައިފި އެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން ގެނައި މި ބަދަލާއެކު، އަންނަ އޮގަސްޓު މަހުން ފެށިގެން އާ އުސޫލަށް އަމަލުކުރުމަށް ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދު ވަނީ ޕާމަނަންޓް ސެކްރެޓަރީންނާއި ކައުންސިލްތަކުގެ އިސްވެރިންނަށް ސިޓީއަކުން އަންގަވާފަ އެވެ.
އާ އޮނިގަނޑުގެ ދަށުން މުސާރައިގެ އުނިކަން އަންނަނީ އެގްޒެކެޓިވް އެލަވަންސަށް ކަމަށް ވާއިރު، މިސާލަކަށް ސިޓީ ކައުންސިލްތަކުގެ އެސްޖީންނަށް އެލަވަންސްގެ ގޮތުގައި ކުރިން ލިބެމުންދިޔަ 28،095 ރުފިޔާގެ ބަދަލުގައި ދެން ލިބޭނީ 23،065 ރުފިޔާ އެވެ. މިއީ މަހަކު 5،030 ރުފިޔާގެ އުނިވުމެކެވެ.
މި ނިންމުމާ ގުޅިގެން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.
މި ނޫހަށް މައުލޫމާތު ދެއްވި ބައެއް ކައުންސިލަރުން ސިފަކުރެއްވި ގޮތުގައި، ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމުގައި އެސްޖީން އަދާކުރާ މުހިންމު ދައުރަށް ބަލާއިރު މިއީ ފަހަތަށް އެޅުނު ފިޔަވަޅެކެވެ. އަދި މި ބަދަލުގެ ސަބަބުން އެސްޖީންގެ ދަށުން މަސައްކަތްކުރާ ޑިރެކްޓަރުންގެ މުސާރަ އެސްޖީންގެ މުސާރައަށް ވުރެ ބޮޑުވާކަން ވެސް ފާހަގަކުރެއްވި އެވެ.
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
ރާއްޖޭގައި މަރުވި ސިންގަޕޫރު ކުއްޖާގެ އާއިލާއިން ދައުވާކޮށްފި