އީރާނުން އދ. އަށް ކަނޑައަޅާފައިވާ ވަފުދުގެ ދެ މެންބަރަކު އެމެރިކާއިން ބޭރުކޮށްލައިފި ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ދެ މެންބަރުން ބޭރުކޮށްލީ ދާދިފަހުން ބޭއްވި އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށްފަހު، އެމެރިކާއިން ފުރައިގެން ދިއުމަށް އެންގި އެންގުމަށް އިޖާބަ ނުދިނުމާ ގުޅިގެންނެވެ.

އެމެރިކާގެ އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އދ. ގެ އާންމު މަޖިލިސް ނިމުނުތާ ގިނަ ދުވަސްތަކެއް ވީއިރުވެސް އީރާނުގެ ވަފުދުގެ ދެ މެންބަރަކު ނިއުޔޯކުގައި މަޑުކޮށްގެން ތިބިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި މިހާރު އެމީހުން އެމެރިކާއިން ބޭރުކޮށްލާފައިވާ ކަމަށާއި، މިއީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މިފަދަ ކަންކަމުގައި ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގެ ހެއްކެއް ކަމަށްވެސް އޮފިޝަލް ބުންޏެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީއާއި އޭނާގެ ޓީމު ސެޕްޓެމްބަރު 28 ގެ ނިޔަލަށް އެމެރިކާއިން ފުރައިގެން ދިއުމަށް ސްޓޭޓް ޑިޕާޓްމަންޓުން އޮތީ އަންގާފަ އެވެ. ނަމަވެސް، އޮކްޓޫބަރު 2 ވަނަ ދުވަހާ ހަމައަށްވެސް އެ ދެ މެންބަރުން ފުރާފައި ނުވާކަން އދ. ގައި ހުންނަ އީރާނުގެ މިޝަނުން އެނގުމާ ގުޅިގެން، އެމެރިކާއިން ވަނީ އެމީހުން ޑީޕޯޓްކޮށްލަން ނިންމާފަ އެވެ.

އެކްސިއޯސް ނޫހުން ރިޕޯޓްކުރި ގޮތުގައި، އެ ދެ މެންބަރުންގެ ތެރެއިން އެކަކު އޮކްޓޫބަރު 2 ވަނަ ދުވަހުގެ ރޭ ފުރާފައިވާއިރު، ދެވަނަ މީހާ ފުރާފައިވަނީ އޮކްޓޫބަރު 3 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

އެމެރިކާއާއި އީރާނުގެ އިސް އޮފިޝަލުން ވަނީ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބައްދަލުކުރައްވާފަ އެވެ.

ހޮރްމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށް ތެހެރާނުން ހުށަހެޅި ހުށަހެޅުމަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންކާރު ކުރައްވާފަ އެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ މެދުގައި މަޝްވަރާތައް އަލުން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޓްރަމްޕް މީޑިއާތަކަށް ވިދާޅުވިނއެވެ. މިއާ ހިލާފަށް އީރާނުގެ ދައުލަތުގެ ނިއުސް އެޖެންސީ 'އިރްނާ' އިން ބުނެފައިވަނީ، ވޮޝިންޓަނާއެކު ސީދާ އެއްވެސް މަޝްވަރާއެއް ބޭއްވުމަށް މިވަގުތު ތާވަލުކުރެވިފައި ނެތް ކަމަށެވެ.